ލަންޑަން (ޖެނުއަރީ 16) – މި ސީޒަން ނިމުމުން ފުޓްބޯޅަ ކުޅުން ހުއްޓާލަން އާސެނަލުގެ ޗެކް ރިޕަބްލިކުގެ ގޯލްކީޕަރު ޕެޓާ ޗެކް ނިންމައިފި އެވެ.
އުމުރުން 36 އަހަރުގެ ޗެކް 2015 ވަނަ އަހަރު އާސެނަލާ ގުޅުނީ ޗެލްސީގައި 11 އަހަރު ހޭދަކުރުމަށް ފަހު އެވެ.
"ޕްރިމިއާ ލީގުގައި 15 އަހަރު ކުޅެ، ކާމިޔާބުކުރެވެން އޮތް ހުރިހާ ތަށްޓެއް ހާސިލްކުރެވުމުން އަހަންނަށް އިހުސާސްކުރެވުނީ އަހަރެން އަމާޒުކުރި ހުރިހާ ކަމެއް ވާސިލްވީ ކަމަށް،" ޗެކް ބުންޏެވެ. "އަހަރެން އާސެނަލުގައި ބުރަކޮށް މަސައްކަތްކުރަމުން އަންނާނަން، މި ސީޒަނުގައި އިތުރު ތަށްޓެއް ކާމިޔާބުކުރުމުގެ އުއްމީދުގައި."
ޗެލްސީ އަށް ކުޅެނިކޮށް 2006 ވަނަ އަހަރުގެ ރެޑިންގެ ސްޓެފެން ހަންޓާ މުޑިއަރައި، ޗެކްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލައި، ކުޅުން ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރާ ކުރިމަތިވި އެވެ. އެކަމަކު ތިން މަސް ދުވަހަށް ފަހު އެނބުރި އަ އެވެ. އެކަމަކު އޭގެ ފަހުން އޭނާ އަބަދުވެސް ކުޅެނީ ބޮލުގައި ގާޑެއް އަޅުވައިގެންނެވެ.
ޗެކް ބުނީ ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅޭތާ 20 އަހަރުވުމާ އެކު، މިއީ ކުޅުން ހުއްޓާލަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރާ ކަމަށެވެ.
ޗެކް ރިޕަބްލިކުގެ ކްލަބަކުން 1999 ވަނަ އަހަރު ކެރިއަރު ފަށައި އެ ގައުމުގެ ގަދަބާރު ސްޕާޓާ ޕްރާގް އާއި ފްރާންސްގެ ރޭނިސް އަށް ވެސް ކުޅުމަށް ފަހު ޗެލްސީ އަށް ބަދަލުވީ 2004 ގަ އެވެ. އެ ޓީމާ އެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕް ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކުރި އެވެ. އާސެނަލާ އެކު ވެސް އެފްއޭ ކަޕެއް ކާމިޔާބުކުރި އެވެ. އޭނާ ވަނީ ޗެކް ގައުމީ ޓީމަށް 2002 އިން 2016 އަށް 124 މެޗު ކުޅެދީފަ އެވެ. –ބީބީސީ