ލިޒްބަން، ޕޯޗުގަލް (މާޗް 24) - ފީފާ ރޭންކިންގެ 76 ވަނައިގައި އޮތް ޕެނަމާ އިން ރޭ، ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލާ 1-1 އިން އެއްވަރުކޮށްފި އެވެ.
ޕޯޓޯގެ އެސްޓަޑިއޯ ޑްރަގާއޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބްރެޒިލުން ކުޅުނީ ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެ ގޮތުން ބްރެޒިލުން ވަނީ ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ، އެވަޓަންގެ ރިޗާލިސަން އަދި މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު އެޑަސަން މޮރޭރާ އަށް ފުރުސަތު ދީފަ އެވެ.
ރޭގެ މެޗުގައި ބްރެޒިލްގެ ހަމައެކަނި ގޯލު ޖެހީ އޭސީ މިލާނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ލޫކަސް ޕަކޭޓާ އެވެ. ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ޕަކޭޓާ އަށް ފުރުސަތު ދިން ފުރަތަމަ މެޗުގައި އޭނާ މި ގޯލު ކާމިޔާބުކުރީ މެޗުގެ 32 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތުން ޕަކޭޓާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ޕެނަމާ ގޯލުކީޕަރު މެއީޔާ އަތުގައި ޖެހިފަ އެވެ.
ބްރެޒިލަށް މާ ގިނަ އިރެއް ވަންދެން ލީޑުހިފަހައްޓައިނުލެވުނެވެ. އެ ގޮތުން މެޗުގެ 36 ވަނަ މިނިޓްގައި ޕެނަމާ އަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަޑޮލްފޯ މަޗާޑޯ އެވެ. ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ މަޗާޑޯ ވަނީ ބޮލުން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.
މެޗުން މޮޅުވާން ދެ ވަަނަ ހާފްގައި ބްރެޒިލުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ. އެ ގޮތުން އެންމެ ރަނގަޅު ދެ ހަމަލާއެއް ފޮނުވާލީ ރިޗާލިސަން އާއި ކަސެމީރޯ އެވެ.
ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ބްރެޒިލްގެ ތަރި ނޭމާ ނުކުޅެ އެވެ. އެކަމަކު އޭނާ ވަނީ މެޗު ބަލަން ދަނޑަށް ގޮސްފަ އެވެ.
ދުނިޔޭގެ ރޭންކިންގެ ތިން ވަނައިގައި މި ވަގުތު އޮތް ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.
"އަހަރެމެން ދެއްކި ކުޅުން ރަނގަޅެއް ނޫން. އެކަމަކު މިއީ އަހަރެމެންގެ ފަރާތުން ފެނުނު އެންމެ ދަށް ކުޅުމެކޭ ވެސް ނުބުނެވޭނެ. މި މެޗުގައި ބަދަލުތަކެއް ގެނެސްގެން މި ކުޅުނީ މިއީ ކުރިއަށް އޮތް މުބާރާތަށް (ކޮޕަ އެމެރިކާ) އަށް އަހަރެމެން ތައްޔާރުވުމުގައި ކުރާ ޓެސްޓްތަކެއް،" ޓީޓޭ ބުންޏެވެ.
ބްރެޒިލް ދެން ކުޅޭ މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ. އަންނަ ޖޫން މަހު 14 ވަނަ ދުވަހު ފަށާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް މި ފަހަރު ކުރިއަށްދާނީ ބްރެޒިލްގަ އެވެ.