ދެކުނު ކޮރެއާގެ ޓޫރިސްޓް ހޮޓާތަކުގައި ސިއްރު ކެމެރާތަކެއް ބަހައްޓައިގެން ޓޫރިސްޓުންގެ ކޮޓަރީގެ މަންޒަރުތައް އޮންލައިންކޮށް ލައިވްކޮށްގެން އާމްދަނީ ހޯދަމުން ދިޔަ މައްސަލައެއް ފަޅާއަރައި ބަޔަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެކުނު ކޮރެއާގެ 10 ސިޓީއެއްގެ 30 ހޮޓަލެއްގެ 42 ކޮޓަރިއަކުން 1،600 އެއްހާ މީހުންގެ ސިއްރު މަންޒަރުތައް ވަނީ ލައިވް ސްޓްރީމްކޮށްފަ އެވެ. މިކަން ކޮށްފައި ވަނީ ކޮޓަރިތަކުގެ ޑިޖިޓަލް ޓީވީ ބޮކްސް އާއި ސޮކެޓާއި ހެއާޑްރެޔާ ފަދަ އެއްޗެހި ޖަހާ ތަންތަނުގައި ކުދިކުދި ކެމެރާތަކެއް ހަރުކޮށްގެންނެވެ.
މި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށް، އިތުރު ދެ މީހެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ހޮޓާތަކުގައި މަޑުކުރާ މީހުންގެ މަންޒަރުތައް ލައިވް ސްޓްރީމް ކުރި މައްސަލާގައި އެއްވެސް ހޮޓަލެއްގެ ބައިވެރިވުމެއް އޮތްކަން އަދި ސާފު ނުވާ ކަމަށެވެ.
ދެކުނު ކޮރެއާގެ ނެޝަނަލް ޕޮލިސް އެޖެންސީގެ ސައިބަ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ މަންޒަރުތައް ލައިވްކޮށް ސްޓްރީމްކުރި ސައިޓަކީ 4،000 އަށް ވުރެ ގިނަ މެމްބަރުން ތިބި ސައިޓެއް ކަމަށެވެ. އެކަމަކު އޭގެ ނަމެއް ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ ސައިޓްގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން 97 މީހުންނަކީ މަހަކު 44.99 ޑޮލަރުގެ ފީއެއް ދައްކައިގެން ހާއްސަ ފީޗާތަކަކާ އެކު ލައިވް ސްޓްރީމްގެ ހިދުމަތް ހޯދާ މީހުން ކަމަށެވެ.
ދެކުނު ކޮރެއާއަކީ ޖާސޫސީ ކެމެރާތަކުގެ މައްސަލަ ބޮޑު، މީހުންގެ ޒާތީ ކަންކަމަށް ފާރަލާ މައްސަލަ ބޮޑު ގައުމެކެވެ. ދެހާސް ސަތާރައިގައި މިފަދަ 6،400 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.
އަދި މިފަދަ މައްސަލަތަކާ ގުޅިގެން މިދިޔަ އަހަރު އެ ގައުމުގެ އެތަކެއް ހާސް އަންހެނުން މަގުތަކަށް ނުކުމެ "މައި ލައިފް އިޒް ނޮޓް ޔޯ ޕޯން" ގެ ނަމުގައި އަޑު ވެސް އުފުލާފައިވެ އެވެ.