އިންޑިއާގެ އެންމެ ކާމިޔާބު އަދި އެންމެ ޝަރަފްވެރި އެއް ކްލަބް ކަމަށްވާ އީސްޓް ބެންގާލުގެ ކޯޗަކަށް ރާއްޖޭގެ ނިއު ރޭޑިއަންޓުގެ ކުރީގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޯން ހަމަޖައްސައިފި އެވެ.

އޮސްކާ މި އަހަރުގެ ޖުލައި މަހާ ހަމަޔަށް ހުރީ އޭނާ 2018 ވަނަ އަހަރު ރާއްޖެ ދޫކޮށް ގޮސް ހަވާލުވި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްގަ އެވެ. އޭނާ 2021 ވަނަ އަހަރު ބަންގްލަދޭޝް ގައުމީ ޓީމުގެ ކޯޗުކަން ވެސް ވެސް ވަގުތީ ގޮތުން ކުރި އެވެ.

އިންޑިއާގެ މީޑިއާ އަށް އޮސްކާ ބުނީ އީސްޓް ބެންގާލް ފަދަ ތާރީހީ ކްލަބެއްގެ ކޯޗުކަން ލިބުމަކީ ބޮޑު ފަހުރެއް ކަމަށާއި، އެއާ އެކު މިއީ ވަރަށް ބޮޑު ޒިންމާއެއް ވެސް ކަމަށެވެ.

އީސްޓް ބެންގާލުން އޮސްކާއާ އެ ޓީމު ހަވާލުކުރީ އިންޑިއަން ސުޕަ ލީގުގައި އެ ޓީމުގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވުމުން ކޯޗު ސްޕެއިނުގެ ކާލެސް ކުއާޑްރަޓް އިސްތިއުފާ ދިނުމުންނެވެ. އީސްޓް ބެންގާލަށް ކަލިންގާ ސުޕަ ކަޕް ކާމިޔާބުކޮށްދީ 12 އަހަރު ތެރޭ ފުރަތަމަ ތަށި ހޯދައިދިން ކޯޗާ އެކު، އެ ޓީމު މި ސީޒަނުގެ އިންޑިއަން ސުޕަ ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން ބަލިވީ އެވެ. އޭގެ ފަހުން ކުޅުނު މެޗުން ވެސް ވެސް އެ ޓީމު އޮތީ ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގަ އެވެ. އެއް ވަނައިގައި އޮތީ ތިން މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް 10 ޕޮއިންޓާ އެކު ބެންގަލޫރެވެ.

އިންޑިއާގެ ފުޓްބޯޅައިގެ ހިތް ކަމަށްވާ ކަލްކަތާ އަށް ނިސްބަތްވާ އީސްޓް ބެންގާލަކީ އިނގިރޭސިންގެ ދަށުގައި އިންޑިއާ އޮތްއިރު 1920 ވަނަ އަހަރު އުފެދުނު ކްލަބެކެވެ. އީސްޓް ބެންގާލުން ވަނީ އިންޑިއާގެ ލީގު ޗެމްޕިއަންކަން ތިން ފަހަރު، ފެޑެރޭޝަން ކަޕް ތިން ފަހަރު، އަދި ކަލްކަތާ ފުޓްބޯޅަ ލީގު 39 ފަހަރު ހޯދައިފަ އެވެ.

އެ ޓީމާ އަލަށް ހަވާލުވި އޮސްކާ އަކީ ސްޕެއިނުގެ ސެލްޓާ ވީގޯގެ ޔޫތު ޓީމުގެ ކޯޗުކަމާއި މަޔޯކާގެ އެސިސްޓަންޓް ކޯޗުކަންކޮށްފައިވާ ތަޖުރިބާކާރެކެވެ. އޭނާ ވަނީ މީގެ ކުރިން އިންޑިއާގައި ވެސް މަސައްކަތްކޮށްފަ އެވެ. އެގޮތުން ފްރާންސްގެ ކުރީގެ ފޯވާޑް ނިކްލަސް އަނެލްކާގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި މުމްބާއީ ސިޓީގައި އަދި ފަހުން މުމްބާއީ އެފްސީގެ ހެޑްކޯޗުކަންކުރި އެވެ.

އޭނާގެ ރާއްޖޭގައި މަސައްކަތްކުރީ 2017 އަދި 2018 ވަނަ އަހަރު އެވެ. އެ ދެ ސީޒަނުގައި އޮސްކާ ވަނީ ނިއު އަށް ދިވެހި ޕްރިމިއާ ލީގާއި، އެފްއޭ ކަޕާއި، ޕްރެޒިޑެންޓްސް ކަޕާއި، ޗެރިޓީ ޝީލްޑް ހޯދައިދީފަ އެވެ. އޮސްކާ އޭރު ނިއު ލައްވައި ކުޅުވީ ރާއްޖޭގައި މަދުން ނޫނީ ނުފެންނަ ކަހަލަ ރީތި ޕާސިން ގޭމެކެވެ. އޭގެ ފަހުން ބަޝުންދުރާ އަށް ގޮސް އެ ޓީމަށް ބަންގްލަދޭޝް ޕްރިމިއާ ލީގު ހަތަރު ފަހަރު ހޯދައިދިނެވެ.