ރޯމް (ސެޕްޓެމްބަރު 16) - ބަދަލު ކުޅުންތެރިއެއް ގޮތުގައި ކޯޗު ހޯސޭ މޮރީނިއޯ ދެ ވަނަ ހާފަށް ކުޅެން ނެރުނު ޕައޮލޯ ޑިބާލާ އެރިތާ 70 ސިކުންތު ތެރޭ ލަނޑު ޖަހައި، މެޗުގެ އޮއިވަރު ބަދަލު ކޮށްލި މެޗުގައި 3-0 އިން ފިންލެންޑުގެ އެޗްޖޭކޭ ހެލްސިންކީ ބަލިކޮށް، ރޯމާ އިން ޔޫރޮޕާ ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
އިޓަލީގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 15 ވަނަ މިނިޓުގައި އެޗްޖޭކޭގެ ކެޕްޓަން މިރޯ ޓެންހޯ އަށް ރަތް ކާޑު ދެއްކުމުން އެޓީމުން މެޗު ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ފުރަތަމަ ހާފު ލަނޑެއް ނުޖެހުނު އިރު، ދެ ވަނަ ހާފު ފެށީ ޑިބާލާ ކުޅެން އަރުވައިގެންނެވެ.
ޑިބާލާ ރޯމާއަށް ލީޑު ނަގައިދިނީ ކެޕްޓަން ލޮރެންޒޯ ޕެލެގްރިނީ ދިން ޕާހެއް އޭރިއާ ރޮނގު މަތީ ހުރެ ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ. އަދި 49 ވަނަ މިނިޓުގައި ޕެލެގްރިނީ ރޯމާއަށް ލީޑު ފުޅާ ކޮށްދީފައި ވަނިކޮށް 68 ވަނަ މިނިޓުގައި ތިން ވަނަ ލަނޑު ޖަހައިދިނީ އަންޑްރެއާ ބެލޮއްޓީ އެވެ. މިއީ މި ސީޒަނުގައި ރޯމާއަށް ބަދަލުވެ، އޭނާ ޖެހި ފުރަތަމަ ލަނޑެވެ.
މިދިޔަ ސީޒަނުގެ ޔޫރަޕުގެ ތިން ވަނަ ފަންތީގެ މުބާރާތް، ޔޫރޮޕާ ކޮންފަރެންސް ލީގު ކާމިޔާބުކުރި ރޯމާ އިން މި ސީޒަނުގައި، ދެ ވަނަ ފަންތީގެ ޔޫރޮޕާ ލީގުގެ ފެށުން ކާމިޔާބެއް ނުވި އެވެ. ބަލްގޭރިއާގެ ލޫޑޮގޮރެޓްސް ރަޒްގާޑާ ވާދަކޮށް ރަށުން ބޭރުގައި ބަލިވި އިރު، އިޓަލީގައި ރޭ ކުޅުނު މެޗުގައި ހޯދި މޮޅާ އެކު ވެސް ކޯޗު މޮރީނިއޯ ބުނީ ޓީމުން ތަނަވަސްކުރާ ފުރުސަތުތައް ރަނގަޅަށް ނިންމާލަން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
"ފުރަތަމަ ހާފުގައި މާ މަޑުން ތިބީ، 11 ކުޅުންތެރިން 10 ކުޅުންތެރިންނާ ކުޅޭ ކަމުގެ ތަފާތެއް ނުފެނުނު. ނަމަވެސް ދެ ވަނަ ހާފުގައި އެޓިޓިއުޑް ބަދަލުކޮށް ބޮޑަށް ކުރިއަށް ޖެހިގެން ލަނޑު ޖެހުނު. އަބަދުވެސް އެޓޭކިން ވިސްނުން ގެންގުޅެން ޖެހޭ ހުރިހާ ކުޅުންތެރިން ވެސް،" މޮރީނިއޯ ބުންޏެވެ.
"ފަހަތުން އެޓޭކްތައް އުފައްދާއިރު ވެސް އަހަރެމެން ރަނގަޅު ކުރަން ޖެހޭ އެބަ، އެ ދަތިކަން ހުރި ނަމަވެސް އަހަރެން އެކަން ފޮރުވޭތޯ މަސައްކަތް ކުރަން. އަހަރެމެންގެ ކުރިއަށް ކުޅޭ ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަތިބި، އެމީހުން ޖެހޭނެ އެޓޭކް ކުރާއިރު ވަރަށް ވަރުގަދައަށް ކުޅެން. ގޯލު ޖަހަން ބޭނުން ވަނީ ނަމަ ވަރަށް ބިރު ކުޑަކޮށް ކުޅެން ޖެހޭނެ."
ރޯމާ އާއި އެޗްޖޭކޭ އާއެކު ގުރޫޕް ސީ ގައި ހިމެނޭ ސްޕެއިންގެ ރެއާލް ބެޓިސް ވަނީ 3-2 އިން އަމިއްލަ ދަނޑުގައި ލޫޑޮގޮރެޓްސް ރަޒްގާޑާ ވާދަކޮށް 3-2 އިން މޮޅު ވެފަ އެވެ.
