މެޑްރާސް (މާޗް 1) - ދެކުނު އިންޑިއާގެ ޓަމިލް ނާޑޫގައި ކޮކާ-ކޯލާ އާއި ޕެޕްސީ ވިއްކުން، ވިޔަފާރިވެރިންގެ ދެ ޖަމިއްޔާއަކުން މަނާކޮށްފި އެވެ.

ފެޑެރޭޝަން އޮފް ޓަމިލް ނާޑޫ ޓްރޭޑާސް އެސޯސިއޭޝަން އާއި ޓަމިލް ނާޑޫ ޓްރޭޑާސް އެސޯސިއޭޝަންސް ފޯރަމް އިން މި ގޮތަށް ނިންމީ އިންޑިއާގެ އުފެއްދުންތަކަށް އިސްކަން ދިނުމުގެ ގޮތުންނެވެ. ޓަމިލް ނާޑޫގައި ކޮކާ-ކޯލާ އާއި ޕެޕްސީ ވިއްކުން މަނާކުރި އަމުރަށް މިއަދުން ފެށިގެން އަމަލު ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ދެ ޖަމިއްޔާ އިން ބުނީ ލުއި ބުއިންތައް އުފައްދާ ކުންފުނިތަކުން ކޯރުތަކުން މާގިނައިން ފެން ނަގަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ދަނޑުވެރިން ބޭނުން ކުރަން އެކަށީގެންވާ ވަރަށް ފެން ނުލިބޭ ކަމަށެވެ.

ކޮކާ-ކޯލާ އާއި ޕެޕްސީ މަނާކުރުމުން އިންޑިއަން ބެވަރޭޖް އެސޯސިއޭޝަން (އައިބީއޭ) އިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ލުއި ބުއިންތައް އުފައްދާ ގިނަ ކުންފުނިތައް ތަމްސީލްކުރާ އައިބީއޭ އިން ބުނީ މިއީ ވިޔަފާރީގެ ނަޒަރަކުން ބަލި ނަމަވެސް ގޯސް ނިންމުމެއް ކަމަށެވެ.

"ކޮކާ-ކޯލާ އާއި ޕެޕްސީ އިން ޓަމިލް ނާޑޫގައި އެކަނިވެސް ވަނީ ސީދާ ގޮތުގައި 2،000 އާއިލާ އަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީފައި. އަދި ނުސީދާކޮށް 5،000 އާއިލާ އަށް ވަޒީފާގެ މަގު ވަނީ ތަނަވަސްވެފައި. ވިޔަފާރިވެރިން ބޭނުންވާ ބާވަތެއް ވިއްކުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އުއްމީދު ކުރަން،" އައިބީއޭ އިން ބުނެފައިވެ އެވެ.

ކޮކާ-ކޯލާ އާއި ޕެޕްސީ މަނާކުރުމުން ޓަމިލް ނާޑޫގެ މިލިއަނެއްހާ ފިހާރަ އަށް އެކަމުގެ ގެއްލުންވާނެ އެވެ.

ޓަމިލް ނާޑޫ ޓްރޭޑާސް އެސޯސިއޭޝަންގެ ރައީސް ތާ ވެއްލައިޔަން ވިދާޅުވީ ކޯލާ އާއި ޕެޕްސީގައި ހަކުރު ގިނަ އަދަދަކަށް އެކުލެވޭތީ އެއީ ސިއްހަތަށް ރަނގަޅު ބުއިންތަކެއް ނޫން ކަމަށެވެ. އަދި އެއީ ހިތްވަރު ދޭން ޖެހޭނީ އިންޑިއާގެ ލުއި ބުއިންތަކަށާއި މޭވާ ޖޫސް ފަދަ ބުއިންތަކަށް ކަމަށް ބުނެފައިވެ އެވެ.

އެސޯސިއޭޝަނުން ވަނީ ސުޕަމާކެޓްތަކާއި ރެސްޓޯރެންޓްތަައް އަދި ހޮޓާތަކުން ވެސް މި ނިންމުމަށް އިހުތިރާމްކޮށް އިންޑިއާގެ ވިޔަފާރިވެރިންގެ އުފެއްދުންތައް ބޭނުން ކުރުމަށް އެދިފަ އެވެ.