އެއް ރަށެއްގެ ވެރިންގެ ވަފުދެއް، އެހެން ރަށަކަށް ކުރި "ތަޖުރިބާ ދަތުރެއް" ނިންމަވާލެއްވުމަށް ފަހު އެނބުރި ވަޑައިގަންނަވަނިކޮށް އަޅުގަނޑާ ބައްދަލުވި އެވެ. ހާލުއަހުވާލު އެހުމަށް ފަހު، ދަތުރުގެ މައިގަނޑު މަގުސަދާ ގުޅޭގޮތުން ސުވާލު ކުރުމުން ވަރަށް ދިގުކޮށް ވާހަކަ ދެއްކެވި އެވެ. ވަރަށް ފުރިހަމަ އެވެ.
އެހެންނަމަވެސް އެ މަގުސަދުތައް ލިޔުމުން އެކަށައަޅާފައިވޭތޯ އެހުމުން ވިދާޅުވީ ނޫނެކޭ އެވެ. ހަމައެއާއެކު، ދަތުރުގެ ތެރޭގައި ފާހަގަކުރެވުނު މުހިންމު ކަންކަމާއި ޒިޔާރަތްކުރި ތަންތަނުގެ ތަފްސީލާއި ދެއްކެވުނު ވާހަކަތައް ނޯޓު ކުރެވުނުތޯ ސުވާލު ކުރުމުން ވެސް ލިބުނީ ހަމަ އެ ޖަވާބެވެ. އެ ދަތުރުން އެހެން މީހަކަށް ލިބޭނޭ އެއްވެސް މަންފާއެއް ނެތީ އެވެ. ވީގޮތަކާއި ކުރެވުނު ތަޖުރިބާއެއް އޮތީ އޮތް ތަނެއްގަ އެވެ.
މިއީ މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދޭން ޖެހިފައި އޮތް ބޮޑު މައްސަލައެކޭ ހިތަށް އަރާތާ ލައްކަ ޒަމާންވެފައި ހުއްޓައި މިކަމެއް ދިމާވުމުން، މި މައުލޫއުގައި އެއްޗެއް ލިޔެލާން ހިތަށް އަރައިފި އެވެ. ބޭނުމަކީ، މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނައުމުގެ އަމަލީ މަސައްކަތެއް ފެށުމެވެ.
ތަޖުރިބާ ދަތުރުތަކަކީ ހަމައެކަނި މުނިފޫހިފިލުވައިލުމަށް ނުވަތަ ދަތުރެއް ކޮށްލުމަށް ކުރެވޭ ކަމެއް ނޫނެވެ. މިއީ ސާފު މަގުސަދެއްގެ މައްޗަށް ބިނާވެ، ކަމާގުޅޭ މުހިންމު މައުލޫމާތާއި އަމަލީ ތަޖުރިބާ ހޯދައި، ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ދުރާލާ ރޭވިގެން ކުރިއަށް ގެންދަންޖެހޭ ދަތުރުތަކެކެވެ. ވަކިން ހާއްސަކޮށް، ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުން ކުރާ މިފަދަ ދަތުރުތަކަކީ ރައްޔިތުންގެ ފައިސާއިން ކުރެވޭ ހަރަދުތަކަކަށް ވާތީ، މިއީ ފުރިހަމަ ޒިންމާދާރުކަމާއި ޖަވާބުދާރީވުމާއެކު ކުރަންޖެހޭ އަދި އެދެވޭ ނަތީޖާއެއް ހާސިލު ކުރަންޖެހޭ މުހިންމު ކަމެކެވެ.
މި މަގުސަދުތައް ހާސިލުކުރުމަށްޓަކައި، މިފަދަ ދަތުރުތައް ކުރުމުގައި އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް ފެނެއެވެ.
