ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގޭ ގޮތަށް ގާނޫނެއް ހެދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މައިގަނޑު ބޭނުމަކީ ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން އެއްކޮށް ނައްތާލުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. 

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓު ސިލްސިލާގެ ރޭގެ އެޕިސޯޑުގައި ރައީސް ވިދާޅުވީ ދައުލަތަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ކުރީގެ ސަރުކާރުތަކުގައި ވެސް އެކި ކޮމިޓީތަކާއި އިދާރާތައް ހަދައިގެން މަސައްކަތް ކޮށްފައި ހުރި ނަމަވެސް، އެކަންކަން ކާމިޔާބު ނުވީ ސިޔާސީ ގޮތުން ވަކި މަގުސަދެއްގައި، "ވަކި ފަރާތްތަކެއްގެ ފަހަތުން ދިއުމަށްޓަކާ" އެކަން ކުރުމުން ކަމަށެވެ. 

އެކަމަކު، އެއާ ހިލާފަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރާނީ ނިޒާމީ ގޮތުން މި މައްސަލައަށް ހައްލެއް ހޯދަން ކަމަށާއި މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލަކީ އެ މަގުސަދު ހާސިލްކުރުމަށް ހުށަހެޅި ބިލެއް ކަމަށް ރައީސް ވިދާޅުވި އެވެ. 

"ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން އެއްކޮށް ނައްތާލުން. އެއްކޮށް ނައްތާލުމަކީ އެއް ދުވަހަކު ވެސް ވާނެ ކަމެއް ނޫން. ވަރަށް ބޮޑަށް ކޮންމެ ގައުމެއްގައި ވެސް މޫލާފައި އޮންނަ މައްސަލައެއް،" ރައީސް ވިދާޅުވި އެވެ. 

"ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ އަނބުރާ ދައުލަތަށް، ރައްޔިތުންގެ ފައިސާ މިއީ ނުގަވާއިދުން ބޭނުންކޮށްގެން މި ހޯދަނީ. އެ ހޯދާ މުދާ އަނބުރާ ނެގޭނެ ގޮތެއް ހޯދަން ޖެހޭ. އެކަން ކުރުމަށްޓަކާ ގެންނަން ޖެހޭ ގާނޫނީ ނިޒާމު ގެނައުމުގެ މަސައްކަތް މި ކުރަނީ."

އެ ގާނޫނާ އެކު، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ތަންފީޒީ އިދާރާތައް ވަރުގަދަކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ހުށަހެޅި ކުށްކޮށްގެން ހޯދާ މުދަލާގުޅޭ ބިލުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ގާނޫނީ އޮނިގަނޑެއް ތައާރުފުކުރުން ކަމަށް ރައީސް އެ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. 

ކުށް ކޮށްގެން ހޯދާ މުދަލާއި، ކުށް ކުރުމަށް ބޭނުންކުރާ ވަސީލަތްތައް ދެނެގަތުމުގެ މިންގަނޑުތަކާއި އެފަދަ މުދާ ދައުލަތަށް ނެގޭނެ ހާލަތްތަކާއި އެކަމާ ގުޅޭގޮތުން އަމަލުކުރަން ޖެހޭ އާންމު އުސޫލުތައް އެ ބިލުގައި ކަނޑައަޅާފައިވެ އެވެ.