މިލާން (މާޗް 24) – ކޮރޯނާވައިރަހުން، އޭނާ ހަފުތާއެއްގެ ތެރޭ ރަނގަޅުވާނެ ކަމަށް އުއްމީދުކުރާ ކަމަށް އިޓަލީ އާއި އޭސީ މިލާނުގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ ބުނެފި އެވެ.
މިލާނުގެ މިހާރުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމް އަދާކުރާ މަލްޑިނީ އާއި އޭނާގެ ދަރިފުޅު އަދި މިލާނުގެ ކުޅުންތެރިޔާ ޑެނިއަލް މަލްޑިނީ އަށް ކޮވިޑް-19 ޖެހިފައިވާކަން އެ ކްލަބުން ބުނީ ހޮނިހިރު ދުވަހު އެވެ.
މަލްޑިނީ އިންސްޓަގްރަމްގައި ޕޯސްޓްކުރި ވީޑިއޯ މެސެޖެއްގައި ބުނީ އޭނާ އާއި އޭނާގެ ދަރިފުޅުގެ ސިއްހަތާ މެދު ސޯޝަލް މީޑިއާގައި ލޯތްބާއި ކަންބޮޑުވުން ފާޅުކުރި އެންމެންނަށް ޝުކުރުއަދާކުރާ ކަމަށެވެ. މަލްޑިނީ ބުނީ އޭނާ އާއި އޭނާގެ ދަރިފުޅުގެ ހާލަތު ރަނގަޅު ކަމަށާއި ހަފުތާއެއްގެ ތެރޭގައި މި ވައިރަހުން ސަލާމަތްވާނެ ކަމަށް ބަލާ ކަމަށެވެ.
މަލްޑިނީ ބުނީ އެންމެ މަތީ ޕްރޮފެޝަނަލިޒަމާއި އެންމެ ގަދަ ހިތްވަރާ އެކު، މި ކުއްލި ހާލަތާ ކުރިމަތިލަމުން އަންނަ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ މަސައްކަތްތެރިންނާއި ސިވިލް ޕްރޮޓެކްޝަން އަދި ލޯ އެންފޯސްމަންޓް އޮފިސަރުންނަށް ޝުކުރުއަދާކުރާ ކަމަށެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މަލްޑިނީ އަކީ އިޓަލީ ގައުމީ ޓީމަށް 1988-2002 އަށް 126 މެޗު ކުޅެދީފަ އެވެ. ޔޫތު ކެރިއަރުން ފެށިގެން ސީނިއާ ކެރިއަރު އެއްކޮށް މިލާނުގައި ހޭދަކުރި މަލްޑިނީ ވަނީ އެ ޓީމަށް 902 މެޗު ކުޅެދީފަ އެވެ. އަދި އެ ޓީމާ އެކު އިޓަލީ ޗެމްޕިއަންކަން ހަތް ފަހަރު އަދި ޔޫރަޕުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދި އެވެ.
އިޓަލީ އަކީ ކޮރޯނާވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރޭ ގައުމެވެ. އެ ގައުމުން 63،000 އަށް ވުރެ ގިނަ މީހުންނަށް ޖެހި 6000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.