ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގައި ގިނަ ބިލްތަކެއް ފާސް ކުރިއިރު، އެ ބިލްތަކާ ގުޅުންހުރި ދާއިރާތަކުގެ ބޭފުޅުންނާ މަޖިލީހުން މަޝްވަރާ ނުކުރާ ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބުނެފި އެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ޕްރެސް ބްރީފިންއެއްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތަރުޖަމާނު އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ސަރުކާރުން މަޖިލީހަށް ފޮނުވާ ބިލްތައް ކޮމިޓީތަކަށް ގިނަ ފަހަރު ފޮނުވަނީ ތަޅުމުގައި މާބޮޑު ބަހުސެއް ނުކޮށް ކަމަށާއި އަދ ބިލުތައް ކޮމިޓީން ދިރާސާކުރާއިރު ހޯދަނީ ހަމައެކަނި އެޓާނީ ޖެނެރަލްގެ ލަފާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮމިޓީ މަރުހަލާ ކުރިއަށް ގެންދަނީ ސަރުކާރުން އަންގާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހެނދުނު ފުރަތަމަ ކިއުން އިއްވައި އެ ދުވަހުގެ މެންދުރު ދަންފަޅީގައި ނުވަތަ ސައިގަޑިއަށް ފަހުގައި އޭގެ އިބްތިދާއީ ބަހުސް ބާއްވައި، ބަހުސްކުރާނެ މީހަކު އެއަށް ނުވެ ނުވަތަ ބަހުސް ނުކުރެވި ކޮމިޓީއަށް ފޮނުވައި، ކޮމިޓީ މަރުހަލާގައި ކަމާ ގުޅުންހުރި ތަޖުރިބާކާރުން ހާޒިރުކުރުމެއް ނެތި، ލަފައެއް ހޯދުމެއް ނެތި، ހަމައެކަނި އެޓާނީ ޖެނެރަލް ނުވަތަ ސަރުކާރުން އަންގާ ގޮތަކަށް ކޮމިޓީ މަރުހަލާގައި ވެސް ކުރިއަށް ގެންގޮސް ނިންމޭތަން،" މައުރޫފް ވިދާޅުވި އެވެ.

ބިލްތަކުގެ މަސައްކަތް އެގޮތަށް ކޮށްފައި ވާތީ އެއީ މަޖިލީހުން ކުރިއަށް ގެންދަން ޖެހޭ "ޑިއު ޕްރޮސެސް" ފުރިހަމަކޮށްގެން ފާސްކުރި ބިލުތަކެއް ކަމަށް ބެލެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މަސައްކަތް އެގޮތަށް ކުރިއަށް ގެންދިޔައިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށަށް ދިއުމެވެ. އަދި ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު އޮތީ ވަރަށް ދަށުގައިކަން އެންމެނަށް އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ --- ފޮޓޯ/މަޖިލީހުގެ އިދާރާ
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ --- ފޮޓޯ/މަޖިލީހުގެ އިދާރާ

އެ ޕްރެސްބްރީފިން ގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވީ މި ދައުރުގައި މަޖިލީހުން މަސައްކަތްކުރަނީ އާދަޔާ ހިލާފު ގޮތަކަށް ކަމަށެވެ. އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީއަށް އޮތްއިރު ބިލްތަކަށް މެންބަރުން ބަހުސް ނުކުރަނީ އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، އިންތިހާބުވިއިރު ހުރި ޕާޓީން ވަކިވެއްޖެ ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު ބަދަލުކޮށްފައި އޮތުމުންނެވެ. 

"ލިބޭ އެ ހަނި ފުރުސަތުގައި ބަހުސް ކުރާތީ މިއަދު އަނެއްކާ އާ ގޮތެއް މިހާރު މި އީޖާދުކުރަނީ. އެންމެ ފަހުން [ފާސްކުރީ]، އެނގިވަޑައިގަންނަވާނެ އެއްގަމު ދަތުރުފަތުރު ބިލު މަޖިލީހުގައި އޮންނަތާ އަހަރެއްހާ ދުވަސް ފަހުން އެއްރޭ، ހަމަ ސަރުކާރު ބަންދު ދުވަހެއްގެ ރޭގަނޑު ކޮމިޓީއެއް ބާއްވާލާފައި ފާސްކޮށްލާފައި ގެނައީ މަޖިލީހަށް،" ފިއްޓެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިލް އެގޮތަށް ފާސްކޮށްގެން ގެނައިއިރު ކޮމިޓީން ބިލަށް ބާބެއް އިތުރުކޮށްފައި އޮތް ކަމަށެވެ. އަދި އެ ބާބާ އެކުގައި އެ ބިލް ފާސްކުރީ މަޝްވަރާ ކުރާނެ ފުރުސަތެއް ވެސް ނުލިބި ކަމަށް އޭނާ ވިދާޅުވި އެވެ.