ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުން އަންނަ ވިއްސާރައިގައި އއ. ތޮއްޑޫގެ ފަޅޯ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހިމް ވިދާޅުވީ މިދިޔަ ހަފުތާގައި އެ ރަށަށް ކުރި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ފަޅޯ ދަނޑުތަކަށް ކަމަށެވެ. އެ ދަނޑުތަކަށް މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބުނު ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުދޭ ވަރަކަށް ގިނަ އިން ފަޅޯ އަޅާފައި ގަސްތަކުގައި ހުރީ. ބަލި ގަހެއް ވީމަ ވާ ޖަހައިގެން ގަސް ހިފަހައްޓަނީ. މާ ގަދަކޮށް ވައި ޖެހުނީމަ ގަސްތައް ނުހިފެހެއްޓިގެން ވެއްޓި ހަލާކުވީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބާރަށް ވައި ޖެހުމުގެ ސަބަބުން ފަޅޯ ގަސްތަކުގެ ތެރެއިން 1500 ގަސް ވަނީ ހަލާކުވެފަ އެވެ. އަދި ބަށި ދަނޑުތަކަށް ވެސް ގެއްލުންތަކެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކަރާ ދަނޑުތަކަށް ގެއްލުން ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ދަނޑުވެރިންނާ ހަވާލާދީ ހަސަން ވިދާޅުވީ ވިއްސާރައިގައި އެ ރަށުގެ ފަޅޯ ދަނޑުތަކަށް ގެއްލުން ވިޔަސް، އެކަށީގެންވާ ވަރަށް ބާޒާރަށް ފަޅޯ ނެރެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ރޯދަ މަހަށް، އެ ރަށުގައި ހައްދާ ތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަށް ކުރަމުން ދާ ވިއްސާރައިގައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އައްޑުއަށާއި ފުވައްމުލަކުގެ އިތުރުން ގދ. ނަޑެއްލާ އަށެވެ. އަދި ބައެއް ރަށް ރަށުގައި ފެން ބޮޑުވެ، ގޭގެ އަށް ފެން ވަދެފައިވާ އިރު، ހިތަދު އަށް އެރި ނަގޫ ރޯޅިއެއްގައި ގިނަ އަދަދެއްގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.