މާދަމާ ފަށާ ޕެރިސް އޮލިމްޕިކްސް 2024ގެ ރަސްމިއްޔާތެއްގައި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާން ޕާފޯމްކުރަން ނިންމައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ޝާން ޕާފޯމްކުރާނީ ޕެރިސް އޮލިމްޕިކްސްއާ ދިމާކޮށް އިންޑިއާގެ ތާރީހާއި ސަގާފަތް ދައްކާލުމަށް ޕެރިސްގައި ހަދާފައިވާ "އިންޑިއާ ހައުސް" ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ.

"އިންޑިއާ ހައުސް"ގައި ދައްކާ ހަރަކާތްތަކުގެ ކޮންސެޕްޓް ހަދައި ހޮސްޓުކުރަނީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ އަންހެނުން ނީތާ އަމްބާނީގެ އަމިއްލަ ޖަމިއްޔާ ކަމަށްވާ ރިލަޔަންސް ފައުންޑޭޝަންގެ ފަރާތުންނެވެ.

"އިންޑިއާ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާފޯމްކުރުމަކީ އަހަންނަށް ލިބޭ ފަހުރެއް،" ޝާން ބުންޏެވެ.

ޝާން އޭނާގެ ބޭންޑާ އެކު ހުށަހަޅާނީ 90 މިނެޓުގެ ޕާފޯމަންސެއް ކަމަށާއި އިންޑިއާގެ ގައުމީ ރޫހު ދައްކައިދޭ ބައެއް ލަވަތައް ވެސް އޭނާ ހުށަހަޅާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.

އޭނާ ހުށަހަޅާނެ ލަވަތަކުގެ ތެރޭގައި އާމިރު ހާންގެ ކުރިއަށް އޮތް ސްޕޯޓްސް ފިލްމު "ޗާންދޫ ޗެމްޕިއަން"ގެ ލަވައެއް ހިމެނޭ ކަމަށްވެ އެވެ. އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒާ ޕްރިތަމްގެ އެ ލަވައަކީ އަދި ރިލީޒްނުކުރާ ލަވައެކެވެ.

ޝާންގެ މަޝްހޫރު ލަވަތައް ކަމަށްވާ ފިލްމު "އޯމް ޝާންތި އޯމް"ގެ "ދީވާންގީ ދީވާންގީ" އާއި "ދަސް ބަހާނޭ" އާއި ފިލްމު "ދިލް ޗާހުތާ ހޭ"ގެ "ކޮއި ކަހޭ ކެހެތާ ރަހޭ" ވެސް ހުށަހަޅާނެ އެވެ.