މިލާން (ޖޫން 28) – ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު އިޓަލީގެ ޕައޮލޯ މަލްޑިނީ ވާދަކުރި ފުރަތަމަ ޕްރޮފެޝަނަލް ޓެނިސް މުބާރާތް ކަމަށްވާ އަސްޕްރިއާ ޓެނިސް ކަޕް (މިލާން އޯޕަން) ގެ ފުރަތަމަ ބުރުން އޭނާ ކަޓައިފި އެވެ.

މުބާރާތުގެ ޑަބަލްސް ފުރަތަމަ ބުރުން މަލްޑިނީ އާއި ސްޓެފާނޯ ލަންޑޮނިއޯ ބަލިވީ ޕޮލެންޑުގެ ތޯމަސް ބެޑްނަރެކާއި ހޮލެންޑުގެ ޑޭވިޑް ޕެލްގެ ޕެއާއާ ވާދަކޮށް 6-1 އަދި 6-1 އިންނެވެ.

ޓެނިހުގެ ތިން ވަނަ ދަރަޖައިގެ މުބާރާތް ކަމަށްވާ އޭޓީޕީ ޗެލެންޖާ ޓުއާގައި ހިމެނޭ މިލާން އޯޕަން އަށް އުމުރުން 49 އަހަރުގެ މަލްޑިނީ އާއި އޭނާގެ ޕާޓްނަރު ކޮލިފައިވީ ކޮލިފައިން ކުޅެގެންނެވެ.

ޓެނިހުގެ އެންމެ މަތީ ފަންތިއަކީ ގްރޭންޑް ސްލޭމް މުބާރާތްތަކެވެ. މަލްޑިނީ ވާދަކުރާ މުބާރާތަކީ ޓެނިނުގެ ދެ ވަނަ ދަރަޖަކަމަށްވާ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގެ ކޮލިފައިން އިވެންޓެކެވެ.

ދުނިޔޭގެ 975 ވަނައިގައި ކުރިން ރޭންކްކުރެވުނު ލަންޑޮނިއޯ އަކީ މަލްޑިނީގެ ކޯޗު ވެސް މެ އެވެ.

މަލްޑިނީގެ މެޗު ބެލުމަށް އޭނާއާ އެކު މިލާނަށް ކުޅެފައިވާ ނެދަލެންޑްސްގެ މިޑްފީލްޑަރު ކްލަރެންސް ސީޑޯފް ދިޔަ އެވެ.

ފުޓްބޯޅަ ކެރިއަރު 2009 ގައި ނިންމާލި މަލްޑިނީ ވަނީ އޭގެ ފަހުން ބޮކްސިންގައި ވެސް ބައިވެރިވެފަ އެވެ. ދޮށީ އުމުރެއްގައި ޓެނިހުގެ ތެރެއަށް ވަދެ އޭނާ، މުޅި އުމުރު ޓެނިސް ކުޅެފައިވާ ކުޅުންތެރިން ވާދަކުރާ ޕްރޮފެޝަނަލް ޓެނިސް މުބާރާތަކަށް ކޮލިފައިވުމާ އެކު ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ.

މުޅި ފުޓްބޯޅަ ކެރިއަރު އޭސީ މިލާނުގައި ހޭދަކުރި މަލްޑިނީ ވަނީ 1985 އިން 2009 އަށް އެ ކްލަބަށް 902 މެޗު ކުޅެދީ އެ ކްލަބާ އެކު ޗެމްޕިއަންސް ލީގު ފަސް ފަހަރު އަދި އިޓާލިއަން ލީގު ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ.

އިޓަލީ ގައުމީ ޓީމާ އެކު 1990 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތިން ވަނަ އަދި 1994 ގައި ދެ ވަނަ ހޯދި މަލްޑިނީ ވަނީ ގައުމީ ޓީމަށް 126 މެޗު ކުޅެދީފަ އެވެ.

ކުޅުން ހުއްޓާލުމަށް ފަހު އޭނާ ބޮޑަށް ހަރަކާތްތެރިވަނީ ރިއަލް އެސްޓޭޓް ވިޔަފާރީގަ އެވެ. މީގެ އިތުރުން އޭނާ އަކީ އެމެރިކާގެ މޭޖާ ލީގުގެ މަޔާމީ އެފްސީގެ ޑިރެކްޓަރެކެވެ.