މަގުބޫލު ކާޓޫނު ކެރެކްޓާއެއް ކަމަށްވާ ޓިންޓިންގެ ވާހަކަ ސީރީޒްގައި ހިމެނޭ "ދަ ބްލޫ ލޮޓަސް" އަށް ހެދި ކަވަރެއް އޮތް ގޮތުން އެ ޕްރިންޓްކުރަން ބޮޑު ހަރަދެއް ހިނގާނެތީ ގަބޫލު ނުކޮށް ދޫކޮށްލި ނަމަވެސް ނީލަމެއްގައި 3.2 މިލިއަން ޔޫރޯ (3.9 މިލިއަން ޑޮލަރު) އަށް ބުރާސްފަތި ދުވަހު އެ ވިއްކާލައިފި އެވެ.
ބެލްޖިއަމްގެ އާޓްކިއުރަލް އިން އިންތިޒާމުރި ނީލަމުގައި ކަވަރު ވިއްކައިލަން ހުޅުވާލީ 2.7-3.4 މިލިއަން ޑޮލަރާ ދެމެދުގެ އަގަކަށެވެ. ނަމަވެސް ކަވަރު ވިކުނީ އެ ވިއްކާލެވޭނެ ކަމަށް އަންދާޒާކުރި ވަރަށް ބޮޑު އަގަކަށް ކަމަށްވާތީ ނީލަން އިންތިޒާމުރި ޓީމުން ބުނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ވިއްކާލި ކަވަރުގައި ފެންނަނީ ކަޅު ކުލައިގެ ބެކްގްރައުންޑެއްގައި ޓިންޓިން އާއި އޭނާގެ ކުއްތާ، ޑްރެގަންއަކަށް ފިލަން ރުނބައެއްގެ ތެރެއަށް އެރިގެން ތިބޭ ތަނެވެ. މިއީ ޓިންޓިން ކެރެކްޓާ ވުޖޫދަށް ގެނައި ހާޖްގެ ނަމުން މަޝްހޫރު ބެލްޖިއަމްގެ ކާޓޫނިސްޓް ޖޯޖެސް ރެމީގެ ކުރެހުމެކެވެ.
އޭނާ ޓިންޓިން ކެރެކްޓާ ވުޖޫދަށް ގެނައީ 1920 ގެ ތެރޭގަ އެވެ. ނީލަމުގައި ވިއްކާލި ކަވަރަކީ 1936 ގައި ނެރުނު ޓިންޓިންގެ ވާހަކަ "ދަ ބުލޫ ލޮޓަސް" އަށް ހެދި ކަވަރެވެ. ނަމަވެސް އެ ޕްރިންޓްކުރަން ބޮޑު ހަރަދެއް ދާނެ ކަމަށް، ވާހަކަ ފޮތް ނެރުނު ޕަބްލިޝިން ހައުސް އިން ބުނެފައިވާތީ، ކަވަރު އޮތީ މިހާތަނަށް ރައްކާކޮށްފަ އެވެ. އަދި އެ ނީލަމުގައި ވިއްކާލުމުގެ ކުރިން 1988 ހާޖް މިއުޒިއަމްގައި ބޭއްވި މައުރަޒެއްގައި ޓިންޓިންގެ ވާހަކަ ސީރިޒްތަކާ އެކު ދައްކައިލި އެވެ.
އާޓްކިއުރަލްގެ ކޮމިކް ސްޓްރިޕް އެކްސްޕާޓް އެރިކް ލެރޯއީ ވިދާޅުވި ގޮތުގައި އެހާ އަގުބޮޑުކޮށް ކަވަރު ވިކުނީ އޭގައި ވަރަށް ހާއްސަ ސިފަތަކެއް ހުރުމުން ކަމަށެވެ.
"ކާޓޫންގެ ދުނިޔޭގައި ހަމަ ވަރަށް ހާއްސަ ސިފަތަކެއް ލިބިގެންވާ ގޮތަކަށް ފަރުމާކޮށްފައި އޮތް ކަވަރެއް އެއީ." އޭނާ ވިދާޅުވި އެވެ.
ޓިންޓިންގެ ވާހަކަތަކަށް ބިނާކޮށް މިހާތަނަށް ގިނަ އަދަދަކަށް ފީޗާ ފިލްމުތަކާއި ޓީވީ ސީރީޒްތަކާއި ރޭޑިއޯ ޝޯތަކާއި ތިއޭޓަ ޕްލޭތަކުގެ އިތުރުން ވީޑިއޯ ގޭމްތައް ވެސް ހަދާފައިވެ އެވެ.