ޕެރިސް (ޖުލައި 11) - ޔޫރޯގެ ފައިނަލުގައި ރޭ ފްރާންސް އަތުން ޕޯޗުގަލް މޮޅުވީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށްޓަކައި ކަމަށް އެ ޓީމުގެ ޑިފެންޑަރު ޕެޕޭ ބުނެފި އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ކަކުލަށް އަނިޔާވެ ރޮނާލްޑޯ ވަނީ ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ. އެކަމަކު ބަދަލު ކުޅުންތެރިޔާ އެޑާ އިތުރު ވަގުތުގައި ޖެހި ލަނޑާ އެކު 1-0 އިން މޮޅުވެ ޕޯޗުގަލް ވަނީ ފުރަތަމަ ފަހަރަށް ޔޫރަޕުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
"އަހަރެމެންގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކުޅުމާ ވަކިވާން ޖެހުމަކީ ވަރަށް އުނދަގޫވި ކަމެއް، އޭނާ އަކީ ކޮންމެ ވަގުތަކު ވެސް ލަނޑު ޖެހޭނެ ފަދަ ކުޅުންތެރިއެއް. އަހަރެމެން އޭނާ ގާތު ބުނިން، އޭނާއަށްޓަކައި މޮޅުވާނެމޭ. އެކަން ވެއްޖެ،" ރޮނާލްޑޯއާ އެކު ރެއާލް މެޑްރިޑަށް ކުޅޭ ޕެޕޭ ބުންޏެވެ.
ޕެޕޭ ބުނީ ރޮނާލްޑޯ ހުރި ނަމަ ތަފާތަކަށްވާނީ އޭނާ ކަމަށާއި އެކަމަކު ދަނޑުމަތީގައި މުޅި ޓީމު ވެސް މަސައްކަތްކުރަނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.