ޕެރިސް (ޖުލައި 10) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ފްރާންސާ ދެކޮޅަށް ކުޅޭ މެޗަށް ފިޓްވެފައިވާ ކަމަށް ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ ބުނެފި އެވެ.

ސެމީ ފައިނަލުގައި ވޭލްސް އަތުން ޕޯޗުގަލް މޮޅުވި މެޗުގައި އުމުރުން 33 އަހަރުގެ ޕެޕޭ އަށް އަނިޔާގެ ސަބަބުން ނުކުޅެވުނެވެ. އެކަމަކު އަލުން ފިޓްވެ އޭނާ ވަނީ އިއްޔެ ޓީމާ އެކު ޕްރެކްޓިސްކޮށްފަ އެވެ.

"އަހަރެން މިހިރީ ފުލްކޮށް ފިޓްވެފައި. ޓީމަށް އަހަރެން މިހާރު ނެގޭނެ،" ޕެޕޭ ބުންޏެވެ.

ޕެޕޭ ނެތުމުން ސެމީ ފައިނަލް މެޗުގައި ޑިފެންސަށް ކުޅުނީ ބްރޫނޯ އަލްވެސް އެވެ.

ދުނިޔޭގެ އެންމެ މޮޅު އެއް ޑިފެންޑަރު ޕެޕޭ އަށް މިރޭ ކުރިމަތިވާނެ އެންމެ ބޮޑު ނުރައްކަލަކީ ފްރާންސުގެ ފޯވާޑް އެންޓޮއިން ގްރިޒްމަން އެވެ. ރެއާލް މެޑްރިޑަށް ކުޅޭ ޕެޕޭ ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް އަތުން ރެއާލް މޮޅުވި މެޗުގައި ވެސް ގްރިޒްމަން ނަގައިގެން ކުޅެފަ އެވެ.