ޖަޕާނުގެ ކުރީގެ ތަރި ކެއިސޫކޭ ހޮންޑާގެ އެހީތެރިކަމާ އެކު ފަހަތުން އަރައި ނޭޕާލްގެ ޗެމްޕިއަން، ޗާޗް ބޯއީޒް ޔުނައިޓެޑް 2-1 އިން ބަލިކޮށް، ބޫޓާންގެ ޗެމްޕިއަން، ޕަރޯ އެފްސީ، އޭއެފްސީ ޗެލެންޖް ލީގުގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދައިފި އެވެ.
މިއީ، ޕަރޯ އެފްސީ ސަރަހައްދީ މުބާރާތެއްގެ ގުރޫޕް ސްޓޭޖުން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ ކޮލިފައިން ބުރުގެ މެޗަކުން ވެސް އެޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ ޗެމްޕިއަން މާޒިޔާއަށް ވަނީ ޗެލެންޖް ލީގުގެ ގުރޫޕް ސްޓޭޖުން އޮޓަމެޓިކް ޖާގައެއް ހޯދައިފަ އެވެ.
ވިއްސާރައިގެ ސަބަބުން ޗަކަވެފައި އޮތް ދަޝްރަތު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 38 ވަނަ މިނިޓުގައި ޗާޗް ބޯއީޒް އިން ލީޑް ނެގި އެވެ. މި ގޯލު ޖަހައިދިނީ ލަކެން ލިމްބޫ އެވެ.
ނަމަވެސް އޭގެ ދެ މިނިޓު ފަހުން ޕަރޯ އެފްސީގެ ކިންގާ ވަންގްޗުކް ނަތީޖާ އެއްވަރު ކޮށްދިނީ، ހޮންޑާ ނަގައިދިން ހިލޭޖެހުމަކުން ތަނަވަސްވި ބޯޅައިންނެވެ.
ޕަރޯ މޮޅުވި ގޯލު 67 ވަނަ މިނިޓުގައި ޖަހައިދިނީ މިދިޔަ ސީޒަންގައި ނޭޕާލް ލީގުގައި ކުޅުނު ގާނާގެ މިޑްފީލްޑަރު، ވިލިއަމް އޮޕޮކޫ އެވެ.
އުމުރުން 38 އަހަރުގެ ހޮންޑާ ވަނީ، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރިޓަޔާ ކޮށްފަ އެވެ. އެއަށް ފަހު ކޯޗިންގެ ދާއިރާގައި މަސައްކަތްތަކެއް ކުރުމަށް ފަހު އޭނާ ޕަރޯ އެފްސީއާ ގުޅުނީ، ޗެލެންޖް ލީގު ކޮލިފައިންގެ މި މެޗު ކުޅެދޭށެވެ.
ހޮންޑާ ވަނީ ޕަރޯ އެފްސީގެ ކެޕްޓަން ބޭންޑް އަޅައިގެން ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތާ ހަމައަށް ޓީމު ލީޑު ކޮށްދީފައެވެ.
ކުރިން އިޓަލީގެ އޭސީ މިލާނަށް ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ހޮންޑާ ކުޅުން ހުއްޓާލިއިރު އޭނާ ވަނީ ޖަޕާންގެ ގައުމީ ޓީމަށް 98 މެޗު ކުޅެދީ 37 ގޯލު ޖަހައިދީފަ އެވެ.
ޖަޕާނާއެކު އޭނާ ވަނީ 2008 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ކުޅުނެވެ. އޭޝިއަން ކަޕާއި ދެ ފަހަރު އަދި ވޯލްޑް ކަޕްގައި ތިން ފަހަރު ކުޅުނެވެ. ގަތަރުގައި 2011 ގައި ބޭއްވި އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ޖަޕާނަށް ހޯދައި ދީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޮންޑާ ހޯދި އެވެ.