ދޯހާ (ޑިސެމްބަރު 11) - ވޯލްޑް ކަުގެ ކުއާޓާ ފައިނަލުގައި މޮރޮކޯ އާއި ޕޯޗުގަލް ކުޅުނު މެޗަށް ނެރުނު އާޖެންޓީނާގެ ރެފްރީ ފަކުންޑޯ ޓެލޯ އާމެދު ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ ސުވާލު އުފައްދައިފި އެވެ.

ކުއާޓާ ފައިނަލުން ޕޯޗުގަލް ކެޓީ އަލް ތުމާމާ ސްޓޭޑިއަމްގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ބަލި ވެގެންނެވެ.

ޕޯޗުގަލް އަށް މެޗުގެ އެންމެ ފަހު މިނިޓުގައި ނަތީޖާ އެއްވަރުކުރަން ލިބުނީ ވެސް ޕެޕޭ އަށެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތީ ކަނާ ދިމާލުން ބޭރަށެވެ.

ޕެޕޭ، މެޗުގެ ފަހު ވަގުތު ބޮލުން ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
ޕެޕޭ، މެޗުގެ ފަހު ވަގުތު ބޮލުން ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ދަނޑުމަތީގައި ހުރި ރެފްރީ ފަކުންޑޯ ޓެލޯގެ އިތުރުން، ދެ އެސިސްޓެންޓް ރެފްރީންނާއި ވީޑިއޯ އެސިސްޓެންޓް ރެފްރީ އަދި އެސިސްޓެންޓް ވީޑިއޯ އެސިސްޓެންޓް ރެފްރީންގެ ތެރޭގައި ވެސް ތިބީ އާޖެންޓީނާ އަށް ނިސްބަތްވާ ރެފްރީންނެވެ.

"އިއްޔެގެ މެޗުގައި (އާޖެންޓީނާގެ މެޗުގައި) ހިނގާދިޔަ ކަންކަމަށް ފަހު ވެސް، މި މެޗަށް އިންސާފް ކުރަން އާޖެންޓީނާގެ ރެފްރީން ތިބުން ބަލައެއް ނުގަނެވޭ، މެސީ ވާހަކަ ދައްކާއިރު އާޖެންޓީނާ ރެފްރީއެއް ކަށިގަނޑު ފުމެނީ،" މެޗަށް ފަހު ދަނޑުމަތީގައި ދިން އިންޓަވިއު އެއްގައި ޕެޕޭ ބުންޏެވެ.

"ކީޕަރު އަބަދުވެސް ހުންނަނީ ހުއްޓިފައި، އިތުރު ވަގުތުގެ ގޮތުގައި އެންމެ އަށް މިނިޓު ދެއްކީ. މިއަދު ފެނުނު މަންޒަރަށް ބަލާއިރު، އެމީހުންނަށް މިހާރު ގޮސް އާޖެންޓީނާ އަށް ތަށި ހަވާލު ކުރަންވީ.

"ދެވަނަ ހާފުގައި އެއްވެސް އެއްޗެއް ނުދޭ، އެންމެ އަށް މިނިޓު ލިބުނީ (އިތުރު ވަގުތުގެ ގޮތުގައި). އަހަރެމެން ވަރަށް މަސައްކަތް ކުރި، އަށް މިނިޓުގައި ނުވެސް ކުޅެވޭ. ދެވަނަ ހާފުގައި އަހަރެމެން ކުޅެން ބވެސް ބޭނުންވީ. އަހަރެމެން ވަރަށް ދެރަ ވެއްޖެ، އަހަރެމެންގެ އެބަހުރި މެޗުން މޮޅުވުމުގެ ފެންވަރު، ކަން ދިމާކުރި ގޮތުން އެގޮތަކަށް ނޫން ކަންތައް ދިމާވީ."

ރެފްރީ ފަކުންޑޯ ޓެލޯ، މޮރޮކޯގެ ވަލީދު ޝެދީރާ އަށް ރަތް ކާޑު ދައްކަނީ.-- ފޮޓޯ: އޭއެފްޕީ
ރެފްރީ ފަކުންޑޯ ޓެލޯ، މޮރޮކޯގެ ވަލީދު ޝެދީރާ އަށް ރަތް ކާޑު ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

މި މެޗުގެ އިތުރު ވަގުތުގައި ރެފްރީ ފަކުންޑޯ ޓެލޯ ވަނީ މިނިޓެއް ތެރޭ މޮރޮކޯގެ ބަދަލު ކުޅުންތެރިޔާ ވަލީދު ޝެދީރާ އަށް ދެ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް ވެސް ވަނީ މެޗަށް ފަހު ރެފްރީ އަށް ފާޑު ކިޔައިފަ އެވެ. އޭނާ ވެސް ބުނީ، މުބާރާތުގައި ދެމި އޮތް ގައުމަކަށް ނިސްބަތްވާ ރެފްރީ އެއް މެޗުގައި ހުރުމުން ކަންބޮޑު ވާކަމަށާއި ރެފްރީގެ ނިންމުންތައް ހުރީ ޕޯޗުގަލް އާ ވަރަށް ބޮޑަށް އިދިކޮޅަށް ކަމަށެވެ.

ވޯލްް ކަޕްގެ ކުރިން ވެސް ރެފްރީ ފަކުންޑޯ ޓެލޯ އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒު ވިއެވެ. އޭނާ ވަނީ އާޖެންޓީނާގެ ޗެމްޕިއަންސް ޓްރޮފީ ފައިނަލް ގައި މިދިޔަ މަހު ބޮކާ ޖޫނިއާސް އާއި ރޭސިން ކްލަބް ކުޅުނު މެޗުގައި 10 ރަތް ކާޑު ދައްކައިފަ އެވެ.

މި އަހަރުގެ ވޯލްޑް ކަޕް ގައި ސްވިޒަލެންޑުން ކެމަރޫން ބަލިކުރި މެޗާއި، ދެކުނު ކޮރެއާ އިން ޕޯޗުގަލް ބަލި ކުރި މެޗަށް ވެސް އިންސާފް ކުރީ ފަކުންޑޯ ޓެލޯ އެވެ.

އާޖެންޓީނާ އިން ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ބަލިކޮށް ސެމީ ފައިނަލަށް ދިޔަ މެޗުގައި، ލިއޮނެލް މެސީ އާއި ގޯލްކީޕަރު އެމިިއާނޯ މާޓިނޭޒް ވެސް ވަނީ އެ މެޗަށް އެރި ސްޕެއިންގެ ރެފްރީ އެންޓޯނިއޯ މާޓެއު އަށް ފާޑު ކިޔައި، ވޯލްޑް ކަޕް ގައި އޭނާ އިތުރު މެޗުތަކަށް ނާރުވަން ގޮވާލައިފަ އެވެ.