ޕެރިސް (އޮކްޓޫބަރު 8) - ފްރާންސްގެ ފުޓްބޯޅަ ކުޅުންތެރިޔާ ޕޯލް ޕޮގްބާ މަނާބޭހަށް ޕޮޒިޓިވް ވީ، ނޭނގުމެއްގެ ތެރޭގައި އެ ބޭނުން ކުރެވިގެން ކަމަށް ބުނާ ބުނުމަށް ތަޖުރިބާކާރުން ތާއީދު ކުރުމުން، އޭނާގެ ސަސްޕެންޝަންގެ މުއްދަތު ހަތަރު އަހަރުން، 18 މަސްދުވަހަށް ކުރު ކޮށްދީފައިވާކަން ކޯޓް އޮފް އާބިޓްޜޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ހާމަކޮށްފި އެވެ.

ސަސްޕެންޝަންގެ މުއްދަތު ކުރު ކޮށްދިނުމާ ގުޅިގެން، ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް 91 މެޗު ކުޅެދީފައިވާ މިޑްފީލްޑަރަށް އަންނަ އަހަރުގެ މާޗު މަހުން ފެށިގެން ރަސްމީ މެޗުތަކުގައި ކުޅެވޭނެ އެވެ.

ހިލޭ ޓްރާންސްފާގައި 2022 ވަނަ އަހަރު ޔުވެންޓަސްއާ އަލުން ގުޅުމަށް ފަހު، އަނިޔާތަކާ ގުޅިގެން ޕޮގްބާ އަށް ވަނީ ކުރީގެ ކުޅުން ނުދެއްކިފަ އެވެ.

ސަސްޕެންޝަނާ އެކު ވެސް އޭނާ އާއި ޔުވެންޓަސް އާ ދެމެދު އޮތް އެއްބަސްވުން އުވައެއް ނުލަ އެވެ. ނަމަވެސް ކޮންޓްރެކްޓް އުވާލުމާ ގުޅޭ ގޮތުން ދެ ފަރާތުން މަޝްވަރާ ކުރާނެކަމަށް މީޑީއާތަކުން ރިޕޯޓް ކުރެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިޓަލީގެ އެންޓި ޑޯޕިން އިދާރާއިން ޕޮގްބާ، 31، ސަސްޕެންޑް ކުރީ، މިދިޔަ އަހަރުގެ އޮގަސްޓް މަހު ޔުވެންޓަސް އާއި އުދިނޭޒީއާ ބައްދަލުކުރި މެޗަށް ފަހު ކުރި ޓެސްޓްތަކުން މަނާ ބޭހުގެ ބާވަތެއް ކަމަށްވާ ޑީއެޗްއީއޭ އަށް ޕޮޒިޓިވް ވެގެންނެވެ.

ނަމަވެސް ޖޫން 2026 އާ ހަމައަށް ޔުވެންޓަސް އާއެކު ކޮންޓްރެކްޓް ހަދާފައިވާ ޕޮގްބާ ވަނީ، ޑޯޕިން ޓެސްޓުން ޑީއެޗްއީއޭ އަށް ޕޮޒިޓިވް ވެފައިވަނީ، ފްލޮރިޑާގެ ޑޮކްޓަރެއް ދިން ބޭސް ސިޓީއަކަށް ނެގި ބޭސްތަކެއް ބޭނުން ކޮށްގެން ކަމަށް ބުނެފަ އެވެ.

"އެމެރިކާ އާއި ބައިނަލްއަގުވާމީ މަތީ ފަންތީގެ ގިނަ އެތުލީޓުންނަށް ފަަރުވާ ދޭ ކަމަށް ބުނާ މެޑިކަލް ޑޮކްޓަރަކީ، ދުނިޔޭގެ އެންޓި ޑޯޕިން ކޯޑުގެ ދަށުން، ޕޮގްބާގެ އެންޓި ޑޯޕިން ވާޖިބުތަކަށް ސަމާލުކަން ދޭ ޑޮކްޓަރެއް ކަމުގެ ޔަގީންކަން ޕޮގްބާއަށް އޮތީ ދީފައި،" ކާސް އިން ހާމަކުރި އެވެ.

"ޕޮގްބާގެ ވާހަކައަށް ގިނަ ތަޖުރިބާކާރުން ވަނީ ތާއީދު ކޮށްފައި. އަދި އޭނާ ހުށަހެޅި ގިނަ ހެކިތައް ވެސް އެ މީހުން ވަނީ ބަލައިގެންފައި. އެކަމަކު ކާސްގެ ޕެނަލް އިން ކަނޑައެޅީ، މި ކަމުގައި ޕޮގްބާގެ ކުށެއް ނެތް ކަމަށް ވެސް ނުނިންމޭނެ ކަމަށާއި، ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އެ ހާލަތުގައި އޭނާ މާ ބޮޑަށް ފަރުވާތެރިވާން ޖެހޭނެ ކަމަށް،"