ލަންޑަން (އޮކްޓޯބަރު 12) - އާސެނަލްގެ ގޯލްކީޕަރު ޕެޓަ ޗެކް އާއި އެވަޓަންގެ މިޑްފީލްޑަރު ގަރެތު ބެރީ މި އަހަރުގެ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.
ކުރިން ޗެލްސީ އަށް ކުޅުނު ކީޕަރު ޗެކް ރެކޯޑް ފޮތުން ޖާގަ ހޯދީ އިނގިރޭސި ޕްރިމިއާ ލީގުގައި ލަނޑެއް ވައްދާނުލާ އެންމެ ގިނަ މެޗު ހަމަކުރި ކީޕަރުގެ ގޮތުގަ އެވެ. ޗެކް ވަނީ ޕްރިމިއާ ލީގުގައި 174 ކްލީން ޝީޓް ހަމަކޮށްފަ އެވެ.
ޗެކް ރެކޯޑް ހެދީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޯންމައުތު އަތުން އާސެނަލް 2-0 އިން މޮޅުވި މެޗުގަ އެވެ. މި ރެކޯޑް ކުރިން އޮތީ ލިވަޕޫލާއި މެންޗެސްޓާ ސިޓީގެ ކުރީގެ ކީޕަރު ޑޭވިޑް ޖޭމްސް އަތުގަ އެވެ.
އެވަޓަންގެ މިޑްފީލްޑަރު ބެރީ އަށް ރެކޯޑް ފޮތުން ފުރުސަތު ލިބުނީ އިނގިރޭސި ފުރަތަމަ ޑިވިޝަންގައި އެންމެ ގިނަ މެޗުގެ ފުރަތަމަ އެގާރައިގައި ކުޅުނު ކުޅުންތެރިއާގެ ރެކޯޑް ހެދުމުންނެވެ. ކުރިން އެސްޓަން ވިލާ އާއި މެންޗެސްޓާ ސިޓީ އަށް ކުޅުނު ބެރީ ވަނީ މިހާތަނަށް އިނގިރޭސި ފުރަތަމަ ޑިވިޝަންގައި 580 މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ.
މި ދެ ރެކޯޑްގެ އިތުރުން މި ފަހަރު ގިނެސް ރެކޯޑް ފޮތުގައި ވަނީ ފުޓްބޯޅައިން އިތުރު 10 ރެކޯޑެއް ހިމަނައިފަ އެވެ. އޭގެ ތެރޭގައި އެންމެ އަވަސް ހެޓްރިކް ހެދި ސަޑިއޯ މާނޭ އާއި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑް ހެދި ޖޭމީ ވާޑީ ހިމެނެ އެވެ. މާނޭ 2 މިނިޓް 56 ސިކުންތުން ސައުތެމްޓަނަށް ހެޓްރިކެއް ހަދައިދިންއިރު، ވާޑީ ރެކޯޑް ހެދީ ޖެހިޖެހިގެން 11 މެޗުގައި ލަނޑު ޖަހައިގެންނެވެ.