ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދެ ޕެޓްރޯލް ޝެޑް ހަދައި، އެ ތަން ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) އިން އިއުލާންކޮށްފި އެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ދެވަނަ ފިޔަވަހީގައި ގެދޮރު އިމާރާތް ކުރުމުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާއިރު، އަދި ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅޭނެތީ އަސާސީ ހިދުމަތްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޕެޓްރޯލް ޝެޑް ހަދަން އެ ކުންފުނިން ވަނީ 7،327.20 އަކަފޫޓުގެ ބިމަކާއި 10،179.31 އަކަފޫޓުގެ ބިމެއް ކަނޑައަޅައިފަ އެވެ. މީގެ ތެރެއިން 7،327.20 އަކަފޫޓު ބިމުގައި ޕެޓްރޯލް ޝެޑެއްގެ އިތުރުން ކާރު ދޮންނަ ތަނެއް ހެދުމަށް ހަމަޖެހިފައިވާއިރު ދެވަނަ ބިމުގައި ފުރޮޅު ބެއްދުމާއި ފުރޮޅު ބަދަލު ކުރުން ފަދަ ކުދިކުދި މަރާމާތުތައް ކުރެވޭނެ ގަރާޖެއް ހުންނާނެ ކަމަށް އެޗުޑީސީން ބުންޏެވެ.
ދެ ޕެޓްރޯލް ޝެޑުން ވެސް ސެލްފް ސާވިސް ހިދުމަތް ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިންނެވެ. ޕްރީ ޕްރޮޕޯޒަލް ބައްދަލުވުން އޮންނާނީ މި މަހުގެ 18 ގަ އެވެ.