ބީނޯސް އޭރީޒް (މާޗު 24) - މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު އާޖެންޓީނާގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ހިލޭޖެހުމަކުން ކާމިޔާބު ކުރި ގޯލުން ކެޕްޓަން ލިއޮނެލް މެސީ އޭނާގެ ކެރިއަރުގައި 800 ގޯލު ހަމަކޮށްފި އެވެ.

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ޕެނަމާ އާ ދެކޮޅަށް އާޖެންޓީނާ އިން ކުޅުނު ރަހުމަތްތެރިކަމުގެ މެޗު ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

އާޖެންޓީނާ އިން މެޗުގައި ލީޑު ނެގީ 78 ވަނަ މިނިޓުގައި، އެމެރިކާ ލީގުގައި ކުޅެމުން އަންނަ ޒުވާން ވިންގާ ތިއާގޯ އަލްމާޑާ ޖެހި ގޯލުންނެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފެށެން ކުޑަތަން ވެފައި ވަނިކޮށް އިންޓަ މިލާނަށް ކުޅޭ ފޯވާޑް ހުއަކިން ކޮރިއާ އަށް އަނިޔާ ވެގެން ކޯޗު ލިއޮނެލް ސްކޮލާނީ ވަނީ އުމުރުން 21 އަހަރުގެ އަލްމާޑާ އަށް ވޯލްޑް ކަޕް ގެ ސްކޮޑުން ޖާގަ ދީފަ އެވެ.

އުމުރުން 35 އަހަރުގެ މެސީ ހިލޭޖެހުމަކުން އޭނާގެ ކެރިއަރުގެ 800 ވަނަ ގޯލު ހަމަކުރީ 89 ވަނަ މިނިޓުގަ އެވެ. ހިލޭޖެހުން ކާމިޔާބު ކުރުމުގެ ކުރިން، މެސީ ފޮނުވާލި ދެ ހިލޭޖެހުމެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒު ވެފަ އެވެ.

"އަހަރެން އަބަދުވެސް އެންމެންނާ އެކުގައި އުފާފާޅު ކޮށްލުމުގެ ހުވަފެން ދެކެމުން މިއައީ،" މެޗަށް ފަހު މެސީ ބުންޏެވެ.

އާޖެންޓީނާގެ ސަޕޯޓަރުންނާ އެކު ވޯލްޑް ކަޕްގެ ކާމިޔާބީ ފާހަގަކުރަން ދަނޑުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ
އާޖެންޓީނާގެ ސަޕޯޓަރުންނާ އެކު ވޯލްޑް ކަޕްގެ ކާމިޔާބީ ފާހަގަކުރަން ދަނޑުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ

ސަޕޯޓަރުންނަށް ވޯލްޑް ކަޕްގެ ތަށި ދައްކާލުން ވެސް އޮތް މި މެޗުގައި ހަވާ އެރުވުމުގެ ހަރަތާތްތައް ވެސް އޮތެވެ. ކޯޗު ސްކަލޯނީ މި މެޗުގެ ފުރަތަމަ 11 އަށް ނެގީ ވެސް ވޯލްޑް ކަޕްގެ ފައިނަލް ގައި ފްރާންސާ ދެކޮޅަށް ނުކުތް ފުރަތަމަ 11 އެވެ.

އަންނަ ހަފްތާ އާޖެންޓީނާ އިން ކިއުރަސާއޯ އާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗުގައި ގޯލު ޖަހައިފި ނަމަ އޭނާ އަށް ގައުމީ ޓީމަށް 100 ގޯލު ހަމަކުރެވޭނެ އެވެ. ޕެނަމާ އާ ދެކޮޅަށް މެސީ ޖެހި ގޯލާ އެކު އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 173 މެޗުން 99 ގޯލު ޖަހައިފަ އެވެ.

މެސީ ވަނީ އޭނާގެ ކެރިއަރު ފެށި ބާސެލޯނާ އަށް 672 ގޯލު ޖަހައިދީފަ އެވެ. އަދި ފްރާންސްގެ ޕީއެސްޖީ އަށް އޭނާ ވަނީ މިހާތަނަށް 29 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.