ނިއު ބްރަންސްވިކް (ޑިސެމްބަރު 4) - ކަނޑުތަކަށް ކުނިއެޅުމުގެ މައްސަލަ ދުނިޔޭގެ ހުރިހާ ހިސާބެއްގައި އޮތް ނަމަވެސް އެ މައްސަލަ ބޮޑުކަން މަތީގައިވާ ފޮޓޯއެއް އަންގައިދެ އެވެ. އެއީ ކެނެޑާގެ އިރުމަތީގެ މެރިން ޕްރޮވިންސެއް ކަމަށްވާ ނިއު ބްރަންސްވިކުގެ އައްސޭރިއާ ކައިރި ސަރަހައްދަކުން މީހަކު ނެގި ލޮބްސްޓާއެކެވެ. އޭގެ ފައެއްގައިވާ ނިޝާނަކީ ޕެޕްސީ ދަޅެއްގެ ތަސްވީރެވެ.

އެ ފޮޓޯ އިން ފެންނަ ގޮތުގައި ލޮބްސްޓާގެ ފައިގައި ވަނީ ޕެޕްސީ ދަޅުގެ މަތިގަނޑާ ކައިރި ބައެކެވެ. އެ ނިޝާނުގެ ތިރިން ޕެޕްސީގެ ލޯގޯގެ ރަތް ކުލައިގެ ބައެއް ވެސް ފެނެ އެވެ. އެ ޚަބަރު ވަނީ ކެނޭޑިއަން ބްރޯޑްކާސްޓް ކޮމްޕެނީ (ސީބީސީ) އިން އާއްމުކޮށްފަ އެވެ. އެކަމަކު ދުނިޔޭގައި މި ޚަބަރު އާއްމުވެ އިންސާނުންގެ ސަބަބުން ކަނޑުތައް ތަޣައްޔާރުވާ މިންވަރު ވަނީ ސަމާލު ކަމަށް ގެނެސްފަ އެވެ.

ޕެޕްސީގެ ނިޝާން ހުރި ލޮބްސްޓާ ނެގި ކަރިއްސާ ލިންޑްސްޓްރޭންޑް ސީބީސީ އަށް ބުނީ ޕެޕްސީގެ ނިޝާން ދެނެގަންނަން އޭނާ އަށް މާ އުނދަގޫ ނުވި ކަމަށެވެ. ސަބަބަކީ ދުވާލަކު 12 ދަޅު ޕެޕްސީ އޭނާ ބޯތީ ކަމަށެވެ. އެ ސަރަހައްދުގައި އޭނާ މަސްވެރިކަން ކުރި ހަތަރު އަހަރު ދުވަހު ތެރޭ ކަނޑުގެ ދިރޭ އެއްޗެއްގައި ކުނީގެ ނިޝާން ހުއްޓާ ނުފެންނަ ކަމަށް ބުނެފައިވެ އެވެ. ކަނޑަށް ކުނި އެޅުމަކީ ނިއު ބްރަންސްވިކުގައި ވެސް ބޮޑު މައްސަލަ އެކެވެ. އަދި ދުނިޔޭގައި ވެސް ބޮޑު މައްސަލައެކެވެ.

ދެހާސް ފަނަރަ ވަނަ އަހަރު 5.25 ޓްރިލިއަން ޕްލާސްޓިކް ކުނި ކަނޑުމަތީގައި ފްލޯޓްވަމުން ދިޔަ އެވެ. އަދި މިދިޔަ ސަމާގައި ޕެސިފިކް ކަނޑުން ވަނީ މެކްސިކޯއާ އެއްވަރުގެ ކުނިގަނޑެއް ފެނިފަ އެވެ.