ފެސިފިކްގެ ޖަޒީރާ ގައުމުތަކާ އެކުގައި ސަލާމަތީ އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ޗައިނާ އިން ރަސްމީކޮށް ފަށައިފި އެވެ.
އެ ގޮތުން ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީ މިއަދު ވަނީ، ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ އެކުގައި ފިޖީގައި މަޝްވަރާ ބައްދަލުވުންތަކެއް ފަށައިފަ އެވެ. ޕެސިފިކް ކަނޑުގެ 10 ޖަޒީރާ ގައުމުގެ ތެރެއިން ގިނަ ގައުމުތައް މި ބައްދަލުވުންތަކުގައި ބައިވެރިވަނީ ވީޑިއޯ ލިންކް މެދުވެރިކޮށެވެ.
ސަލާމަތީ އެއްބަސްވުމެއް ގާއިމުކުރުމަށް ޗައިނާ އިން މި މަސައްކަތް ފެށީ، ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ނުފޫޒު ފެތުރިޔަ ނުދިނުމަށް އެމެރިކާ އާއި އޮސްޓްރޭލިޔާ އާއި ޖަޕާން އަދި އިންޑިއާ ގުޅިގެން، ސަލާމަތީ ގުޅުމެއް ގާއިމުކޮށް، އެކަމަށް މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ޗައިނާގެ ހާރިޖީ ވަޒީރު މިހާރު ޕެސިފިކްގެ ޖަޒީރާތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، ޗައިނާ އާއި އެ ގައުމުތަކާ ދެމެދު ސަލާމަތީ ގުޅުންތައް ވަރުގަދަ ކުރުމުގެ އިތުރުން، އިގްތިސާދީ ދާއިރާއިންނާއި ސިޔާސީ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. ޕެސިފިކްގެ ގިނަ ގައުމުތަކުގެ ހާރިޖީ ވަޒީރުގެ މަގާމު ވެސް ފުރުއްވަނީ، އެ ގައުމުތަކުގެ ބޮޑުވަޒީރުން ކަމަށްވާތީ، މަޝްވަރާ ކުރާ ކަންކަމުގައި ގޮތް ނިންމުން ފަސޭހަވާނެ އެވެ.
މިއަދުގެ ބައްދަލުވުން ފެށުމުގެ ކުރިން ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމުތަކަށް މެސެޖެއް ފޮނުއްވައިފަ އެވެ. އެ މެސެޖްގައި ރައީސް ޝީ ވިދާޅުވީ "ޗައިނާއަކީ ޕެސިފިކް ސަރަހައްދުގެ ރަނގަޅު އަޚަކަށް ވާނެ ކަމަށާއި ޗައިނާ އާއި އެ ހުރިހާ ގައުމުތަކެއް ވެސް އެއް އަމާޒެއް ހިއްސާކުރާ ކަމަށެވެ.
ޕެސިފިކްގެ ޖަޒީރާތަކާ އެކުގައި ގާއިމުކުރަން ޗައިނާ އިން ހުށަހަޅާފައިވާ ސަލާމަތީ އެއްބަސްވުމުގައި ހިމެނޭ މުހިންމު ކަންކަމަކީ، އެ ގައުމުތަކުގެ ފުލުހުން ތަމްރީން ކުރުމުގައި ޗައިނާ އިން އެހީތެރިވެދިނުމެވެ. އަދި އެ ގައުމުތަކުގެ ސައިބަ ސެކިއުރިޓީ ވަރުގަދަ ކުރުމާއި ކަނޑުގެ ސަރަހައްދުގެ ޗާޓު ކުރަހައިދިނުމުގައި ޗައިނާ އިން އެހީތެރިވެދިނުން ހިމެނެ އެވެ.
އޭގެ އިތުރުން ޗައިނާގެ ކަނޑާއި އެއްގަމުގެ ގުދުރަތީ ވަސީލަތްތައް ފަސޭހައިން އެ ގައުމުތަކަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި މިނިވަން ވިޔަފާރީގެ ގުޅުން ގާއިމުކުރުން ވެސް ހިމެނެ އެވެ. ހަމައެއާ އެކު، ޗައިނާ އިން އެ ގައުމުތަކަށް އެތައް މިލިއަން ޑޮލަރެއްގެ މާލީ އެހީ ދިނުން ވެސް ހިމެނެ އެވެ.
ޗައިނާގެ މި ހުށަހެޅުންތަކަށް ޕެސިފިކްގެ 10 ޖަޒީރާ ގައުމުގެ ތެރެއިން މިހާތަނަށް ދެކޮޅު ހަދާފައިވަނީ ފެޑެރޭޓެޑް ސްޓޭޓްސް އޮފް މައިކްރޮނޭޝިޔާ އެވެ. އެ ގައުމުގެ ރައީސް ޑޭވިޑް ޕަނުއޭލޯ ޗައިނާ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވާ ގޮތުން، ޗައިނާގެ އެ ހުށަހެޅުމަކީ ސަރަހައްދީ ހަމަނުޖެހުމަށް މަގުފަހިކުރާނެ ކަމެކެވެ.