ރާއްޖޭގެ ޓެކްސް ނިޒާމް، ހާއްސަކޮށް ޓްރަސްޓާ ބެހޭގޮތުން ދިވެހި ގާނޫނީ ވަކީލެއްގެ މާސްޓާސް ދިރާސާއަށް ލިޔުނު ދިރާސާ، އޮކްސްފޯޑް ޔުނިވާސިޓީގެ ޖާނަލްގައި ޝާއިއުކޮށްފި އެވެ.

ޒައިފް ހަސަން ފަޒާލް ނަމަކަށް ކިޔާ ޒުވާނާ، މާސްޓާސް އިން ޓެކްސޭޝަން ލޯ ގައި ލިޔުނު "ޓްރަސްޓްސް އެންޑް ޓްރަސްޓީސް" ދިރާސާ މިދިޔަ މަހު ޕަބްލިޝްކުރީ ދުނިޔޭގައި ދެ ވަނަ އަށް އެންމެ ދުވަސްވީ ޖާނަލް، އޮކްސްފޯޑު ޔުނިވާސިޓީ ޕްރެސްގަ އެވެ.

އެ ޖާނަލްގައި މިހާރު ވެސް އެތައް ހާސް ދިރާސާއެއް ވަނީ ޝާއިއުކޮށްފަ އެވެ.

އިސްކަންދަރު ސްކޫލާއި ސީއެޗްއެސްއީ އިން ކިޔެވި ޒައިފް ގާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީ ހެދީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ސުރޭއިންނެވެ. އޭގެ ފަހުން އޮސްޓްރޭލިއާ އަށް ބަދަލުވެ، އޭނާ ވަނީ ލީގަލް ޕްރެކްޓިސްގެ އެއް އަހަރުގެ ގްރެޖުއޭޓް ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް، އޮސްޓްރޭލިއާގެ ލޯ ފާމެއްގައި މަސައްކަތްކޮށްފަ އެވެ.

ރާއްޖޭގައި މި ވަގުތު އަމިއްލަ ކުންފުންޏެއްގައި މަސައްކަތްކުރަމުން އަންނަ ޒައިފް "މިހާރު" އަށް ބުނީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ޔުނިވާސިޓީގެ ޖާނަލްގައި އޭނާގެ ދިރާސާ ޝާއިއުކުރުމުގެ ފުރުސަތު ލިބުނީ، ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާގައި ނިންމި މާސްޓާސް ކޯހުން އެންމެ މަތީ މާކްސް ހޯދުމާއި ޓެކްސޭޝަން އޮފް ޓްރަސްޓްސް އެވޯޑު ލިބުމުން ކަމަށެވެ.

އޭގެ ކުރިން ޒައިފް ވަނީ ކުދި ގައުމުތަކުގެ ޓެކްސް ނިޒާމް ވަރުގަދަކޮށް، ބޭރުގެ ސަމާލުކަން ދެވޭނެ ގޮތްތައް ހެދޭނެ ކަންކަމާ ގުޅޭގޮތުން ދިރާސާއެއް ހަދައިފަ އެވެ. ރާއްޖޭގައި ޖީއެސްޓީ ރަނގަޅުކުރާނެ ގޮތްތަކާ ބެހޭގޮތުން ލިޔުނު ދިރާސާއެއް ވެސް ޝާއިއުކުރި އެވެ.

ރާއްޖެ އަށް މުހިއްމު ދާއިރާއެއް

އޭ ލެވެލްގައި ބިޒްނަސް އިން ދުނިޔެ އިން އެއް ވަނަ ވެސް ހޯދި ޒައިފް ބުނީ ޓްރަސްޓަކީ ކޮމަން ލޯ ގައުމުތަކުގައި މުދާ ރައްކާތެރިކުރުމަށް އަދި ޓެކްސް ޕްލޭން ކުރަން ބޭނުންކުރާ ނިޒާމެއް ކަމަށެވެ.

"އެހެން ގައުމުތަކުގައި ޓްރަސްޓްސް ޓެކްސް ކުރާއިރު ދިމާވާ މައްސަލަތައް ދިރާސާކޮށް ރާއްޖެ އަށް އިބުރަތްތަކެއް ނެގިދާނެ. ވަރަށް ގިނަ ގައުމުތަކުން ސާފުކޮށް ގާނޫނު ނުލިޔެ، މަސައްކަތް ކުރަނީ ހެދޭނެ ކޮންމެ ގޮތެއް ހަދައިގެން ވިއަސް އޮފްޝޯ ޓްރަސްޓްސްގައި ހުންނަ ފައިސާ ޓެކްސް އަށް ހެދޭތޯ. އެހެން ނަމަވެސް ގާނޫނަކީ ސާފުކޮށް އޮންނަން ޖެހޭ އެއްޗަކަށް ވާއިރު، ސާފުކޮށް ގާނޫނުން ބާރު ނުދޭ ކަމެއް ސަރުކާރުން އަދި އެހެން އިދާރާތަކުން ވެސް ނުކުރެވޭނެ،" ޒައިފް ބުންޏެވެ.

ބިޒްނަސްއިން ދުނިޔެއިން އެއްވަނަ ހޯދުމުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޒައިފަށް މެޑަލް ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ބިޒްނަސްއިން ދުނިޔެއިން އެއްވަނަ ހޯދުމުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޒައިފަށް މެޑަލް ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ޓެކްސް އިދާރާ މީރާ އުފެއްދީ މީގެ 12 އަހަރު ކުރިންނެވެ.

ޒައިފް ބުނީ އެ ނިޒާމް އިތުރަށް ފުރިހަމަކުރުމަށް ގެނެވޭނެ ބައިވަރު ބަދަލުތައް އަދިވެސް އެބަހުރި ކަމަށެވެ.

"އަޅުގަނޑު ލިޔުނު ޕޭޕަރުން ބާރު އަޅަނީ އޮފްޝޯ ޓްރަސްޓްސް ޓެކްސް ނަގާއިރު ގާނޫނުތައް ސާފުކޮށް ލިޔަން. މިއީ އޮސްޓްރޭލިއާ އަދި ޗައިނާ ކޭސް ސްޓަޑީއަކަށް ނަގައިގެން ލިޔުނު ޕޭޕަރެއް،" އޭނާ ބުންޏެވެ،

"އޮސްޓްރޭލިއާގެ ޓެކްސް ނިޒާމުގައި ގާނޫނު އަދި ގަވައިދުތައް ގިނަވުމުން މީހުންނަށް ރަނގަޅަށް ސާފެއް ނުވޭ. ޗައިނާގެ ޓެކްސް ނިޒާމުގައި ގާނޫނު އަދި ގަވައިދުތަކުގެ ތަފްސީލް މަދުވުމުން މީހުންނަށް ސާފެއް ނުވޭ."