ޕީޕަލް މެގަޒިން އިން ހޮވާ އަހަރުގެ ދުނިޔޭގެ އެންމެ ރީތި ތަރިއަކަށް ހޮލީވުޑްގެ އެކްޓްރެސް އޭން ހެތަވޭ މި އަހަރު ހޮވައިފި އެވެ.

އުމުރުން 43 އަހަރުގެ ހެތަވޭއަށް މި ޝަރަފު ލިބިފައި ވަނީ އޭނާގެ ހޮލީވުޑް ކެރިއަރުގައި ވަރަށް ކާމިޔާބު ދުވަސްވަރެއް ހޭދަކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

މި އަހަރު އޭނާގެ ފަސް ފިލްމެއް ރިލީޒްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި "ދަ ޑެވިލް ވެއާސް ޕްރާޑާ 2" އާއި "މަދާ މޭރީ" ކަހަލަ ފިލްމުތައް ހިމެނެ އެވެ.

ޕީޕަލް މެގަޒިންއަށް ދިން އިންޓަވިއުގައި ހެތަވޭ ވަނީ އޭނާގެ އެންމެ ފާހަގަކޮށްލެވޭ ރޯލުތަކުގެ ހަނދާންތައް އާކޮށްފަ އެވެ. ވަކިން ހާއްސަކޮށް "ދަ ޑެވިލް ވެއާސް ޕްރާޑާ"ގައި މެރިލް ސްޓްރީޕްއާ އެކު މަސައްކަތް ކުރުމަކީ އޭނާގެ ހަޔާތުގައި ލިބުނު ވަރަށް އުފާވެރި ތަޖުރިބާއެއްގެ ގޮތުގައި ސިފަކުރި އެވެ.

ހެތާވޭ ބުނީ 2012 ވަނަ އަހަރު "ދަ ޑާކް ނައިޓް ރައިސަސް"ގެ ކެޓްވުމަންގެ ރޯލަށް ތައްޔާރުވިއިރު، މީހުން އޭނާގެ ހަށިގަނޑާއި ބަރުދަނަށް އަމާޒުކޮށް ކުރި ސުވާލުތަކުގެ ސަބަބުން އުނދަގޫވި ކަމަށެވެ.

އޭނާ ބުނި ގޮތުގައި، ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން ބޭނުންވީ ބަރުދަން ލުއިކުރުމުގެ ބަދަލުގައި އޭނާގެ ބުންވަރު ވަރުގަދަ ކުރުމަށް ކަމަށެވެ.

މި ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ވަނީ އޭނާގެ ފިރިމީހާ އެޑަމް ޝުލްމަންގެ އެހީތެރިކަން ކަމަށް ވެސް އޭނާ ބުންޏެވެ.

ހެތަވޭ ބުނި ގޮތުގައި، ފިރިމީހާގެ އެއްބާރުލުން ނެތް ނަމަ މިހާ ގިނަ މަސައްކަތްތަކެއް އެއްފަހަރާ ނުކުރެވުނީހެވެ.

ރީތިކަމަކީ ކޮބައިތޯ ސުވާލުކުރުމުން ހެތަވޭ ބުނީ ރީތިކަމުގެ ތެރޭގައި "ތެދުވެރިކަން" އެކުލެވޭ ނަމަ އެއީ ހަގީގީ ރީތިކަން ކަމަށެވެ.

ހެތަވޭއަކީ އޮސްކާ އާއި ބަފްޓާ އަދި ގޯލްޑަން ގްލޯބް ކަހަލަ އެތައް ޝަރަފުވެރި އެވޯޑުތަކެއް ހާސިލްކޮށްފައިވާ ކާމިޔާބު ތަރިއެކެވެ.