މިލާން (ޖޫން 19) – ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު އިޓަލީގެ ޕައޮލޯ މަލްޑިނީ ފުޓްބޯޅަ ކުޅުން ހުއްޓާލިތާ އަށް އަހަރު ފަހުން، އުމުރުން 49 އަހަރުގައި ޕްރޮފެޝަނަލް ޓެނިސް މުބާރާތަކަށް ކޮލިފައިވެއްޖެ އެވެ.
މަލްޑިނީ އާއި އޭނާގެ ކޯޗު އަދި ޑަބަލްސް ޕާޓްނަރު ސްޓެފާނޯ ލަންޑޮނިއޯ ކޮލިފައިވީ ޓެނިހުގެ ތިން ވަނަ ދަރަޖައިގެ މުބާރާތް ކަމަށްވާ އޭޓީޕީ ޗެލެންޖާ ޓުއާގައި ހިމެނޭ އަސްޕްރިއާ ޓެނިސް ކަޕް (މިލާން އޯޕަން) މުބާރާތަށެވެ. ޓެނިހުގެ އެންމެ މަތީ ފަންތިއަކީ ގްރޭންޑް ސްލޭމް މުބާރާތްތަކެވެ. މަލްޑިނީ ވާދަކުރާ މުބާރާތަކީ ޓެނިނުގެ ދެ ވަނަ ދަރަޖަކަމަށްވާ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގެ ކޮލިފައިން އިވެންޓެކެވެ.
ފުޓްބޯޅަ ކެރިއަރު 2009 ވަނަ އަހަރު ނިންމާލި މަލްޑިނީ މި މުބާރާތުގައި ވާދަކުރާއިރު ދެން ވާދަކުރާ ހުރިހާ ކުޅުންތެރިންނަކީ ވެސް މުޅި އުމުރު ޓެނިސް ކުޅެފައިވާ ޕްރޮފެޝަނަލުންނެވެ.
"މަލްޑިނީގެ ސާވިސް ރަނގަޅު. ރަނގަޅު ޝޮޓްތައް ވެސް ފޮނުވާލާ. އޭނާ އަންނަނީ ވޮލީތައް ވެސް ރަނގަޅުކުރަމުން. މެޗުގައި އޭނާގެ ކުޅުން ލޮލުގައި އެހާ ބޮޑަށް އަޅައިނުގަނެފާނެ. އެކަމަކު ޖުމްލަކޮށް އޭނާ ދަށެއް ނޫން،" މަލްޑިނީގެ ކޯޗު އަދި ޑަބަލްސް ޕާޓްނަރު ބުންޏެވެ.
އޭނާ ބުނީ މަލްޑިނީ ކުޅެން ފެށީ ވަރަށް ފަހުން ކަމަށް ވާތީ ޓެކްނިކަލީ އެހާ ރަނގަޅު ނޫން ކަމަށް ވިޔަސް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އޭނާ ވަރަށް ފުރިހަމަ ކަމަށެވެ. އެގޮތުން މެޗުގެ އެންމެ ޕްރެޝަރު ދަނޑިވަޅުތަކުގައި އޭނާ އެއްވެސް ވަރަކަށް ހާސްނުވާ ކަމަށް ލަންޑޮނިއޯ ބުންޏެވެ.
މުޅި ފުޓްބޯޅަ ކެރިއަރު އޭސީ މިލާނުގައި ހޭދަކުރި މަލްޑިނީ ވަނީ 1985 އިން 2009 އަށް އެ ކްލަބަށް 902 މެޗު ކުޅެދީ އެ ކްލަބާ އެކު ޗެމްޕިއަންސް ލީގު ފަސް ފަހަރު އަދި އިޓާލިއަން ލީގު ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ.
އިޓަލީ ގައުމީ ޓީމާ އެކު 1990 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތިން ވަނަ އަދި 1994 ގައި ދެ ވަނަ ހޯދި މަލްޑިނީ ވަނީ ގައުމީ ޓީމަށް 126 މެޗު ކުޅެދީފަ އެވެ.
ކުޅުން ހުއްޓާލުމަށް ފަހު އޭނާ ބޮޑަށް ހަރަކާތްތެރިވަނީ ރިއަލް އެސްޓޭޓް ވިޔަފާރީގަ އެވެ. މީގެ އިތުރުން އޭނާ އަކީ އެމެރިކާގެ މޭޖާ ލީގުގެ މަޔާމީ އެފްސީގެ ޑިރެކްޓަރެކެވެ.
"ފުޓްބޯޅައިގެ ބޭރުން އަހަރެންގެ ހުރޭ އެހެން ޝައުގުތައް އަދި ވިޔަފާރި ވެސް އޮވޭ. އަހަރެން މިހާރު ޓެނިސް ކުޅެން. ވަރަށް ޝައުގުވެރިކަމެއް މިއީ. އަހަރެން (ފުޓްބޯޅަ ކެރިއަރަށް ފަހު) ތިން އަހަރު ބޮކްސިން ވެސް ތެޅިން. އެވެސް ވަރަށް ޝައުގުވެރިކަމެއް. އެއީ ވަރަށް ބުރަ އެކަމަކު ވަރަށް ވަރުގަދަ ކުޅިވަރެއް. އަހަންނަށް ވަރަށް ކަމުދޭ ބޮކްސިންގެ ޓްރެއިނިން ބައި،" މަލްޑިނީ 2015 ގައި ބުނެފައިވެ އެވެ.
މޮޅު ޑިފެންޑަރެއްގެ އިތުރުން ޒިންމާދާރު ކެޕްޓަނެއްގެ ގޮތުގައި މަޝްހޫރު މަލްޑިނީ ފުރަތަމަ ފަހަރަށް ވާދަވެރި ޓެނިސް މުބާރާތެއް ވާދަކުރި ނަމަވެސް އޭނާ ވަނީ މީގެ ކުރިން ޗެރިޓީ މެޗުތަކުގައި ޓެނިސް ކުޅެފަ އެވެ. މަލްޑިނީއާ އެކު އޭސީ މިލާނަށް ކުޅުނު ޔޫކްރޭން ފޯވާޑް އެންދްރީ ޝެވްޗެންކޯ ވެސް ވަނީ ކުޅުން ހުއްޓާލުމަށް ފަހު ޕްރޮފެޝަނަލް ލެވެލްގައި ގޮލްފް ކުޅެފަ އެވެ.