އެމެރިކާގެ މަޝްހޫރު އަންހެން ވިޔަފާވެރިޔާ އަދި ރިއަލިޓީ ޝޯ ތަރި ޕެރިސް ހިލްޓަން އޭނާ ދެ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެކްޓަރު/މޮޑެލް ކްރިސް ޒިލްކާއާ އެންގޭޖް ވެއްޖެ އެވެ.
އާ އަހަރުގެ ޗުއްޓީގެ ތެރެއިން އަންގާރަ ދުވަހު ދެ މީހުން އެންގޭޖްވިކަން ޕެރިސް ވަނީ ޓްވިޓާ އާއި އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
ޕެރިސް، 36، އާއި "ދަ އެމޭޒިން ސްޕައިޑަ މޭން" އާއި "ޝާކް ނައިޓް" ފަދަ ފިލްމުތައް ކުޅެފައިވާ ކްރިސް، 32، އެންމެ ފުރަތަމަ ދިމާވީ މީގެ އަށް އަހަރު ކުރިން އޮސްކާ ޕާޓީއެއްގެ ތެރެއިންނެވެ. އޭގެ ފަހުން ދެ މީހުންގެ މެދުގައި ގާތް ގުޅުމެއް އުފެދުނު ނަމަވެސް، ދެ މީހުން ރަސްމީކޮށް ރައްޓެހިވެގެން އުޅޭކަން ޕެރިސް ޔަގީންކޮށް ދިނީ މިދިޔަ އަހަރު އެވެ.
"ކްރިސްއަކީ އަހަންނާ އެންމެ އެކަށީގެންވާ މީހާ. އަހަރެން މިހިރީ ވަރަށް އުފަލުން،" އެންގޭޖްމަންޓް އަނގޮޓިއާ ވެސް އެކު، ދެ މީހުން ނަގާފައިވާ ފޮޓޯތަކާ އެކު، ސޯޝަލް މީޑިއާގައި ޕެރިސް ބުންޏެވެ.
އެންގޭޖްމަންޓް އިއުލާން ކުރި ނަމަވެސް ދެ މީހުން ކައިވެނި ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. ޕެރިސް އާއި ކްރިސްގެ މި ކައިވެނި ވެގެން ދާނީ ދެ މީހުންގެ ވެސް އަލަތު ކައިވެންޏަށެވެ.
މީގެ ކުރިން ޕެރިސް ވަނީ ކުރިން ހިތާވެގެން އުޅުނު ދެ ލޯބިވެރިންގެ އެންގޭޖްމަންޓްތައް ރޫޅާލައިފަ އެވެ. އެއީ 2003 އާއި 2005 ގަ އެވެ. ކްރިސް ކުރިން ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާއާ ރަސްމީކޮށް ވަކިވީ 2015 ގަ އެވެ.