ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ފެނިފައިވާ މި ދުވަސްވަރު، މޯލްޑިވިއަން ރެޑް ކްރެސެންޓް ސޮސައިޓީ (އެމްއާރްސީ) ގެ ނަމުގައި މީހުންނަށް ގުޅައި، ޒާތީ މައުލޫމާތު ހޯދަން އެ ޖަމާއަތުން މަސަައްކަތް ނުކުރާ ކަމަށާއި އެމްއާރުސީގެ ނަމުގައި ކުރާ ކޯލްތަކަށް ސަމާލުކަން ނުދިނުމަށް މިއަދު އިލްތިމާސްކޮށްފި އެވެ.

ނަމަވެސް އެކި މީސްމީހުންނަށް ސައިކޯ ސޯޝަލްގެ ޚިދުމަތް ދިނުމަށް ގުޅާނެ ކަމަށް އެމްއާރުސީން ބުންޏެވެ.

ޗައިނާގެ ވުހާން ޕްރޮވިންސް އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެނުނު މި ވައިރަސްއާ ގުޅޭ ގޮތުން އެމްއާރުސީން ސާވޭއެއް ކުރިއަށް ގެންދާ ކަމަށް ބުނެ، ބަޔަކު ދަނީ އާންމުންނަށް ގުޅަމުން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. ނަމަވެސް އެ ތަނުން މިފަދަ ކަމެއް ނުކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ފޯން ކޯލެއް ނުކުރާނެ ކަމަށް ބުންޏެވެ.

އެމްއާރުސީން ބުނިގޮތުގައި، މީހުންގެ ޒާތީ މައުލޫމާތު ހޯދަން އެ ޖަމިއްޔާ އިން އެއްވެސް މީހަކަށް ނުގުޅާނެ އެވެ. އަދި އެ ޖަމިއްޔާގެ ނަމުގައި ބަޔަކު ގުޅައިފި ނަމަ، ޒާތީ މައުލޫމާތު ނުދިނުމަކީ އެމްއާރުސީގެ އެދުމެކެވެ.

ފަރުވާއެއް ހޯދިފައި ނުވާ މި ކޮވިޑް ބަލި މިހާރު ވަނީ މުޅި ދުނިޔެ އަށް ފެތުރިފަ އެވެ. މި ބަލި ފެތުރުން މަދުކުރުމުގެ ގޮތުން ސަރުކާރުންނާއި އެޗްޕީއޭ ކުރަމުން އަންނަ މަސައްކަތާ ގުޅިގެން އެމްއާރްސީން ވެސް އަންނަނީ އެއްބާރުލުން ދެމުންނެވެ.

މި މަހުގެ ހަތްވަނަ ދުވަހު މި ކޮވިޑް ބަލި ރާއްޖެ އިން ފެނުމުގެ ކުރިން، މި ބައްޔާ ގުޅޭ ގޮތުން، ރާއްޖޭގައި އުޅޭ ބިދޭސީން ހޭލުންތެރި ކުރަން އެމްއާރްސީން ދިޔައީ "ޑޯޓުޑޯ" ހަރަކާތްތަކެއް ހިންގަމުންނެވެ. މާލެ ސަރަހައްދުން އެކަނި ވެސް 6،000 އަށް ވުރެ ގިނަ ބިދޭސީންނަށް މައުލޫމާތު ދިން ކަމަށް އެ ޖަމިއްޔާ އިން ކުރިން ބުނެފައި ވެ އެވެ.

މީގެ އިތުރުން، މި ބަލި ފެތުރުން މަދު ކުރުމަށްޓަކައި ސަރުކާރުން ވަނީ ރާއްޖެ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތަކަށް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ގެނެސްފަ އެވެ. ސްކޫލްތަކާއި ކޮލެޖްތަކުގެ ކިޔެވުން ދެ ހަފްތާއަށް ބަންދުކޮށްފައި ވާ އިރު، ސަރުކާރު އޮފީސްތައް ވެސް މިހާރު ވަނީ އެއް ހަފްތާއަށް ބަންދުކޮށްފަ އެވެ. ރާއްޖެއިން މި ބައްޔަށް 13 މީހަކު ޕޮޒިޓިވް ވި ނަމަވެސް، އެ އެންމެނަކީ ވެސް ޓޫރިސްޓުން/ބިދޭސީންނެވެ. އެ 13 މީހުންގެ ތެރޭގައި ހިމެނޭ ދެ ބިދޭސީންނަކީ ރާއްޖެ އިން އެންމެ ފުރަތަމަ ކޮވިޑް ލި ފެނުނު ކުރެއްދޫ ރިސޯޓުގެ މުވައްޒަފެކެވެ. ބާކީ 11 މީހުންނަކީ ޓޫރިސްޓުންނެވެ.