އެމެރިކާގެ ރައީސް ކަމުގެ މަގާމަށް ޖޯ ބައިޑެން އިންތިހާބު ވެއްޖެ ނަމަ 9/11 ފަދަ ހަމަލާއެއް ތަކުރާރުވެދާނެ ކަމަށާއި ރައްކާތެރިކަން ލިބޭނީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެ ވަނަ ދައުރަކަށް އިންތިހާބުކޮށްގެން ކަމަށް އުސާމާ ބިން ލާދިން އަށް ބޮޑުބޭބެ ކިޔާ ނޫރް ބިން ލާދިން ބުނެފި އެވެ.
ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާގެ މޭސްތިރި ކަމަށް ތުހުމަތުކުރާ ބިން ލާދިންގެ އާއިލީ މެންބަރެއް ކަމަށްވާ ނޫރް ނިއު ޔޯކް ޕޯސްޓަށް ބުނީ އައިސިސް ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ބާރު ޔޫރަޕާއި މުޅި ދުނިޔެ އަށް ގަދަކޮށްލީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ކަމަށެވެ. އެކަމަކު ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، ޓެރަރިސްޓުން ހަމަލާ ދިނުމުގެ ކުރިން ނުރައްކާ ނައްތާލާ ކަމަށް ބުންޏެވެ.
ބިންލާދިން މަރާލީ އޮބާމާގެ ވެރިކަމުގަ އެވެ. އޭރު ނައިބު ރައީސްކަމުގައި ހުންނެވީ ބައިޑެން އެވެ.
ސްވިޓްޒަލެންޑުގައި އުޅޭ ނޫރް ބުނީ އޮބާމާ އާއި ބައިޑެންގެ ވެރިކަމުގައި އައިސިސްގެ ބާރުގެ ގަދަވި ކަމަށެވެ. އުމުރުން 33 އަހަރުގެ ނޫރް ބުނި ގޮތުގައި 2015 ވަނަ އަހަރު ޓްރަމްޕް ރައީސް ކަމަށް ކުރިމަތިލެއްވި ހިސާބުން ވެސް އޭނާ އަށް ވަރަށް ބޮޑަށް ތާއީދުކުރެވުނެވެ.
"އޭނާ އެބަ ޖެހޭ ދެ ވަނަ ދައުރަކަށް އިންތިހާބުކުރަން ... އެއީ ހަމައެކަނި އެމެރިކާގެ މުސްތަގުބަލަށްޓަކައި ކުރަން ޖެހޭ ކަމެއް ނޫން. އެއީ މުޅި ވެސްޓަން ސިވިލައިޒޭޝަންއަށްޓަކައި ކުރަންޖެހޭ ކަމެއް،" ނޫރް ބުންޏެވެ.
ނޫރަކީ ބިން ލާދިންގެ އެންމެ ދޮށީ އެއްބަފާ ބޭބެ ޔަސްލަމް ބިން ލާދިން އާއި ސްވިސްގެ ލިޔުންތެރިޔާ ކާމެން ދަފޫރްގެ ކައިވެންޏަށް ލިބިފައިވާ ދަރިއެކެވެ. މި ކައިވެނި 1988 ގައި ވަނީ ރޫޅިފަ އެވެ.
ނޫރާއި އޭނާގެ ޕޮޕް ސްޓާ އަންހެން ދެބެއިން ކަމަށްވާ ވަފާ އާއި ނާޖިއާ އުޅެ ބޮޑުވީ ސްވިޓްޒަލެންޑުގަ އެވެ. އެ މީހުން ބުނާ ގޮތުގައި ދިރިއުޅުމުގައި ބައްޕަގެ އެއްވެސް ހިއްސާއެއް އެ މީހުންނަށް ލިބިފައެއް ނުވެ އެވެ.