ތެލް އަވީވް (ސެޕްޓެމްބަރު 6) - ޕެރަގުއޭ އެމްބަސީ ގުދުސް އަށް ބަދަލުކުރިތާ ތިން މަސް ފަހުން އަލުން ތެލް އަވީވް އަށް ބަދަލު ކުރަން އެ ގައުމުގެ އާ ސަރުކާރުން ނިންމައިފި އެވެ.

ރައީސްކަމުގެ ހުވާ މިދިޔަ މަހު ކުރެއްވި މާރިއޯ އަބްޑޯ ބެނިޓޭޒް ވިދާޅުވީ މެދުއިރުމައްޗަށް ދާއިމީ ސުލްހަ ހޯދަން އޭނާ ބޭނުންވާ ކަމަށެވެ.

ސައުތު އެމެރިކާގެ ގައުމުގެ ނިންމުމާ ގުޅިގެން އިޒްރޭލުން ހިތްހަމަނުޖެހިގެން ބުނެފައި ވަނީ ޕެރަގުއޭގައި ހުރި އެ ގައުމުގެ އެމްބަސީ ބަންދުކުރާނެ ކަމަށެވެ. ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނި ޕެރަގުއޭގެ އާ ސަރުކާރުގެ ނިންމުމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

ނަމަވެސް ފަލަސްތީނުން ބުނެފައި ވަނީ އެ ގައުމުގެ އެމްބަސީއެއް ވަރަށް އަވަހަށް ޕެރަގުއޭގައި ހުޅުވާނެ ކަމަށެވެ.

ޕެރަގުއޭގެ އެމްބަސީ ތެލް އަވީވުން ގުދުސް އަށް ބަދަލު ކުރަން މިދިޔަ މެއި މަހު ނިންމީ ކުރީގެ ރައީސް ހޮރަސިއޯ ކާޓްސް އެވެ. އެއީ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމާ ގުޅިގެންނެވެ. އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވުމާ ގުޅިގެން މުޅި ދުނިޔޭގެ ރުޅިވެރިކަން އިތުރުވެގެން ދިޔަ އެވެ.

އެމެރިކާގެ ފަހަތުން ގުއަޓާމާލާގެ އެމްބަސީ ވެސް ވަނީ ގުދުސް އަށް ބަދަލުކޮށްފަ އެވެ. އަދި ޗެކް ރިޕަބްލިކުން ވަނީ އޮނަރަރީ ކޮންސިއުލޭޓެއް ގުދުސްގައި ހުޅުވައިފަ އެވެ.