"ތިބާ ތިޔައީ ގައުމެއްގެ ވެރިޔާ އެވެ." އެހެންކަމަށް ހިތައި ހިނދުކޮޅަކު އެކަމާ ވިސްނާ ފިކުރުކުރާށެވެ. އެފަދަ ދަނޑިވަޅެއްގައި އެންމެ އިސްކަންދޭނީ ކޮން ކަމަކަށްތޯ އެވެ؟ އެފަދަ މަގާމެއްގައި ހުރެގެން މިތުރުންނާއި ހަތުރުންނާއި އަދި ޖުމްލަކޮށް މުޅި ގައުމުގެ އެންމެހާ ރައްޔިތުންނާ މެދު ތިބާ އަމަލުކުރާނީ ކިހިނެއްތޯ އެވެ؟

ނިސްބަތުން ބަލާއިރު، ހުރިހާ ވެރިން ވެސް، އެއީ ގައުމެއްގެ ވެރިއަކަސް، ނުވަތަ ބޮޑު ހާންދާނެއްގެ އެންމެ އިސް މީހާއަށް ވިއަސް އަދި ހަމަ އެހެންމެ އާދައިގެ ކުންފުންޏެއްގެ ވެރިއަކަށް ވިއަސް، ތާއަބަދު ކުރާ އެއް ކަމެއް އޮވެ އެވެ. އެއީ، ކަންކަމުގައި ގޮތް ނިންމުމެވެ. ކަންކަންމުގައި ގޮތް ނިންމުމަކީ، އަދި ވަކިން ހާއްސަކޮށް އެންމެ ރަނގަޅު ގޮތް ކަނޑައެޅުމަކީ، އެހާ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ، އެފަދަ މަގާމެއްގައި ހުންނަ މީހަކު އެންމެ ބޮޑަށް ވިސްނަން ޖެހޭނެ އެއް ކަމަކީ އޭނާ އެކަމެއް ނިންމާ ގޮތަކާ ވިއްދައިގެން ނިކުންނާނެ ނަތީޖާއަށެވެ. އެއީ، އެފަދަ ކަމަކުން ލިބިދާނެ ފައިދާ އާއި އެއްވަރަށް އިއާދަނުކުރެވޭ ބޮޑު ގެއްލުމެއް ލިބުމުގެ ފުރުސަތު ވެސް އޮތުމުންނެވެ.

ކަމެއްގައި ގޮތް ނިންމުމުގައި އަމަލު ކުރާނެ ތަފާތު އުކުޅުތައް ވެ އެވެ. މިސާލަކަށް، އެމީހެއްގެ އަމިއްލަ ޒަމީރު އެކަމުގައި ގަބޫލުކުރާ ގޮތާ އެއްގޮތަށް ވެސް ކަންކަން ނިންމިދާނެ އެވެ. އަދި ބައެއް ފަހަރަށް އެހާ ޔަގީންކަމެއް ނެތް ނަމަ ފައިސާ ފޮއްޗަކުން ގުރުލައިގެން ވެސް ގޮތެއް ކަނޑައެޅިދާނެ އެވެ. ކޮންމެއަކަސް، ވިސްނަން ޖެހޭ ނުކުތާ އަކީ އެނިންމާ ނިންމުމަކީ ވީހާވެސް ހަމަހަމަ އަދި ގެއްލުން ކުޑަ ނިންމުމަކަށް ވުމެވެ. މިގޮތަށް އަމަލް ކުރުމަށް، ތިމާގެ އަމިއްލަ ހިޔާލަށް ވުރެ ބޮޑަށް، އެހެން މީހުންގެ އުދާސްތަކާއި އިހްސާސްތަކަށް ވިސްނުމަކީ މުހިއްމު ކަމެކެވެ. އަދި އެފަދަ ނިންމުމަކުން ތިމާއަށް ނާޖާއިޒު ގޮތެއްގައި މަންފާ ލިބިދާނެ ކަމަށް އުއްމީދު ކޮށްގެން ނުވާނެ އެވެ. އެހެނީ، ކަމެއް ނިންމާއިރު ތިމާގެ އަމިއްލަ އެދުން ކުރިއަށް ނެރުމަކީ ގޯހެކެވެ.

ތިމާ އަކީ ގައުމެއްގެ ވެރިއަކަސް ނުވަތަ އެނޫން މީހަކަސް، ވިސްނަން ޖެހޭނެ ހަގީގަތަކީ، ދިރިއުޅުމުގައި ތިމާއަކީ ރަނގަޅު އިންސާނަކަށް ވުމެވެ. ތިމާ އަކީ، އަމިއްލަ އެދުމުން އެއްކިބާވެ ހުރި އަދި ހަރުދަނާ މީހަކަށް ވުމެވެ. އެވަރުން ފުދޭނެ އެވެ.