އަންނައުނުގައި އުނގުޅޭ ރިހަ ފަސޭހައިން ސާފުކޮށްލެވޭ "މޯޑެއް" ހިމެނޭ ދޮންނަ މެޝިނެއް ޕެނަސޮނިކުން އިންޑިއާގެ ބާޒާރަށް ނެރެފި އެވެ.

ޕެނަސޮނިކުން ބުނީ "ކަރީ" ބަޓަން ހިމަނައިގެން މެޝިނެއް އުފެއްދީ ކާއެއްޗެހި އަންނައުނުގައި އުނގުޅުމުން ރަނގަޅަށް ސާފު ނުކުރެވޭ ކަމަށް ކަސްޓަމަރުންގެ ފަރާތުން ލިބޭ ޝަކުވާތައް އިތުރުވެފައި ވާތީ ކަމަށެވެ.

އެ ކުންފުނިން ބުނީ ކާއެއްޗެހި އުނގުޅިފައި ހުންނަ އަންނައުނު ރީއްޗަށް ދޮވެވޭ ގޮތެއް ހޯދުމަށް ދެ އަހަރު ދިރާސާކޮށްފައިވާ ކަމަށެވެ. އެގޮތުން، ފެނުގެ ފިނިހޫނުމިނާއި ފެން އެޅޭ އަދި އެނބުރޭ ގޮތް ޓެސްޓްކޮށްގެން، ރަނގަޅު ހައްލެއް ހޯދާފައި ވާނެ ކަމަށް ޕެނަސޮނިކުން ބުންޏެވެ.

"ކަރީ" މޯޑްގެ އިތުރުން ބޮލުގައި ލައި ތެޔޮ އުނގުޅިފައި ހުންނަ އަންނައުނު ސާފުކުރުމަށް ހާއްސަ ފީޗާއަކާ އެކު ފަސް މޯޑެއް މި މެޝިނުގައި ހިމެނެ އެވެ.

ޕެނަސޮނިކުން ބުނީ، ކާއެއްޗެހި ހޭކިފައި ހުންނަ އަންނައުނު ސާފުކުރެވޭ ގޮތެއް ހޯދުމަށް ކުންފުނީގެ ރިސާޗަރުން، އިންޑިއާގެ އާންމު ކާނާތަކާއި އެ ކާނާ ތައްޔާރުކުރުމަށް އަޅާ އެއްޗެހި ދެނެގެންފައިވާ ކަމަށެވެ. މި ބާވަތްތައް ސާފުކުރުމަށް ދޮންނަންޖެހޭ ވަގުތާއި ފިނިހޫނުމިން ދިރާސާ ޓީމުން ދެނެގަތެވެ.

އޭޝިއާގެ އެކި ގައުމުތަކުގައި އާންމުކޮށް އަންނައުނުގައި ހޭކޭ އެއްޗެހި ދެނެގަނެ އެކި ގައުމުތަކަށް ހާއްސަކޮށް މެޝިނު އުފައްދާނެ ކަމަށް ވެސް ޕެނަސޮނިކުން ބުންޏެވެ. އެކަމަކު ވަކި ގައުމުތަކެއްގެ ނަމެއް ހާމައެއް ނުކުރެ އެވެ.

ދޮންނަމެޝިނު ގެންގުޅެނީ އިންޑިއާގެ ގޭބިސީތަކުގެ ތެރެއިން އެންމެ 10 ޕަސެންޓުގައި ގޭގައި ކަމަށް ވަނީ ބެލެވިފަ އެވެ.

އިލެކްޓްރޯނިކްސް އެކި ސާމާނު އުފައްދާ ޕެނަސޮނިކުން ބުނީ އަލަށް އުފެއްދި މެޝިނުގެ 30،000 މެޝިނު، އަންނަ އަހަރުގެ މާޗްގެ ނިޔަލަށް ވިއްކަން އަމާޒު ހިފާފައި ވާއިރު މިހާތަނަށް 5،000 މެޝިނު ވިކިފައިވާ ކަމަށެވެ. މީގެ މެޝިނެއްގެ އަގަކީ 22،000 ރުޕީސް (330 ޑޮލަރު) އެވެ.