ރަށްރަށުގައި ބޭނުންކުރަން އެމްބިއުލެންސް ހޯދަން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އެސްޓީއޯއާ ހަވާލުކޮށްގެން އިތުރު ހަ އެމްބިއުލެންސް ރާއްޖެ ގެނެސްފި އެވެ.

ހެލްތު މިނިސްޓްރީން ވަނީ ޖުމްލަ 28 އެމްބިއުލެންސް މި އަހަރު ހޯދުމަށް އެސްޓީއޯ ހަވާލުކޮށްފަ އެވެ. އަލަށް ގެނައި އެމްބިއުލެންސްތަކަކީ، ގާތްގަޑަކަށް 5.6 މިލިއަން ރުފިޔާ ހަރަދުވާ މި މަޝްރޫއުގެ ދަށުން ގެނައި އެމްބިއުލެންސްތަކެވެ.

މިނިސްޓްރީން ބުނީ މި ފަހަރު ގެނައި އެމްބިއުލެންސްތަކަކީ މިހާރު އާންމުކޮށް ރާއްޖޭގައި ބޭނުން ކުރާ އެމްބިއުލެންސްތަކަށް ވުރެ ސައިޒުގެ ގޮތުން ކުޑަ، އެކަމަކު ފެންވަރު ރަނގަޅު އެމްބިއުލެންސްތަކެއް ކަމަށެވެ. އަދި އާންކޮށް ބޭނުން ކުރާ އެމްބިއުލެންސްތަކުން ދެވޭ ހުރިހާ ހިދުމަތެއް މި އެމްބިއުލެންސްތަކުން ވެސް ދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަލަށް ގެނައި އެމްބިއުލެންސްތައް ފޮނުވަން ހަމަޖެހިފައިވާ ރަށްތަކެއް ހެލްތު މިނިސްޓްރީން އަދި ނުބުނެ އެވެ. އެކަމަކު، އެ އެމްބިއުލެންސްތައް ވަރަށް އަވަހަށް ރަށްރަށާ ހަވާލު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހެލްތުން ބުނީ އިތުރު 12 އެމްބިއުލެންސް ވެސް ރާއްޖެ ގެނައުމުގެ މަގުމަތީގައި މިހާރު ވާ ކަމަށެވެ. އަދި އެސްޓީއޯއާ ހަވާކުކޮށްގެން ގެންނަން ހަމަޖެހިފައިވާ 28 އެމްބިއުލެންސް މި އަހަރު ނިމުމުގެ ކުރިން ގެނެސް ނިމޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރު ވެސް އެސްޓީއޯ ހަވާލުކޮށްގެން އެމްބިއުލެންސްތަކެއް ގެނެސްފައިވެ އެވެ. އޭގެ ތެރޭގައި ޕެރަމެޑިކް އެމްބިއުލެންސް ވެސް ހިމެނެ އެވެ.