ޕެރަގުއޭގެ ރިއާސީ ދައުރު އިތުރުކުރަން މިހާރުގެ ރައީސް ކުރައްވާ މަސައްކަތާ ދެކޮޅުހެދުމުގެ ގޮތުން ރައްޔިތުން ނުކުމެ އެ ގައުމުގެ ރައްޔިތުންގެ މަޖިލިހުގައި ރޭ ހުޅުޖަހައިފި އެވެ.
ޕެރަގުއޭގައި ކުރިން އޮތް ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް 1992 ގައި ހިންގި ހަމަނުޖެހުންތަކަށް ފަހު އެ ގައުމުން ފެނުނު އެންމެ ބޮޑު ރުޅިވެރިކަމުގައި ރައްޔިތުން ނުކުތީ މިހާރުގެ ރައީސް ހަރެކްޓިއޯ ކާޓެސް އަށް އިތުރު ދައުރަކަށް ކުރިމަތިލެއްވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެންނަން އުޅޭ ބަދަލުތަކާ ދެކޮޅުހެދުމަށެވެ.
ޚުދުމުޚުތާރު ވެރިކަމަކުން ޑިމޮކްރަސީއަކަށް ޕެރަގުއޭގެ ވެރިކަން ބަދަލުވާން 1992 ގައި ހެދި ގާނޫނުއަސާސީގައި އޮންނަނީ ކޮންމެ ރައީސަކަށް ވެސް ފަސް އަހަރުގެ އެއް ދައުރު ލިބޭ ގޮތަށެވެ. އެކަމަކު ކާޓެސް އުޅުއްވަނީ އޭނާ އަލުން އިންތިޚާބުވެވަޑައިގެންނެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރައްވާށެވެ.
އާންމުން ނުކުމެ، އެ ގައުމުގެ ކޮންގްރެސް އިމާރާތަށް ވަދެ، ރައީސަށް ތާއީދުކުރާ މެމްބަރުންގެ އޮފީސްތަކުގައި ވެސް އަލިފާން ރޯކުރި އެވެ.
ފުލުހުންނާއި އާންމުންނާ ދެމެދު ވަރަށް ބޮޑު ތަޅާފޮޅުންތަކެއް ވެސް ހިނގި ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ވަރަށް ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ވެސް ލިބުނެވެ.
"ފުލުހުންނާއި އާންމުންނާ ދެމެދު ވަރަށް ބޮޑު ކުރިމަތިލުންތަކެއް ހިނގި،" މަންޒަރު ދުށް ނޫސްވެރިޔަކު ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި މަޖިލިސް ތެރޭގައި ދެ ގަޑިއެއްހާ އިރު ވަންދެން އަލިފާން ރޯވެފައި ހުއްޓެވެ.
ގާނޫނުއަސާސީ އަށް ގެންނަން އުޅޭ ބިލާ ދެކޮޅަށް އާންމުން ނުކުތީ ޕެރަގުއޭގެ ސެނެޓްގެ 25 މެމްބަރަކު ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ. އެ ބައްދަލުވުމުގައި ނިންމީ ގާނޫނުއަސާސީއަށް ބަދަލު ގެންނަން ތާއީދުކުރާ ކަމަށް ކަމަށް، އާންމުންނަށް އޮތީ އެނގިފަ އެވެ.
ޓްވިޓާގައި ރައީސް ކާޓެސް ވިދާޅުވީ ޑިމޮކްރަސީ އަކީ ހަމަނުޖެހުން ހިންގައިގެން ދިފާއުކުރެވޭނެ އެއްޗެއް ނޫން ކަމަށާއި ގާނޫނާއި ގަވާއިދު ދަމަހައްޓަން ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މިހާރު ގެންނަން އުޅޭ ބަދަލުގެ ސަބަބުން ގައުމުގެ ޑިމޮކްރެޓިކް މުއައްސަސާތައް ބަލިކަށިވާނެ އެވެ.
"ބަޣާވާތެއް ގެނެސްފި. އެކަމާ ދެކޮޅަށް އަހަރެމެން ތެދުވާނަން އަދި އަހަރެމެންނާ އެކު އާންމުން ތެދުވަން ވެސް ގޮވާލަން،" ގާނޫނުއަސާސީ އަށް ގެންނަން އުޅޭ އިސްލާހަށް އިޝާރަތްކުރައްވައި، އިދިކޮޅު ސެނެޓަރެއް ކަމަށްވާ ޑެސިރީ މާސީ ވިދާޅުވި އެވެ.
މިހާރުގެ ރައީސް ކާޓެސްގެ ރިޔާސީ ދައުރު ނިމޭނީ އަންނަ އަހަރު އެވެ.