ޕެރަގުއޭގައި ޖަލަށް ލާފައިވާ މަސްތުވާތަކެތީގެ ބޮޑަކު އޭނާގެ ޖަލު ގޮޅި ގަނޑުވަރެއް ފަދަ އަރާމު ތަނަކަށް ބަދަލުކޮށްގެން އުޅެނިކޮށް ފަޅައި އަރައިފި އެވެ.

ހުކުމް ތަންފީޒުކުރަމުން ދިޔަ ބްރެޒިލް މީހެއް ކަމަށްވާ ޖާވިސް ޗިމެނިއާ ޕަވައޯގެ ތިން ކޮޓަރީގެ ޖަލަށް ފުލުހުން ވަންއިރު ކޮންފަރެންސް ރޫމަކާއި ޕްލަސްމާ ސްކްރީން ޓީވީ އާއި ލައިބްރަރީއަކާއި ބަދިގެއެއް ވެސް ފެންވަރު ރަނގަޅުކޮށް ހަދާފައި ހުއްޓާ ފެނުނެވެ.

ފުލުހުން ބުނީ ޕަވައޯ ރާވަމުން ދިޔައީ ގޮވާތަކެތި ބޭނުންކޮށްގެން ޖަލުގެ ފާރު ގޮއްވާލައިގެން ޖަލުން ފިލަން ކަމަށެވެ. ފުލުހުން މިހާރު ވަނީ ޕަވައޯގެ ފެންވަރުމަތީ ޖަލު ހަލާކުކޮށްލައިފަ އެވެ.

ޕަވައޯގެ މައްޗަށް ތަންފީޒުކުރަމުން ދަނީ މަނީލޯންޑެރިންގެ މައްސަލައެއްގައި ކޮށްފައިވާ ޖަލު ހުކުމެކެވެ. އެ ހުކުމުގެ މުއްދަތު ހަމަވާން ކައިރިވެފައި ވާއިރު އޭގެ ފަހުން އޭނާ ބްރެޒިލާ ހަވާލުކުރުމުގެ ފުރުސަތު އެބަ އޮތެވެ.

ޖަލުގައި ހުރި ބައެއް ފޮތްތަކާއި ޑީވީޑީ
ޖަލުގައި ހުރި ބައެއް ފޮތްތަކާއި ޑީވީޑީ

އޭއެފްޕީ އިން ބުނީ މި މައްސަލައާ ބެހޭ ގޮތުން ޖަލު މީހުންނާ ސުވާލުކުރުމުގެ ފުރުސަތު ޕްރިޒަންސް އިން ދީފައިވާ ކަމަށެވެ. ޖަލުގެ ގައިދީން އޭއެފްޕީ އަށް ބުނެފައިވާ ގޮތުގައި ޖަލުގައި ހުރި ލަގްޒަރީ މި ގޮޅީގައި ހުންނަން ބޭނުންވާ ކޮންމެ ކުށްވެރިޔަކު ޕަވައޯ އަށް 5000 ޑޮލަރުގެ ފީއެއް ދައްކަން ޖެހެ އެވެ. އަދި ދިގު މުއްދަތަކަށް ކުއްޔަށް ހިފާ ނަމަ ހަފުތާއަކު 600 ޑޮލަރު ދައްކަން ޖެހެ އެވެ.

ޖަލުގައި ހުރި ފެންވަރު ރަނގަޅު ފަރުނީޗަރާއި ގައިދީގެ އަގުބޮޑު ބައެއް ސާމާނުތައް
ޖަލުގައި ހުރި ފެންވަރު ރަނގަޅު ފަރުނީޗަރާއި ގައިދީގެ އަގުބޮޑު ބައެއް ސާމާނުތައް

"އެއީ މި ޖަލުގައި ހުރި، ގައިދީން އެންމެ ލޯބިވާ މީހާ،" ގައިދީއަކު އޭއެފްޕީ އަށް ބުނެފައިވެ އެވެ.

އޭސީކޮށް ފެންވަރު ރަނގަޅު ފަރުނީޗަރާއި ފާހާނާ ހުރި މި ޖަލުގައި އެކި ކަންކަމާ ގުޅޭ ޑީވީޑީތައް ވެސް ހުއްޓެވެ. އޭގެ ތެރޭގައި ކޮލަމްބިއާގައި މަސްތުވާތަކެތީގެ ވިޔަފާރީގައި އެންމެ އިސްކޮށް އުޅެނިކޮށް މީގެ އަހަރުތަކެއް ކުރިން މަރާލި ޕަބްލޯ އެސްކޮބާއާ ބެހޭ ފިލްމުތަކާއި ފޮތްތައް ވެސް ހިމެނެ އެވެ.