ވޮޝިންޓަން (ފެބްރުއަރީ 25) - ބޯޓަކުން ޕެސިކް ކަނޑަށް ވެއްޓުނު މީހަކު ސަލާމަތްވީ ކަނޑުގައި އޮޔާދިޔަ "ކުނިގަނޑެއްގައި" ހިފަހައްޓައިގެން އޮތުމުގެ ސަބަބުން ކަމަށް އޭނާގެ ދަރިފުޅު ބުނެފި އެވެ.

ކާގޯ ބޯޓަކުން ޕެސިކް ކަނޑަށް ވިދަމް ޕެރެވެޓިލޯފް ނަމަކަށް ކިޔާ ލިތުއޭނިއާގެ މީހާ ވެއްޓުނީ ފަތިހުގެ ވަގުތުގަ އެވެ. އޭނާ ކަނޑަށް ވެއްޓުނު ކަމެއް އެހެން މީހަކަށް ނޭނގެ އެވެ. އުމުރުން 52 އަހަރުގެ އެ މީހާ ކަނޑަށް ވެއްޓުނު އިރު އޭނާ ހުރީ ލައިފްޖެކްޓް ވެސް އަޅައިގެން ނޫނެވެ. އެކަމަކު މާދުރުން ފެނުނު "ކަޅު ކުލައިގެ ޑޮޓަކާ" ދިމާލަށް ފަތާފައި ދިއުމަށް އޭނާ ނިންމި އެވެ. އެއީ މަސްވެރިން ބޭނުން ކުރާ ކަހަލަ ބޮޔެކެވެ. ސަލާމަތް ކުރަންދެން 14 ގަޑިއިރު ވަންދެން އޭނާ އޮތީ އެ ބޮއިގައި ހިފަހައްޓައިގެންނެވެ.

ޕެރެވެޓިލޯފް އަކީ ކާގޯ ބޯޓް ސިލްވާ ސަޕޯޓާގެ ޗީފް އިންޖިނޭރެވެ. އޭނާގެ ދަރިފުޅު ބުނީ އިންޖީން ރޫމުގައި ޑިއުޓީ ކުރުމަށް ފަހު ފަތިހު ހަތަރެއް ޖެހިއިރު ޑެކް މައްޗަށް އެރި އިރު ބައްޕަ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެ ބޯއަނބުރާ ގޮތްވެފަ އެވެ. ފެބްރުއަރީ 16 ވަނަ ދުވަހު ޕެރެވެޓިލޯފް ކަނޑަށް ވެއްޓުނީ އަނބުރާގަނެގެން ކަމަށް އޭނާގެ ދަރިފުޅު ލަފާކުރެ އެވެ.

އިރުއަރަން ދެން ކަނޑުގައި އޮތުމަށް ފަހު މާދުރުން ފެނުނު ކަޅުކުލައިގެ އެއްޗަކާ ދިމާލަށް ފާތާފައި ދިއުމަށް ޕެރެވެޓިލޯފް ނިންމި އެވެ. އެ ދިމާލަށް ފާތާފައި ގޮސް އެއީ ބޮޔަކަށްވުމުން އޭގައި ހިފަހައްޓައިގެން އޭނާ އޮތެވެ.

ޕެރެވެޓިލޯފް ބޯޓުގައި ނެތްކަން ފަޅުވެރިންނަށް އެނގުނީ ހަ ގަޑިއިރު ފަހުންނެވެ. ވަގުތުން ބޯޓު އަނބުރާލައި ޕެރެވެޓިލޯފް ހޯދަން ކެޕްޓަން ނިންމި އެވެ. ވޯކް ލޮގް ބުކުން ބަލައިގެން ޕެރެވެޓިލޯފް ބޯޓުގައި އެންމެ ފަހުން ހުރީ ހަތަރެއް ޖެހިއިރު ކަމަށް އެ މީހުން ބެލި އެވެ. އަދި އެ ވަގުތު ބޯޓު ހުރި ތަނަށް އަލުން މިސްރާބު ޖެހި އެވެ. އެއީ ފްރެންޗް ޕޮލިނީސިއާގެ އޮސްޓަރަލް އައިލެންޑްސްގެ ދެކުނުން 400 މޭލު ދުރެވެ.

ކާގޯ ބޯޓުން ވަނީ އެ ސަރަހައްދުގައި އުޅޭ އެހެން ބޯޓު ފަހަރަށް ޑިސްޓްރެސް މެސެޖް ދީފަ އެވެ. ފްރާންސްގެ ކަނޑުގެ ސިފައިންގެ މަތިންދާ ބޯޓެއް ވަނީ އެ އޮޕަރޭޝަނުގައި ބައިވެރިވެފަ އެވެ. އަދި ފްރާންސްގެ މިޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ އޮޔާއި ވައިގެ މިސްރާބަށް ބަލައި އޮޔާ ގެންގޮސް އޮނާނާނެ ސަރަހައްދެއްގެ ކަލްކިއުލޭޝަން ހަދައިފަ އެވެ.

އެކަމަކު އެންމެ ފަހުން ޕެރެވެޓިލޯފް ފެނުނީ އޭނާގެ ބޯޓުގެ މީހުންނަށެވެ. ބޯޓު ފެނުމާ އެކު ޕެރެވެޓިލޯފް ވަނީ އަތުން ހަނާއަޅަން ފަށައިފަ އެވެ. ބޯޓުގެ ފަޅުވެރިއަކަށް ޕެރެވެޓިލޯފް ފެނުނެވެ. އަދި އެންމެ ފަހުން އޭނާ ސަލާމަތުން ބޯޓަށް ނެގި އެވެ.

"ބައްޕަގެ ހިތްވަރު ވަރަށް ގަދަ. އަހަރެން ނަމަ ގެނބިގެން މަރުވީސް. އެކަމަކު ބައްޕަ ވަރަށް ފިޓް،" ޕެރެވެޓިލޯފްގެ ދަރިފުޅު ބުންޏެވެ.