ބެޓިސްގެ ލަނޑުތައް ޖަހައިދިނީ މިސީޒަނުގައި ބްރެޒިލްގެ ފްލުމިނެންސޭ އަށް ނުވަ މިލިއަން ޔޫރޯ ދީފައި ގެނައި ޒުވާން ފޯވާޑް ލުއިސް ހެރިންކް، 21، އާއި އުމުރުން 41 އަހަރުގެ ފޯވާޑް އަދި ކެޕްޓަން ޔަކީން އާއި ސާޖިއޯ ކެނަލްސް އެވެ. ރަޒްގާޑުގެ ލަނޑުތައް ޖަހައިދިނީ ކިރިލް ޑެސްޕޮޑޯވް އާއި ރިކް އެވެ.
މިއާ އެކު ބެޓިސް ވަނީ ގުރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.
ޖަރުމަން ލީގު އެއް ވަނައިގައި އޮތް ޔޫނިއަން ބާލިން އަދި މޮޅެއް ނުވޭ
ޖަރުމަން ބުންޑެސްލިގާ ގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިނުވެ، ފާއިތުވި 10 އަހަރު ލީގު ކާމިޔާބުކުރި ބެޔާން މިއުނިކަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެން މިވަގުތު ލީގު އެއްވަނައިގައި އޮތް ޔޫނިއަން ބާލިން ވަނީ ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ ވަނަ މެޗުން ވެސް ބަލިވެފަ އެވެ.
ރަށުން ބޭރުގައި އެޓީމު ބަލިވީ ޕޯޗުގަލްގެ ބްރާގާއާ ވާދަކޮށް 1-0 އިންނެވެ. ބްރާގާ މޮޅުވީ 77 ވަނަ މިނިޓުގައި އެޓީމަށް ކުޅޭ ޕޯޗުގަލްގެ ޒުވާން ފޯވާޑް ވިޓޯ އޮލިވެއިރާ (ވިޓީނިއާ) ޖަހައިދިން ލަނޑުންނެވެ. ފުރަތަމަ މެޗުގައި ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް-ގިލޮއިސް އަތުން ވެސް އެޓީމު ބަލިވީ ހަމަ މި ނަތީޖާއިންނެވެ.
ޔޫނިއަން ސެއިންޓް-ގިލޮއިސް ވަނީ 3-2 އިން މި ގުރޫޕުގައި ހިމެނޭ ސްވިޑެންގެ މަލްމޯ އެފްއެފް ބަލިކޮށްފަ އެވެ. މި ނަތީޖާއާ އެކުބްރާގާ އާއި ޔޫނިއަން ސެއިންޓް-ގިލޮއިސް ވަނީ ގުރޫޕް ޑީ ގައި ކުޅުނު ފުރަތަމަ ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.
ގުރޫޕް ބީ ގައި ފްރާންސްގެ ރެނެސް އާއި ތުރުކީގެ ފެނަބާޗޭ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
މެޗުގައި ފެނުނު ހަތަރު ލަނޑު ވެސް ފެނުނީ ދެވަނަ ހާފުގަ އެވެ. ދެވަނަ ހާފުގެ ފުރަތަމަ ނުވަ މިނިޓު ތެރޭ ރެނެސް އިން ދެ ލަނޑު ޖެހި ނަމަވެސް ފެނަބާޗޭ އިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ.
މި ނަތީޖާއާ އެކު ރެނެސް އާއި ފެނަބާޗޭ އަށް ވެސް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ.
މި ގުރޫޕުގައި ހިމެނޭ ސައިޕްރަސްގެ އޭއީކޭ ލާނަކާ ވަނީ 1-0 އިން ރަށުން ބޭރުގައި ޔޫކްރޭނުގެ ޑައިނަމޯ ކިއޭވް ބަލިކޮށް އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ.
ގުރޫޕް އޭ ގައި ހިމެނޭ ނޯވޭގެ ބޯޑޯ/ގްލިމްޓް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ސްވިޒަލެންޑުގެ ޒިއުރިޗް ބަލިކޮށްފަ އެވެ. މި ނަތީޖާއާ އެކު ބޯޑޯ/ގްލިމްޓް އަށް ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު މިވަގުތު އޮތީ ގުރޫޕުގެ އެއް ވަނައިގަ އެވެ.
ފުރަތަމަ މެޗުގައި ޒިއުރިޗް ބަލިކުރި އިންގްލެންޑުގެ އާސެނަލް، ނެދަލެންޑްސްގެ ޕީއެސްވީއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސް ކޮށްފައި ވާއިރު، އެ މެޗު ކުޅޭނީ އޮކްޓޫބަރު 20 ވަނަ ދުވަހުގެ ރެއެވެ.