ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑް ރިސޯޓްގައި އިއްޔެ ބިދޭސީއަކު މަރުވި އެކްސިޑެންޓަކީ ވަރަށް އާދަޔާ ހިލާފް ހާދިސާއެއް ކަމަށް އެ މަންޒަރު ފެނުނު ބައެއް މީހުން ބުނެފި އެވެ.

އިއްޔެ މެންދުރު ފަހު 3:00 ހާއިރު ބިދޭސީއަކު މަރުވެ ދިވެހި ދެ ފިރިހެނަކު ޒަހަމްވީ ކޮންކްރީޓް ޝީޓެއް ވެއްޓިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މަންޒަރު ދުށް ބައެއް މީހުން ކިޔައިދިން ގޮތުގައި، މަރުވި ބިދޭސީގެ ބޮލުގައި ޖެހުނު ކޮންކްރީޓް ޝީޓަކީ ރަށުގެ ބަނދަރުމަތީގައި ހަދަމުން ދިޔަ ޓޭންކެއްގެ މަތީގައި އަޅާފައި އޮތް ޓަނެއް ހުންނަހާ ބަރު ޝީޓެކެވެ.

"ބިދޭސީ މީހާ އޮތީ ޓޭންކް ތެރޭގައި. ބިމުން މައްޗަށް ހުރި އެ ބޮޑު ޓޭންކް މަތީގައި އޮތް ބޯ ކޮންކްރީޓް ޝީޓް މަތީގައި ތިބީ ދެ މީހުން. އެހެން ތިއްބާ އެ ބަރު ޝީޓު މައްޗަށް އުފުލިފައި ޖެހުނީ. އެގޮތަށް ދެތިން ފަހަރު ޖެހުނު. ޝީޓް މަތީ ތިބި ދެ މީހުން ފުންމާލައިގެން ސަލާމަތްވާން އުޅެނިކޮށް އަނިޔާވީ. ޓޭންކް ތެރޭގައި އޮތް މީހާގެ ބޮލުގައި ޝީޓުން ޖެހުނީ،" މަންޒަރު ދުށް މީހަކު ކިޔައިދިނެވެ.

މި ޓޭންކަކީ 10-15 ވަރަކަށް ފޫޓް ދިގުކޮށް ހުރި ތަނެކެވެ. އޭގެ މަތީގައި އޮތް ކޮންކްރީޓް ޝީޓްގެ ބޯމިނުގައި ވެސް ހަތަރު ވަރަކަށް އިންޗި ހުއްޓެވެ. އެކަމަކު އެހާ ބޮޑު އަދި ބަރު އެއްޗެއް، އެތައް ފަހަރަކު އުފުލިފައި ޖެހުނީ ލުއި ފިލާގަނޑެއް ކަހަލަ އެއްޗެއް ވަޔާ ތެޅޭ ގޮތަށް ކަމަށް އެތަން ފެނުނު މީހުން ބުންޏެވެ.

އެހެން ދިމާވި ކަމަށް ބެލެވެނި ޓޭންކް ތެރޭގައި އުފެދުނު ޕްރެޝަރެއްގެ ސަބަބުންނެވެ. ބޮޑަށް ބެލެވެނީ އެ ޓޭންކް މޫދާ ގުޅިފައި ހުރި ކަމަށެވެ.

"އެއީ މޫދާ ވަރަށް ކައިރީގައި ހުރި ޓޭންކެއް. ބެލެވެނީ އެއީ މޫދާ ގުޅާފައިވާ ޓޭންކެއްހެން. ޓޭންކް ތެރެއަށް ރާޅުގެ އޮއިވަރު ނުވަތަ ރާޅާ އެކު އަންނަ ވައި ވަންނަ އިރު ޝީޓުން ޓޭންކުގެ މަތި ބަންދުގެ ޕްރެޝަ ހެދުނީމާ އުފުލިފައި ޖެހެނީ ކަމަށް ބެލެވެނީ،" މަންޒަރު ދުށް މީހަކު އޭނާ އަށް ލަފާކުރެވޭ ގޮތް ކިޔައިދިނެވެ.

ފުލުހުން މި އެކްސިޑެންޓް ތަހުގީގުކުރަމުން ގެންދާތީ ރިސޯޓުން އެކަމާ ވާހަކައެއް ނުދެއްކި އެވެ.

މާލެ އަތޮޅުގައި އޮންނަ ޕަޓީނާ މޯލްޑިވްސްގައި ހިނގި މި އެކްސިޑެންޓުގައި ބިދޭސީ މީހާ މަރުވީ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށާއި އޭނާ މަރުވެފައި ވަނީ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ކަމަށް ވަނީ އެނގިފަ އެވެ.