ޕާޓްނަޝިޕް ގާނޫނުގެ ދަށުން ޕާޓްނަޝިޕެއްގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް، އެކަކަށް ވުރެ ގިނަ ފަރާތްތައް ގުޅިގެން ހިންގާ ވިޔަފާރި މީރާގައި ރަޖިސްޓްރީ ކުރުމުގައި އަމަލުކުރަމުން ދިޔަ އުސޫލަށް ލުޔެއް ދީފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ނެރެފައިވާ ޓެކްސް ރޫލިންއެއްގައި ވާ ގޮތުން ސަރުކާރުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ދޫކުރާ ހުއްދައެއް ނުވަތަ ލައިސަންސެއް ނަގަން ނުޖެހޭ ފަދަ ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެ އެވެ.
މީގެ އިތުރުން، މުވައްޒަފުންގެ ގޮތުގައި މީހުން ނުގެންގުޅުމާ އަދި އެ ފަދަ ވިޔަފާރި ހަރަކާތްތަކުން އެއް އަހަރު ދުވަހުގެ ތެރޭގައި މަހެއްގެ މައްޗަށް އެވްރެޖުކޮށް ލިބޭ ޖުމްލަ އާމްދަނީ 20،000 ރުފިޔާ އަށް ވުރެ އިތުރު ނުވާ ފަރާތްތަކުން މީރާގައި އެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީ ކުރުން ލާޒިމް ނޫން ކަމަށް އެ ރޫލިންގައި ބުނެފައިވެ އެވެ.
ނަމަވެސް މީރާ އިން ބުނީ އެ ފަރާތްތަކުން ބޭނުންވެއްޖެ ނަމަ އެ ފަދަ ވިޔަފާރި ހަރަކާތްތައް އެ ތަނުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އެކަމަކު، ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ވެސް، ހުރިހާ ހިސާބުތަކާއި ލިޔެކިޔުންތައް ފުރިހަމަ އަށް ބަލަހައްޓަން ޖެހޭނެ ކަމަށް މީރާ އިން ބުންޏެވެ.