ޕްރާގާ (ޖުލައި 9) - ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ޗެކް ރިޕަބްލިކުގެ ޕެޓާ ޗެކް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ޗެކް ރިޕަބްލިކުގެ ގައުމީ ޓީމަށް 2002 ވަނަ އަހަރު ކުޅެން ފަށައި މިހާތަނަށް 121 މެޗު ކުޅެދީފައިވާ އުމުރުން 34 އަހަރުގެ ކީޕަރުގެ ފަހު މުބާރާތަކީ މިހާރު ކުރިއަށްދާ ޔޫރޯ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުން އެ ޓީމު ވަނީ ކަޓައިފަ އެވެ.

ގައުމީ ޓީމާ އެކު ޗެކް ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2004 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލުގައި ކުޅުމެވެ.

"ކުޑައިރު އަހަރެންގެ އުއްމީދަކީ ގައުމީ ޓީމަށް އެންމެ މެޗެއް ނަމަވެސް ކުޅެލުން. އެކަމަކު ގިނަ އަދަދަކަށް މެޗު ކުޅެވިއްޖެ އެކަމާ ފަހުރުވެރިވަން،" ޗެކް ބުންޏެވެ.

ކްލަބް ލެވެލްގައި އިންގްލެންޑުގެ ޗެލްސީއަށް ކުޅެ އެ ޓީމާ އެކު އިނގިރޭސި ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ފަހު މިހާރު އޭނާ ކުޅެނީ އާސެނަލަށެވެ.