ކުރެއްދޫ ރިސޯޓުން މުހައްމަދު އަންވަރާ ދިމާވީ ބައްދަލުވުން އޮތް ތަނަށް ދާން ބަގީންނެވެ. ފަރިތަކަމާ އެކު އޭނާ ދިޔައީ އަހަރެމެންނާ ދިވެހިން ވާހަކަ ދައްކަމުންނެވެ. ކޮވިޑުގެ ހާލަތުގައި ދަތުރުފަތުރުގެ އުނދަގޫތަކާ އެކު ކުރަން ޖެހުނު ތަފާތު ތަޖުރިބާ އާއި ރަށުގެ އެކި ތަންތަން ކިޔައި ދެމުން ދިޔައީ މައުލޫމާތު އެހާ މުއްސަނދިކޮށެވެ.
ކޮން ރަށެއްތޯ ނޭހިއަސް ގާތްގަނޑަކަށް އަހަރެމެން ނިންމައިގެން ތިބީ އޭނާއަކީ ދިވެއްސެއް ކަމަށެވެ. އެކަމަކު ހީކުރި ގޮތާ ހިލާފަށް އެއީ ސްރީ ލަންކާގެ ރައްޔިތެއް ކަން އެނގުނީ އޭނާގެ "ބަރާބަރު" ވާހަކަތަކުގެ ތެރެއިންނެވެ. އޭނާއަށް އޮތީ މަސައްކަތުގެ އަހުލާގާއި އަޅާލުމާއި އޯގާތެރިކަމުގައި ނަމޫނާއެއް ކަމުގެ ތައުރީފެވެ.
ރާއްޖެއާ އޭނާ ގުޅުނު މާޒީ އެހާ އުފާވެރިއެއް ނޫނެވެ. އެއީ ދިރިއުޅުމުގައި ކުރިމަތިވި މަޖުބޫރީ ހާލަތެކެވެ. މަންމަ އާއި ބައްޕަ މަރުވެ ހަގަށް ތިބި ކުދިންގެ ޒިންމާ ނަގަން ޖެހުނީ އެވެ. އޭރު އަމިއްލަ ގައުމު ދޫކޮށް އެހެން ތަނެއްގައި ދިރިއުޅުމަކީ އޭނާގެ ވިސްނުން ދިޔަ ހިސާބެއް ނޫނެވެ. ރާއްޖެއަށް ދަތުރު ހެދީ ވެސް މުޅި އުމުރަކަށް ނޫނެވެ. ޑިސެމްބަރު، 29، 1988 ގައި މާލެ އައީ އާއިލާގެ ކަންކަން ހަމައަކަށް އަޅުވައި އެނބުރި ގައުމަށް ދާގޮތަށެވެ.
އެކަމަކު ހުރިހާ ކަމެއް ބަދަލުވީ އެވެ. އެނބުރި ގައުމަށް އަންވަރަކަށް ނުދެވުނެވެ.
ރާއްޖެއަކީ "ނަސީބު"
އަންވަރު މިހާރު ގަބޫލުކުރާ ގޮތުގައި އެއީ އޭނާގެ ނަސީބުގެ ދަތުރެވެ. ފުރަތަމަ ފިޔަވަޅާ އެކު ވެވުނީ އާދަޔާ ހިލާފު ލޯތްބެކެވެ. ފަހުން އެ ލޯބި ބަންޑުންކޮށްލީ ހަޔާތުގެ ދިވެހި ބައިވެރިޔާ އަށެވެ. އިސްލާމްވެ، އަންވަރު ރާއްޖޭގައި ދިރިއުޅޭތާ މިހާރު 34 އަހަރު ވެއްޖެ އެވެ. ރައްޔިތުކަން ނުލިބުނަސް ހަމަ ދިވެއްސެކެވެ.
އަންވަރުު ބުނި ގޮތުގައި ދިވެހިންނެކޭ އެއްގޮތަށް އޭނާ ވެސް ރާއްޖެ ދެކެ ލޯބިވެ އެވެ. އަންހެނުންގެ އުފަން ރަށް، ޅ. ހިންނަވަރު ދެކެނީ އޭނާ ވެސް އުފަން ރަށުގެ ގޮތުގަ އެވެ. ކުރެއްދޫ ރިސޯޓުގައި ވަޒީފާ އަދާކުރިއަސް އޭނާ ދިރިއުޅެނީ އަންހެނުންނާއި ދެ ދަރިންނާ އެކު ހިންނަވަރުގަ އެވެ.
"ރާއްޖެ މާ ބޮޑަށް ވެސް ހިތްގައިމު. ހިންނަވަރު މީހުން އަޅުގަނޑަށް ވަރަށް ރަނގަޅު. ލަންކާއަށް ވުރެން ރާއްޖޭގައި ގިނަ ދުވަސްވީމަ ގުޅުން ވެސް ގާތް،" އޭނާ ކިޔައިދިނެވެ.
