ދައުލަތުގެ މަގާމުތަކުގައި ތިބެ ހޯދާފައިވާ ނުޙައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުން ފަސޭހަކުރަން ގާނޫނަށް ބަދަލު ގެންނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ގާނޫނުލްއުގޫބާތަށް ގެންނަންޖެހޭ އިސްލާހުތައް މިފެށޭ ހަފްތާގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ގާނޫނުގެ 515 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ނިންމާފައިވާ ކަަމަށެވެ. އެއީ މަންފާ އާއި ރަސްމީ ހައިސިއްޔަތު ފަދަ ކަންކަން މާނަކުރާ މާއްދާ އެވެ.
އެ އިސްލާހުގެ ސަބަބުން، ރައީސާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތަށް ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަގާމު އަދާކޮށްފައިވާ ބޭފުޅުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަ ވެގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނުހައްގު މުއްސަނދިކަން ހޯދުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނުލްއަގޫބާތަށް ފުރަތަމަ އިސްލާހު ގެނައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރުގެ މެއި މަހު އެވެ.
ނުހައްގު މުއްސަނދި ކަމެއްގެ ގޮތުގައި، ބަލަނީ ތިމާއަށް އަސްލު ލިބޭ އާމްދަނީ އަށް ވުރެ މަތީ ފެންވަރުގައި ދިރިއުޅުމާއި ތިމާގެ އަތުގައި ހުންނަ އަގުބޮޑު މިލްކިއްޔާތުތަކަށެވެ.