ރެއާލް މެޑްރިޑުގެ ޕޯޗުގީސް ޑިފެންޑަރު ޕެޕޭ ޗައިނާ އަށް ދިއުމުގެ ވިސްނުން ދޫކޮށްލުމަށް ފަހު ޕީއެސްޖީ ނުވަތަ މެންޗެސްޓާ ސިޓީއާ ގުޅެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުރިން ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ޕެޕޭ ވަނީ ރެއާލް މެޑްރިޑުގައި އޭނާ އަށް ކުރިން ކޯޗުކޮށްދިން މެނުއަލް ޕެލެގްރިނީ މިހާރު ހަވާލުވެގެން އުޅޭ ޗައިނާގެ ހެބޭއީ ފޯޗޫންއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ.

އޭނާ ޗައިނާ އަށް ބަދަލުވާން ބޭނުންނުވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރާ ޕޯޗުގަލް ޓީމުން ފުރުސަތު ގެއްލިދާނެތީ އެވެ. ޔޫރަޕުގައި ކުޅޭ ނަމަ ޕޯޗުގަލް ސްކޮޑުން ފުރުސަތު ލިބޭނެ ކަމަށް އޭނާ ދެކެ އެވެ.

އުމުރުން 33 އަހަރުގެ ޑިފެންޑަރުގެ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާއިރު ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތައް ވަނީ ހުއްޓިފަ އެވެ. ދެ އަހަރުގެ ކޮންޓްރެކްޓެއް ހަދަން ޕެޕޭ ބޭނުންވާއިރު ރެއާލުން ބޭނުންވަނީ އެއް އަހަރަށް ކޮންޓްރެކްޓް ހެދުމަށް ފަހު ކުޅުން ރަނގަޅިއްޔާ އިތުރު އަހަރަކަށް އާކުރުމަށެވެ.

ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ އޮތީ ޕެޕޭ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ދޭން ތައްޔާރަށެވެ. އެހެންވެ އޭނާ އަންނަ ސީޒަނުގައި ފެންނާނީ މީގެ ތެރެއިން ކޮންމެވެސް އެއް ކްލަބަކުން ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ޕޯޗުގަލްގެ ޕޯޓޯ އިން 2007 ވަނަ އަހަރު ރެއާލް މެޑްރިޑާ ގުޅުނު ޕެޕޭ ވަނީ އެ ޓީމަށް 300 އަށް ވުރެ ގިނަ މެޗު ކުޅެދީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ މި އަހަރުގެ ޔޫރޯ ކާމިޔާބުކުރި ޕޯޗުގަލް ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.