އަންވަރަށް ކުރެއްދޫ ރިސޯޓުން ވަޒީފާ ހަމަޖެހުނީ ކްރައުން ކޮމްޕެނީގައި ވަޒީފާ އަދާކުރި އޭނާގެ ބޭބެގެ ފަރާތުންނެވެ. ބޭބެ ވެސް ރާއްޖެ އަންނަން ޖެހުނީ އާއިލާގެ ހަރަދުތައް ބަލަހައްޓަންވެގެންނެވެ.
ބާ ހެލްޕަރެއްގެ ވަޒީފާ އިން ފަށައި ލިބުނު ހުރިހާ ފައިސާއެއް ފޮނުވީ ލަންކާގައި ތިބި އާއިލާއަށެވެ. އެގޮތުގައި ވަރަށް ގިނަ ދުވަސް ހޭދަވި އެވެ. ވަޒީފާގެ ކުރިއެރުން ލިބި މަގާމްތައް ބަދަލުވި އެވެ.
އަންހެނުންނާ ބައްދަލުވީ، އަންވަރު ބުނި ގޮތުގައި ހަމަ އެ ރިސޯޓުންނެވެ. ވަޒީފާގައި ދެ މީހުން އެކީގައި އުޅެ 2006 ގައި ކައިވެނިކޮށް މިހާރު ހިންނަވަރުގައި ދެ މީހުންގެ ދިރިއުޅުން ބިނާކޮށްފި އެވެ.
ކުރެއްދުއާ ޖެހިގެން އޮންނާތީ ހަފުތާއަކު ދެތިން ދުވަހު ހިންނަވަރަށް ދެވެ އެވެ. މި ދަތުރު އުނދަގޫވީ ކޮވިޑުގެ ހާލަތުގައި ރިސޯޓް ބަންދުކޮށްފައި ބާއްވަން ޖެހުމުންނެވެ. އެހެން ރިސޯޓްތަކެކޭ އެއްގޮތަށް ކުރެއްދޫގައި ވެސް ދަތުރުފަތުރުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހުނެވެ.
ތަފާތެއް ނުކުރޭ، ހިތްހަމަޖެހުމަކީ އެއީ
އަންވަރަށް ރާއްޖެ އެންމެ ކަމުދާ ސަބަބަކީ ދިވެހިންގެ ހިތްހެޔޮ ކަމެވެ. ރިސޯޓުގައި ވެސް އަދި ހިންނަވަރުގައި ވެސް އޭނާއަކީ ދިވެއްސެއް ނޫން ކަމުގެ އިހްސާސެއް ނުވާ ކަމަށް އަންވަރު ބުންޏެވެ.
"މިތާ އެންމެންނަށް އެނގޭނެ އަހަރެން ލަންކާ ކަން. ހުރިހާ މުވައްޒަފުން ވެސް ވަރަށް ރަނގަޅު، ވަރަށް ގާތްކޮށް އެންމެން ވެސް ވާހަކަ ދައްކަނީ. އަޅުގަނޑު ވެސް ދެކެނީ ހަމަ އެއީ އެއް އާއިލާއެއްހާ ގާތް މީހުންގެ ގޮތުގައި،" އޭނާ ބުންޏެވެ.
"ރިސޯޓް މެނޭޖްމަންޓް ވެސް ރަނގަޅު. އެހެންވީމަ ދުވަހަކު ވެސް ހިތަށް ނާރާ މިތަނުން ދާނަމޭ އެހެން ތަނަކަށް."
ރާއްޖެ އައި އިރު މިކަހަލަ ހިތްހަމަޖެހުމެއް މި ގައުމުން ލިބިދާނެ ކަމަކަށް އޭނާ އުއްމީދު ނުކުރިއަސް މިހާރު އޭނާއަށް ހުރިހާ ގޮތަކުން ވެސް ރާއްޖެ ހާއްސަ އެވެ. އޭނާ ބުނާ ގޮތުގައި ދިރިއުޅުމުގައި އޮތީ މަސައްކަތްކޮށްގެން ރަނގަޅަށް އުޅުމެވެ. އޭނާގެ ކުރިއެރުމާ ގުޅިފައި އޮތީ އެކަމެވެ.
"ވަޒީފާއަށް ރާއްޖެ އައި ފަހުން ވެސް 10-12 ފަހަރު ލަންކާ އަށް ދިޔައިން އާއިލާގެ ގާތަށް. ދެން ވެސް ބޭނުންވީމަ ދެވޭނެތާ، ދިރިއުޅެން ދާކަށް ނުވިސްނަން މިހާރު،" އަންވަރު ބުންޏެވެ.
"އެއްގޮތަކަށް ވެސް ހިއެއް ނުވޭ މިއީ އަމިއްލަ ގައުމެއް ނޫނޭ. ދިވެހިން ފެނުނީމަ އަމިއްލަ ރައްޔިތުން ކަމުގެ އިހްސާސް ވަނީ."
އަހަރެމެންނާ ވެސް އަންވަރު، އެހާ ގާތްކޮށް ވާހަކަ ދެއްކުނު ސަބަބަކީ އެއީ އެވެ.