ލަންޑަން (އޮކްޓޫބަރު 10) - އެންމެ މަތީ ފަންތީގައި ވިހި އަހަރު ކުޅުމަށް ފަހު މިދިޔަ ސީޒަން ނިމުމުން ފުޓްބޯޅައިން ރިޓަޔާކުރި ތަޖުރިބާކާރު ގޯލްކީޕަރު ޕީޓަ ޗެކް، އިނގިރޭސި އައިސް ހޮކީ ޓީމެއް ކަމަށްވާ ގިލްފޯޑް ފީނިކްސް އަށް ސޮއިކޮށްފި އެވެ.

އުމުރުން 37 އަހަރުގެ ޗެކް އެންމެ ފުރަތަމަ ކުޑައިރުގައި ޝައުގުވެރިވެ ކުޅުނީ އައިސް ހޮކީ އެވެ. ފަހުން ފުޓްބޯޅަ ތެރެއަށް އައިސް ޕްރޮފެޝަނަލް ކުޅުންތެރިއަކަށް ބަދަލުވީ އެވެ. މިހާރު ޗެލްސީގެ ޓެކްނިކަލް ޕާފޯމަންސް އެޑްވައިޒަރެއްގެ މަގާމުގައި ހުރި ޗެކް ބުނީ އައިސް ހޮކީ އަކީ އޭނާގެ ޝައުގުވެރިކަން އަބަދުވެސް އޮންނަ ކުޅިވަރެއް ކަމަށާއި އޭގެ އިން ވެސް ޒުވާން ކުޅުންތެރިންނަށް އެހީވާން ބޭނުންވާ ކަމަށެވެ.

"އަހަރެންގެ އުއްމީދަކީ މި ޒުވާން ކުޅުންތެރިން މި ތިބި ޒުވާން ޓީމަށް އަހަރެންގެ އެހީތެރިކަން ދެވެން އޮތްގޮތަކުން ދިނުން. ފުޓްބޯޅަ ވިހި އަހަރު ކުޅުމަށް ފަހު އައިސް މި ކަހަލަ ކަމެއް ތަޖުރިބާކޮށްލުމަކީ އަހަންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް. މިއީ އަހަރެން ކުޑައިރުގައި ޓީވީން ބަލައި ކުޅެ އުޅުނު ކުޅިވަރެއް،" ޗެކް ބުންޏެވެ.

ޗެލްސީގެ މެޗެއްގެ ތެރެއިން ޕީޓަ ޗެކް. -- ފޮޓޯ: އޭއެފްޕީ
ޗެލްސީގެ މެޗެއްގެ ތެރެއިން ޕީޓަ ޗެކް. -- ފޮޓޯ: އޭއެފްޕީ

ގިލްފޯޑް ފީނިކްސްގައި ޗެކް ހުންނާނީ އެ ޓީމުގެ ތިން ވަނަ ކީޕަރެއްގެ ގޮތުގަ އެވެ. އަދި އޭނާ އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނީ ޗެލްސީގެ މަސައްކަތްތަކަށް ފަހު ލިބޭ ހުސް ވަގުތުތަކުގަ އެވެ. އޭނާ ސޮއިކުރީ އެ ކަންތައްތަކަށް ކްލަބާ އެކު އެއްބަސްވުމަށް ފަހު އެވެ.

އުފަން ގައުމު ޗެކް ރިޕަބްލިކުގެ ކްލަބަކުން 1999 ވަނަ އަހަރު ކެރިއަރު ފަށައި އެ ގައުމުގެ ގަދަބާރު ސްޕާޓާ ޕްރާގް އާއި ފްރާންސްގެ ރޭނިސް އަށް ވެސް ކުޅުމަށް ފަހު ހޯސޭ މޮރީނިއޯގެ އެދުމުގެ މަތިން ޗެލްސީ އަށް ބަދަލުވީ 2004 ގަ އެވެ. އެ ޓީމާ އެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕް ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކުރި އެވެ. ފަހުން 2015 ވަނަ އަހަރު އާސެނަލަށް ބަދަލުވެ، އެ ޓީމާ އެކު ވެސް އެފްއޭ ކަޕެއް ކާމިޔާބުކުރި އެވެ. އޭނާ ވަނީ ޗެކް ރިޕަބްލިކް ގައުމީ ޓީމަށް 2002 އިން 2016 އަށް 124 މެޗު ކުޅެދީފަ އެވެ.