ސާފް ޗެމްޕިއަންޝިޕްގައި ބުރާސްފަތި ދުވަހުގެ ރޭ، ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް، ބަންގްލަދޭޝް ތައްޔާރުވުމުގައި އިތުރު ވިސްނުންތަކެއް ގެންގުޅެން ޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު އޮސްކާ ބުރުޒޮން ބަރޭރަސް ބުނެފި އެވެ.

އިންޑިއާއާ އިއްޔެ އެއްވަރު ކުރި މެޗުގައި، ބަންގްލަދޭޝްގެ ޑިފެންޑަރު ބިޝްވަނާތު ގޯޝް އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އަދި ވިންގާ ރާކިބް ހުސައިން އަށް ވެސް އިއްޔެގެ މެޗުގައ ރީނދޫ ކާޑު ދެއްކުމުން އޭނާ އަށް ވަނީ ދެ ކާޑު ހަމަވެފަ އެވެ. ރާއްޖެއާ ދެކޮޅަށް އޭނާ އަށް ވެސް ނުކުޅެވޭނެ އެވެ. އޮސްކާ ބުނީ ބަންގްލަދޭޝްގެ މުހިންމު ދެ ކުޅުންތެރިޔަކަށް ރާއްޖޭގެ މެޗުގައި ނުކުޅެވޭތީ ޓީމަށް އިތުރު ބަދަލުތައް ގެންނާނެ ގޮތަކާ މެދު އޭނާ ވިސްނާނެ ކަމަށެވެ.

"ކުރިއަށް އަހަރެމެންނަށް މިއޮތީ ވަރަށް ވަރުގަދަ ޓީމެއް،" ރާއްޖޭގެ ނިިއު ރޭޑިއަންޓަށް ކުރިން ކޯޗުކޮށްދީ ކާމިޔާބު ހޯދައިދިން ކޯޗު ބުންޏެވެ. "ރާއްޖެ އޮތީ އަހަރެމެންނަށް މަޑުކޮށްގެން. މިއަދު އެ ޓީމުން އެތިބީ އަރާމު ކުރަން. އެހެންވީމަ އޭގެ މާނައަކީ އެ ޓީމުން މެޗު ފަށާނީ ވަރަށް ވަރުގަދަ ކޮށޭ."

ރާއްޖޭގެ މެޗަށް ސަސްޕެންޑްވި ކުޅުންތެރިންގެ ބަދަލުގައި ފުރުސަތު ދޭން ތިބި ކުޅުންތެރިން ތިބީ އެ ކުޅުންތެރިންގެ ފުރުސަތުތަކަށް ތައްޔާރުވެގެން ކަމަށް އޭނާ ބުންޏެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ބަންގްލްދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން: ދެ ވަނަ ހާފްގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ބަންގްލަދޭޝް އިން ވަނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާއާ 1-1 އިން އެއްވަރުކޮށްފައި--. ފޮޓޯ: ނިޝާން އަލީ/މިހާރު
އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ބަންގްލްދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން: ދެ ވަނަ ހާފްގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ބަންގްލަދޭޝް އިން ވަނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާއާ 1-1 އިން އެއްވަރުކޮށްފައި--. ފޮޓޯ: ނިޝާން އަލީ/މިހާރު

ބަންގްލަދޭޝްގެ ބަށުންދަރާ ކިންގްސް އަށް ވެސް ކޯޗުކޮށްދޭ އޮސްކާ ބުނީ އެ ގައުމުގެ ޕްރިމިއާ ލީގަށް އައި ކުރި އެރުމުގެ ފައިދާ ބަންގްލަދޭޝަގެ ގައުމީ ޓީމުން ފެންނަމުންދާ ކަމަށެވެ. އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ އިންޑިއާއާ އެއްވަރު ކުރެވުމުން އޭނާ ބުނީ ބަންގްލަދޭޝްގެ ފުޓްބޯޅަ މިހާރު ދިރިއްޖެ ކަމަށެވެ.

"އަހަރެމެން ނުކުތީ މެޗުން މޮޅުވާން. އެކަމަކު އެކަން ހާސިލު ނުވުމަކުން ޕްރެޝަރެއް ނެތް. ސަބަބަކީ އަހަރެމެންނަކީ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ރޭންކުގެ ފުލުގައި އޮތް ޓީމުތަކެއް. އަދި އެއްވެސް ބަޔަކު އަހަރެމެންނާ މެދު އުންމީދެއް ނުކުރޭ، އަހަރެމެންގެ ޓާގެޓަކީ ފައިނަލަށް ދިއުން" އޮސްކާ ބުންޏެވެ. "އެކަމަކު މިހާރު އެންމެން ވެސް އަހަރެމެންނާ މެދު އުންމީދު ކުރަން ފަށައިފި. މީހުން އަހަރެމެންނާ މެދު އުންމީދު ކުރަމަކީ އަހަރެމެންނަށް ލިބޭ ހިތްހަމަޖެހުމެއް."

މުބާރާތުގެ ގުރޫޕް ސްޓޭޖް ކުރިއަށް ދަނީ ރައުންޑް ރޮބިން އުސޫލުންނެވެ. ފައިނަލަަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މި ވަގުތު އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާއެކު ނޭޕާލް އެވެ. ބަންގްލަދޭޝް ދެ ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. އިންޑިއާ ތިންވަނައިގައި އޮތީ އެއް ޕޮއިންޓާއެކު އެވެ. ރާއްޖެ އާއި ލަންކާ އަށް ޕޮއިންޓެއް ނުލިބެ އެވެ.