މެޑްރިޑް (ޑިސެމްބަރު 28) – ރެއާލް މެޑްރިޑުގެ ޕޯޗުގީސް ޑިފެންޑަރު ޕެޕޭ ޖެނުއަރީ މަހު ޗައިނާގެ ހެބޭއީ ފޯޗިއުން އިން ބަދަލުވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 33 އަހަރުގެ ޑިފެންޑަރުގެ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވާއިރު ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތައް ވަނީ ހުއްޓިފަ އެވެ. ދެ އަހަރުގެ ކޮންޓްރެކްޓެއް ހަދަން ޕެޕޭ ބޭނުންވާއިރު ރެއާލުން ބޭނުންވަނީ އެއް އަހަރަށް ކޮންޓްރެކްޓް ހެދުމަށް ފަހު ކުޅުން ރަނގަޅިއްޔާ އިތުރު އަހަރަކަށް އާކުރުމަށެވެ.

އޭނާ އަށް ރެއާލް މެޑްރިޑުން މިހާރު އަހަރަކު 4.5 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭއިރު ރިޕޯޓްތައް ބުނާ ގޮތުގައި ޗައިނާ ކްލަބަކުން ވަނީ އަހަރަކު 10 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭ އޮފާއެއްކޮށްފަ އެވެ. އެކަމަކު ޗައިނާ އަށް ގޮސްފި ނަމަ ޕޯޗުގަލްގެ ގައުމީ ޓީމުން ފުރުސަތު ގެއްލޭނެތީ، އެއީ ޕެޕޭ އަށް އޮތް ކަންބޮޑުވުމެކެވެ. ޕެޕޭ ބޭނުންވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރާ ޕޯޗުގަލް ޓީމުން ފުރުސަތު ހޯދާށެވެ.

ޗައިނާ އަށް ނުދިޔަ ނަމަވެސް ޕެޕޭ އަންނަ ސީޒަނުގައި ރެއާލް މެޑްރިޑުގައި މަޑުކުރުމުގެ ފުރުސަތު ކުޑަ އެވެ. އެގޮތުން ރެއާލުން ވަނީ އޭނާ ނެތްތަން ފޫބެއްދުމަށް ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓަށް ލޯން އުސޫލުން ދޫކޮށްފައިވާ ޖީސަސް ވަލެޔޯ ގެންނަން ނިންމައިފަ އެވެ.

ޕޯޗުގަލްގެ ޕޯޓޯ އިން 2007 ވަނަ އަހަރު ރެއާލް މެޑްރިޑާ ގުޅުނު ޕެޕޭ ވަނީ އެ ޓީމަށް 300 އަށް ވުރެ ގިނަ މެޗު ކުޅެދީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ މި އަހަރުގެ ޔޫރޯ ކާމިޔާބުކުރި ޕޯޗުގަލް ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.