ދަތުރުގެ ކުރިން: ލަނޑުދަނޑިތަކާއި މަގުސަދު ސާފުކުރުން
ކޮންމެ ތަޖުރިބާ ދަތުރެއް ފެށުމުގެ ކުރިން ވެސް، އެ ދަތުރެއްގެ މައިގަނޑު ބޭނުމާއި ހާސިލުކުރަން އެދޭ ނަތީޖާތައް (Objectives) ލިޔުމުން އެކަށައަޅަންޖެހެ އެވެ. ސާފު އަމާޒެއް ނެތި ކުރެވޭ ދަތުރުތަކަކީ އެކަށީގެންވާ މައުލޫމާތު ނުލިބި، ވަގުތާއި މާލީ ވަސީލަތްތައް ބޭކާރު ވެގެންދާނެ ކަމެކެވެ. އެހެންކަމުން ދަތުރުގެ ކުރިން، އެ ދަތުރުގެ މައިގަނޑު ބޭނުމާއި އޭގެ ސަބަބުން މުއައްސަސާއަށާއި މުޖުތަމައަށް ލިބޭނެ ފައިދާތައް ދުރާލާ ކަނޑައެޅިފައި އޮތުން މުހިންމެވެ.
ހަމަ އެއާއެކު، އެ ދަތުރުގައި ބައްދަލުކުރާނެ ފަރާތްތަކާއި ޒިޔާރަތް ކުރާނެ މަރުކަޒުތައް ވެސް ކުރިއާލާ ތާވަލުކޮށް ހަމަޖައްސާފައި އޮންނަންޖެހެ އެވެ.
ދަތުރުގެ ތެރޭގައި: މައުލޫމާތު ހޯދުމާއި ރެކޯޑުކުރުން
ދަތުރުގެ ގީގީ ނަތީޖާ ފެންނާނީ ދަތުރުގެ ތެރޭގައި ކުރެވޭ ހަރުދަނާ މަސައްކަތްތަކުންނެވެ. އެގޮތުން، ބައްދަލުވާ ފަރާތްތަކާ މަޝްވަރާކޮށް، މައުލޫމާތު އޮޅުންފިލުވުމަށް ތައްޔާރުވާން ޖެހެ އެވެ.
މިކަން ކުރުމަށް ސުވާލުތައް އެކުލަވައިލުން: އެ ފަރާތްތަކުގެ ކާމިޔާބީގެ ސިއްރުތަކާއި ދިމާވި ގޮންޖެހުންތަކާއި އެ ކަންކަން ހައްލުކުރުމަށް އެޅި ފިޔަވަޅުތަކާ ގުޅޭގޮތުން ސުވާލުކުރުން.
މައުލޫމާތު ނޯޓުކުރުން: ލިބޭ މައުލޫމާތުތަކާއި ފާހަގަކުރެވޭ މުހިންމު ކަންކަން ވަގުތުން ވަގުތަށް ލިޔެ ރެކޯޑުކުރުން (Field notes). މިއީ ދަތުރަށްފަހު އެކުލަވައިލާ ރިޕޯޓުގެ މައިގަނޑު ބިންގަލެވެ.
ދަތުރަށް ފަހު: ފުރިހަމަ ރިޕޯޓެއް އެކުލަވައިލުން.
ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ކުރެވޭ ކޮންމެ ދަތުރަކީ އޭގެ ނަތީޖާއަށް ޒިންމާވާން ޖެހޭނެ ކަމެކެވެ. އެހެންކަމުން، ދަތުރު ނިންމުމަށް ފަހު ފުރިހަމަ އިވެލުއޭޝަން ރިޕޯޓެއް (Comprehensive Trip Report) އެކުލަވައިލަންޖެހެ އެވެ. މި ރިޕޯޓުގައި ހިމެނެންޖެހޭ މައިގަނޑު ބައިތަކަކީ:
- ދަތުރުގެ ހުލާސާ މައުލޫމަތު: ދަތުރުގެ މަގުސަދާއި ޒިޔާރަތްކުރި ތަންތަނާއި ހިނގި ހަރަދުގެ ތަފްސީލު.
- ހޯދުންތައް(Findings): ދަތުރުގެ ތެރެއިން އެއްކުރި މައުލޫމާތުތަކާއި ދަސްވި އައުކަންކަން.
