ހަތްދިހަ ފަސް ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގެ އުސްއަލިތަކަށް ބަލާއިރު، މި ފަހަރު ކޮންމެހެން ވެސް އޮޕްރާ ވިންފްރީގެ ވާހަކަ ދައްކަން އެބަ ޖެހެ އެވެ. މުނިފޫހިފިލުވުމުގެ ދާއިރާ އަށް އޭނާ ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް، ހޮލީވުޑް ޕްރެސް ފޮރިން އެސޯސިއޭޝަން (އެޗްޕީއެފްއޭ) އިން ދޭ ސެސިލް ބީ. ޑެމިލް އެވޯޑް ވެސް މި ފަހަރު ލިބުނީ އޭނާއަށެވެ.
އެކަމަކު ދައްކަން މި އުޅެނީ އެ އެވޯޑްގެ ވާހަކައެއް ނޫނެވެ.
އެ އެވޯޑާ ހަވާލުވުމަށް ފަހު ސްޓޭޖްމަތީގައި އޮޕްރާ ދެއްކި ވާހަކަ ވަނީ އެތައް ބައެއްގެ ހިތްތަކާ ކުޅެލައިފަ އެވެ. އެއް ސަބަބަކީ މި ފަހަރުގެ އެވޯޑް ހަފުލާއަކީ ޖިންސީ ފުރައްސާރަތަކާ ދެކޮޅުކަން އެތައް ބަޔަކު ދެއްކުމަށްޓަކައި ކަޅު ހެދުމުގައި ނިކުމެ ޝުއޫރު ފާޅުކުރި ހަފުލާއަކަށްވުމެވެ.
އޮޕްރާ ދެއްކި ހިތްވަރު ގަދަ ވާހަކަތަކާ އެކު، އެވޯޑް ހަފުލާ އަށް ހާޒިރުވެ ހޯލްގައި ތިބި އެންމެން ތިން ފަހަރެއްގެ މަތިން ކޮޅަށް ތެދުވެ، ހޫނު މަރުހަބާއެއް ކިޔެ އެވެ. ހަމަ އެއާ އެކު ޓީވީ މެދުވެރިކޮށް، އެވޯޑް ހަފުލާ ލައިވްކޮށް ބެލި އެތައް ބައެއްގެ ހިތްތައް ވެސް އޮޕްރާ ވަނީ އަތުލައިފަ އެވެ.
އޭނާގެ ވާހަކަ މައިގަނޑަކަށް ހާއްސަ ކުރީ އަންހެނުންގެ ބާރުވެރިކަމާ ބެހޭ ގޮތުންނެވެ. މިހާރަށް ވުރެ ބޮޑަށް އަންހެނުން ހިތްވަރުކޮށްފައި ނުކުމެ، އެ މީހުންގެ ކުޅަދާނަކަމާއި ގާބިލިއްޔަތުކަން ދައްކަން ޖެހޭ ވަގުތު އަތުވެއްޖެ ވާހަކަ އެވެ.
ހަމަމިއާ އެކު ހޮލީވުޑްގައި އަންހެން ފަންނާނުންނަށް ހުރި ހުރަސްތަކާއި ގޮންޖެހުންތަކާ ދެކޮޅަށް ކެރިގެން ނުކުމެ، ފާޅުގައި ބަސް ބުނަން ޖެހޭކަން އޮޕްރާ ފާހަގަ ކުރި އެވެ.
"އަންހެނުން ހިމޭނުން ތިބުން ނިމުމަކަށް ގެންނަންވެއްޖެ. އަންހެނުން ފާޅުގައި ނުކުމެ އަޑު އުފުލާ ބަޔަކަށްވެގެން ނޫނީ އެ މީހުންނަނަށް ލިބެންވާ ހައްގުތަކެއް ނުލިބޭނެ،" އަބަދު ވެސް ވަރަށް ނުފޫޒުގަދަ އަންހެނެއްގެ ގޮތުގައި މަޝްހޫރު އޮޕްރާ، 63، ބުންޏެވެ.
އޭނާ މި މޭރުމުން ދެއްކި ވާހަކަތަކާ އެކު ހަފުލާ ބަލަމުން ދިޔަ އެތައް ބަޔަކު ވަނީ އެ މީހުންގެ ޝުއޫރުތައް ޓްވިޓާގައި އޮއްސާލައިފަ އެވެ.
އޮޕްރާގެ ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ބުނަމުން އަންނަނީ އެމެރިކާ އަށް މިހާރު ބޭނުން ވަނީ އެކަހަލަ ރައީސާއެއް ކަމަށެވެ. އަދި 2020 ގައި އޮންނަ ރިޔާސީ އިންތިހާބަށް އޮޕްރާ ނުކުންނަން ފެންނަ ކަމަށާއި ޔަގީނުން ވެސް ވޯޓް ދޭނެ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ޓްވީޓްކޮށްފައިިވެ އެވެ.
މި ޓްވީޓްތަކުގެ ތެރޭގައި އޮޕްރާ އަށް ފާޑު ކީ ބަޔަކު ވެސް ތިއްބެވެ. އެއް ބަޔަކު ބުނީ އޭނާ ސްޓޭޖްމަތީގައި ކުރި ކަމަކީ އިންތިހާބަށް ނުކުންނަން އުޅޭކަން ނުރަސްމީކޮށް އިއުލާން ކުރުން ކަމަށެވެ.
"އޭނަގެ ވާހަކައިން ހަމައެކަނި މަދުވި ތަންކޮޅަކީ 2020 ގައި އޮންނަ އިންތިހާބުގައި ތިމަންނަ ވާދަ ކުރާނަމޭ ބުނުން،" އެކެއްގެ ޓްވީޓްގައި ބުންޏެވެ.
ކޮންމެއަކަސް އިންޓަނެޓްގައި އެތައް ބަޔަކު ގޮވާލި ގޮވައިލުމާ ބެހޭ ގޮތުން އޮޕްރާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެހެންވެ އެމެރިކާގެ ރައީސާގެ މަގާމަށް އޭނާގެ ޝައުގެއް ހުރިތޯ ނުވަތަ ނޫންތޯ އަދި ބުނާކަށް ނޭނގެ އެވެ.