ވޭތުވެ ދިޔަ ދެ މަސް ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަލުއި ކަމާއެކު ފެތުރެމުން ދިޔަ ހުމާއި ސްވައިން ފްލޫ ފަދަ ރޯގާއެއް ދެވަނަ ފަހަރަށް ފެތުރިއްޖެ ނަމަ ސިއްހީ ދާއިރާއިން އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވޭތުވެ ދިޔަ ތިން އަހަރު ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކާ ގުޅޭގޮތުން ވާހަކަ ދައްކަަވަމުން މިނިސްޓަރު ވިދާޅުވީ ސްވައިން ފްލޫ ރޯގާ ރާއްޖޭގައި ކޮންޓްރޯލް ވެގެން ދިޔައީ އާއްމުކޮށް އެހެން ގައުމުތަކުގައި މި ފަދަ ރޯގާތައް ކޮންޓްރޯލްވުމަށް ނަގާ މުއްދަތަށް ވުރެ "އެކަށީގެންވާ ރަނގަޅު މުއްދަތެއްގައި" ކަމަށެވެ.

އެހެންވެ، މުޅި އެ ބަލިމަޑުކަން ހައްލު ކުރިގޮތާއި އެކަމަށް ކުރި މަސައްކަތާ މެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހެލްތު މިނިސްޓްރީގެ އުސޫލުތަކާއި ނިޒާމުތައް ހަމަޖެހިފައި ވަނީ މި ފަދަ ސިއްހީ އިމަޖެންސީއެއް ދެ ވަނަ ފަހަރަށް ދިމާވެއްޖެ ނަމަ އެކަން ހައްލު ކުރެވޭނެ ފަދަ ގޮތަކަށް ކަމަށެވެ.

އެޗްވަންއެންވަން އަށް ވެކްސިން ޖަހަން އޭޑީކޭގައި ކިޔޫ ހަދާފައި --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެޗްވަންއެންވަން އަށް ވެކްސިން ޖަހަން އޭޑީކޭގައި ކިޔޫ ހަދާފައި --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އެފަދަ ކަމެއްގައި އަމަލު ކުރަން ޖެހޭނެ ހުރިހާ ޕްރޮސީޖާއެއް އެބަހުރި،" ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ރައްޔިތުންނަށް ޔަގީންކަން ދޭން ބޭނުންވަނީ ހެލްތު މިނިސްޓްރީ މިއޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައޭ. މި ފަދަ ކޮންމެ އިމަޖެންސީއެއްގައި އަމަލު ކުރަން ޖެހޭ އުސޫލުތަކާއި ހަމަތައް ގާއިމުވެފައި އެބަހުއްޓޭ. މުވައްޒަފުން ވެސް ތިބީ އެ މުރާލިކަމާއި ޖޯޝުގައޭ."

މިނިސްޓަރު ވިދާޅުވީ ސްވައިން ފްލޫ ރާއްޖޭން ކޮންޓްރޯލް ކުރިގޮތް ބެލުމަށް ޑަބްލިއުއެޗްއޯގެ ހާއްސަ ވަފުދެއް ވެސް ރާއްޖެ ވަޑައިގެން ކަމަށާއި އަދި މި ރޯގާގައި އައިޖީއެމްއެޗާއި އޭޑީކޭ އާއި ހެލްތު މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތާ މެދު އެ ބޭފުޅުން ތައުރީފް ކުރެއްވި ކަމަށެވެ.

މި ފަހުން ރާއްޖޭގައި ފެތުރުނު އެންމެ ނުރައްކާތެރި މި ރޯގައި މާބަނޑު މީހަކު މަރުވެފައިވާއިރު މި ބަލި ޖެހުނު އިތުރު ހަ މީހަކު ވެސް މަރުވި އެވެ. އެ ރޯގާ އަށް 546 މީހަކު ޓެސްޓްކުރިއިރު 199 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 35 މީހަކަށް ވަނީ ފަރުވާ ދީފަ އެވެ.