ރަޝިޔާ އާއި ޗައިނާ އިން އަސްކަރީ ގޮތުން ހާސިލުކުރަމުން އަންނަ ކުރިއެރުންތަކަށް އަމާޒުކޮށް، ކުރިއަށް އޮތް އަހަރަށް ކަނޑައެޅި އެމެރިކާގެ އަސްކަރީ ބަޖެޓް ބޮޑުކޮށްފި އެވެ.
ކުރިއަށް އޮތް މާލީ އަހަރަށް ލަފާކޮށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން، ކޮންގްރެސް އަށް އިއްޔެ ހުށަހެޅުއްވި ބަޖެޓްގެ ޖުމްލަ އަދަދަކީ 5.8 ޓްރިލިއަން ޑޮލަރެވެ. އޭގެ ތެރެއިން އެ ގައުމުގެ އަސްކަރީ ކަންކަމަށް 813 ބިލިއަން ޑޮލަރު ހާއްސަކޮށްފައިވެ އެވެ.
އެމެރިކާގެ ދިފާއީ ބަޖެޓްގައި މައިގަނޑު ސްޓްރެޓީޖިކް ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ޗައިނާ އެވެ. އޭގެ އިތުރުން ރަޝިޔާ އިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ވިލާތުގެ ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތައް ކުޑަކުރުމުގެ ގޮތުން އެ ގައުމުތަކުގެ ސަލާމަތީ ކަންތައް ވަރުގަދަ ކުރުމަށް ވެސް، އެމެރިކާގެ އަސްކަރީ ބަޖެޓްގައި އަމާޒު ހިފާފައިވެ އެވެ.
"އެމީހުންގެ ގާބިލުކަމާއި އެމީހުންގެ އިގްތިސާދަށާއި ވަށައިގެންވާ އެފަދަ ހުރިހާ ކަމަކަށް ބަލާއިރު، އަހަރެމެންނަށް ކުރިމަތިވެފައިވާ ގޮންޖެހުން އެންމެ ބޮޑު ސްޓްރެޓީޖިކް ނުރައްކަލަކީ ޗައިނާ. ސްޓްރެޓެޖީ އެ ބުނަނީ އެހެން، މި ބަޖެޓުން ބުނެދޭ އެއްޗަކީ ވެސް އެއީ،" އެމެރިކާގެ އަސްކަރީ ބަޖެޓާ ބެހޭ ގޮތުން ސީއެންއެން އަށް މައުލޫމާތު ދެއްވި، އެމެރިކާގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ކުރިއަށް އޮތް މާލީ އަހަރަށް ކަނޑައެޅި އަސްކަރީ ބަޖެޓްގެ 813 ބިލިއަން ޑޮލަރުގެ ތެރެއިން 773 ބިލިއަން ޑޮލަރަކީ އެމެރިކާގެ އަސްކަރިއްޔާ އަށް ހާއްސަ ކޮށްފައިވާ މިންވަރެވެ. އަނެއް 40 ބިލިއަން ޑޮލަރަކީ، އަސްކަރިއްޔާއާ ގުޅިފައިވާ އެހެން ހަރަދުތަކެވެ.
މި ބަޖެޓަކީ ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އެކުލަވައިލި ބަޖެޓަކަށް ވާތީ، މި ބަޖެޓާ މެދު އެމެރިކާގެ ކޮންގްރެސްގައި ބަހުސްކުރާ އިރު، އަސްކަރީ ބަޖެޓް އިތުރުކުރާނެ ކަމަށް ބެލެވެ އެވެ. އިދިކޮޅު ރިޕަބްލިކަން ޕާޓީން އިއްޔެ ބުނި ގޮތުގައި، ރަޝިޔާ އިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމަ އާއި ޗައިނާގެ އަސްކަރީ އިންވެސްޓްމަންޓްތަކާ އަޅައިބަލާއިރު، ރައީސް ބައިޑެންގެ މި ބަޖެޓަކީ އެމެރިކާއަށް ފުދޭ މިންވަރުގެ ބަޖެޓެއް ނޫނެވެ.
ބަޖެޓާ ބެހޭ ގޮތުން ވައިޓް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ބައިޑެން ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ބަޖެޓް އަމާޒު ހިފާފައިވަނީ މައިގަނޑު ތިން ދާއިރާއަކަށެވެ. ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމާ އެކު، ސަރުކާރަށް ނަގާ ޓެކްސްތައް އިތުރުކުރުމަށް ބަޖެޓްގައި ހުށަހަޅާފައިވެ އެވެ.
"މިއަދު އަޅުގަނޑު މި ހުށަހަޅާ ބަޖެޓަކީ، އަހަރެމެން އަގުކުރަނީ ކޮން ކަންތައްތަކެއްކަން ރައްޔިތުންނަށް ސާފުކޮށް ބުނެދޭނެ ބަޖެޓެއް. ފުރަތަމަ ކަމަކީ މާލީ މަސްއޫލިއްޔަތު، ދެ ވަނަ ކަމަކީ ސަލާމަތާއި ރައްކާތެރިކަން އަދި ތިން ވަނަ ކަމަކީ މިހާރަށް ވުރެ ފާގަތި އެމެރިކާއެއް ބިނާކުރުމަށްޓަކައި ކުރަންޖެހޭ އިންވެސްޓްމެންޓްތައް،" ރައީސް ބައިޑެން ވިދާޅުވި އެވެ.
ބައިޑެން ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާގެ ބާރު ގަދަ ކުރުމަށާއި ޔޫކްރޭނާ ދެކޮޅަށް ރަޝިޔާގެ ރައީސް ޕުޓިން ކުރައްވަމުން ގެންދަވާ ހަނގުރާމަ އަށް ވަރުގަދަ ބާރަކާ އެކު ރައްދު ދިނުމަށް ގޮވައިލައްވާ ކަމަށެވެ. އެ ގޮތުން ޔޫކްރޭންގެ ސަލާމަތީ ކަންކަމަށާއި އިގްތިސާދީ އަދި އިންސާނީ އެހީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދިނުމަށް ވެސް ބަޖެޓްގައި ކަނޑައަޅާފައިވާނެ ކަމަށް ބައިޑެން ވިދާޅުވި އެވެ.