- ހުށަހެޅުންތައް(Recommendations): ދަތުރުން ލިބުނު ތަޖުރިބާގެ އަލީގައި އަމިއްލަ މުއައްސަސާގެ ހިންގުން ނުވަތަ ހިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި އަމަލީ ގޮތުން ތަންފީޒު ކުރެވިދާނެ ކަންކަން.
"ތަޖުރިބާ ދަތުރުތަކަކީ" އަމަލީ މައިދާނުން އައު މައުލޫމާތާއި ހުނަރު ލިބިގަނެ، ހިދުމަތުގެ ފެންވަރު މަތިކުރުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ. ދަތުރުގެ ކުރިން ފުރިހަމައަށް ރޭވި، ދަތުރުގެ ތެރޭގައި އެކަށީގެންވާ މައުލޫމާތު އެއްކޮށް، އަދި ދަތުރަށް ފަހު، ފުރިހަމަ ރިޕޯޓެއްގެ ޒަރީއާއިން އެ މައުލޫމާތުތައް ހިއްސާ ކުރެވިއްޖެ ނަމަ އެއީ ރައްޔިތުންގެ ފައިސާއިން އެންމެ ފައިދާ ހުރި ގޮތުގައި ކުރެވުނު، ނަތީޖާ ނެރެދޭނެ ދަތުރަކަށް ވާނެ އެވެ.
ދިވެހިންނަކީ އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ގިނައިން ދަތުރުފަތުރުކޮށް، ދުނިޔެ ހިނގާ މަގާއި ކުރިއަރާފައިވާ ގައުމުތަކުގެ ކަންކަން ތަޖުރިބާ ކޮށްފައިވާ ބައެކެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ގައުމުގައި ކަންކަން ހިނގަމުންދަނީ އެފަދަ ގައުމުތަކުގައި އަމަލުކުރާ ހަރުދަނާ އުސޫލުތަކާ އެއްގޮތަށް ނޫންކަން އަމިއްލައަށް އިހުސާސް ކުރެވެ އެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ އުސޫލުތަކާއި ގަވާއިދުތަކުގައި ހުރި ފުށުއެރުންތަކާއި ދެކޮޅުނުޖެހޭ ކަންކަމާ މެދު އެންމެ ބޮޑަށް އަޑު އުފުލަނީ ވެސް ހުދު އަޅުގަނޑުމެންނެވެ. މިފަދަ ކަންކަން އިސްލާހުކޮށް ދޭން ބޭރުން ބަޔަކު ނާންނާނެ އެވެ. ވުމާ އެކު، ހެޔޮ ބަދަލެއް ގެނައުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.
ރައްޔިތުންގެ ފައިސާގައި ދައުލަތުގެ މުވައްޒަފަކު ދަތުރެއް ކޮށްފައި އެނބުރި އަންނައިރު، އެ ދަތުރުގެ ސަބަބުން ރައްޔިތުންނަށްވީ ފައިދާއެއް އޮންނަންޖެހެ އެވެ. ހާއްސަކޮށް، ތަޖުރިބާ ދަތުރެއް ނަމަ އެ ލިބުނު ތަޖުރިބާއަކީ ކޮބައިކަން ލިޔުމުން ފެންނާން އޮންނާން ޖެހެ އެވެ. އެކަންކަން އެ މަގުން ނުކުރެވޭ ނަމަ އެފަދަ ދަތުރަކީ ހަމައެކަނި ދައުލަތުގެ މުވައްޒަފުންގެ ހިތް އުފާކޮށްލަން ކުރެވޭ ދަތުރަކަށް މެނުވީ ނުވާނެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަކީ މަޖިލިހުގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މައްސަލަތަކާއި ހުށަހެޅުންތައް މަޖިލިހަށް ހުށަހެޅުއްވި މެމްބަރެވެ.
ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތުމުގެ ކުރިން ވެސް އޭނާއަކީ މުޖުތަމައުގެ އެކިއެކި މައްސަލަތައް ކަމާގުޅޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް އެކި ފެންވަރުގަައި މަސައްކަތް ކުރެއްވި އަދިވެސް އެ ގޮތުގައި ހުންނެވި ބޭފުޅެކެވެ.