އުސޫލާ ހިލާފަށް ހުޅުމާލެއިން ޕާކިން ސްލޮޓް ދޫކުރި ކަމަށް ދެކެވޭ ވާހަކަތައް އެޗްޑީސީން މިއަދު ދޮގުކޮށްފި އެވެ. 

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ އަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެ ކޯޕަރޭޝަނުން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގެ ދަށުން އެ ހުޅުމާލޭގެ އެކި ސަރަހައްދަތަކުން ޕޮކެޓް ޕާކިން ދޫކުރުމަށް، އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށް ހުޅުވައިލި ކަމަށް ބުންޏެވެ.

އެ އިއުލާނާ ގުޅިގެން އެ ފުރުސަތުގައި ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލާފައިވާ ކަމަށާއި އުސޫލުގެ ތެރެއިން އެ ފަރާތްތައް އިވެލުއޭޓްކޮށް. ޝަރުތުހަމަވި މީހުންގެ ލިސްޓު އާންމުކޮށް، އިއުލާންކުރި ކަމަށް އެޗްޑީސީން ބުންޏެވެ. 

އެ ކުންފުނިން ބުނި ގޮތުގައި އެގޮތަށް އާންމުކޮށް އިއުލާނުކޮށް، ހާމަކަން ބޮޑު ގޮތެއްފައި ޕާކިން ސްލޮޓްތައް ދޫކުރުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އެކަމާ ގުޅޭގޮތުން އާންމުންނަށް އޮޅުން އަރާ ގޮތަށް ހަގީގަތާ ހިލާފަށް ފަތުރަމުން ގެންދިއުމަކީ ކަންބޮޑުވާ ކަމެކެވެ. 

އެޗްޑީސީން ބުނީ ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ޕާކިން ސްލޮޓްތައް ވިއްކަމުންދާ ކަމަށް ބުނެ އެ ކޯޕަރޭޝަންގެ އިތުބާރު ގެއްލޭ ގޮތަށް މައުލޫމާތު ޝާއިއު ކުރުމަކީ ކުށްވެރިކުރާ ކަމެއް ކަމަށެވެ. 

އެޗްޑީސީން ވަނީ އެފަދަ ހަގީގަތާ ހިލާފު މައުލޫމާތު އާންމުކުރާ މީހުންގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެ އެވެ. އަދި ރައްޔިތުންނާ ގުޅޭ ހިދުމަތްތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ނުފަތުރަށް އިލްތިމާސްކުރި އެވެ.